ޞާދިރު ޢަލީދީދީ   12 މޭ 2023 - 13:45
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



- 11 -

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބޭފުޅުންކުރެ އެންމެ ހަނގުދަރިކަލަކީ إبراهيم އެވެ. އެކަލޭގެފާނު ލިބިވަޑައިގަތީ ހިޖްރައިން 9 ވަނަ އަހަރު مارية القبطية ގެ ބަނޑުފުޅުންނެވެ. ޢުމުރުފުޅުގައި އެންމެ ގާތްގަނޑަކަށް އެންމެ 18 މަހުގައި إبراهيم އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވި ދުވަހަކީ އިރުކޭތަ ހިފި ދުވަހެކެވެ. މަޙްމޫދު ބާޝާ އަލްފަލަކީގެ ހޯއްދެވުންތަކުގައިވާގޮތުން އެދުވަހަކީ ހިޖްރައިން 29 ޝައްވާލް 10 އަހަރެވެ. އިހުޒަމާނުގައި ކޭތައާބެހޭގޮތުންވަނީ އެކިވައްތަރުގެ ވަހްމީ ޚިޔާލުތައް ފެތުރިފައެވެ. ކޮންމެވެސް ބޮޑުމީހަކު މަރުވެއްޖެނަމަ އިރު ނުވަތަ ހަނދުގައި ކޭތަހިފައެވެ. إبراهيم رضي الله عنه އަވަހާރަވި ދުވަހު އިރުކޭތަ ހިފުމުން މަދީނާގެ މީހުން ވާހަކަ ދައްކާންފެށިއެވެ. "މިއަދު އިރުކޭތަހިފީ ނަބިއްޔާގެ ދަރިކަލުން އަވަހާރަވުމުގެ ސަބަބުންނެވެ."

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް މިވާހަކަތަކުގެ ޚަބަރު ލިބިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ. "މަރުގެ ޙާދިޘާއާ އިރުކޭތަ ހިފުމާ އެއްވެސް ގުޅުމެއް ނެތެވެ." މާތް ރަސޫލާ ވިދާޅުވިކަމަށް أبو موسي الأشعري رضي الله عنه ރިވާކުރައްވާފައިވެއެވެ.

ކޭތަހިފުން މިއީ މާތް ﷲ ދައްކަވާ ނިޝާނެކެވެ. މިއީ އެއްވެސް މީހަކު މަރުވުމުގެ ސަބަބުން ވާކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ މާތް ﷲ މިކަމުގެ ޒަރީޢާއިން އެކަލާނގެ އަޅުތަކުން ބިރުވެތި ކުރައްވައެވެ. އެހެންކަމުން ކަލޭމެންނަށް މިކަހަލަ ކަމެއް (ކޭތަހިފައިފައި ހިއްޓައި) ފެނިއްޖެނަމަ ބިރުވެތިކަމާއެކު މާތް ﷲ ގެ ރަސްކަންފުޅު ހަނދުމަކުރާށެވެ. އެކަލާނގެ ޙަޟުރަތަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ޙަޟުރަތުން ފާފަފުއްސެވުން އެދޭށެވެ.

އިރުކޭތަ ހިފުމަކީ ނުވަތަ ހަނދުކޭތަ ހިފުމަކީ އިއްތިފާޤުން ދިމާވާ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ކަނޑައެޅިފައިވާ ފަލަކީ ޤާނޫނެއްގެ ދަށުން ހިނގާކަމެކެވެ. އިރާއި ހަނދު ދައުރުވަނީ ޤުދްރަތީ އުޞޫލެއްގެ މަތީންނެވެ. އިރާއި ހަނދު ދައުރުވުމުގައި ބައެއްފަހަރު، ބިން އިރާއި ހަނދާ ދެމެދަށް ވަދެއެވެ. މީގެސަބަބުން އިރުގެ އަލި ފުރިހަމައަށް ހަނދަށް ފޯރާގޮތެއް ނުވެއެވެ. މިގޮތުން ހަނދުކޭތަހިފައެވެ. ހަމައެފަދައިން ބައެއްފަހަރަށް ދުނިޔެއާއި އިރާ ދެމެދަށް ހަނދުވަދެއެވެ. ނަތީޖާއެއްގެ ގޮތުން އިރުގެ އަލިކަން ބިމަށް ލިބުމަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން އިރުކޭތަހިފައެވެ.

އާދެ އިރުކޭތަ ހިފުމަކީ އިރު ހަނދުގެ ބިއްދޮށަށް ވަނުންކަހަލަ ކަމެކެވެ. ހެނދުކޭތަހިފުމަކީ ހަނދު ދުނިޔޭގެ ބިއްދޮށަށް ވަނުން ކަހަލައެވެ. މިހުރިހާ ކަމެއްވެސް ހިނގަނީ އެނގި ބަޔާންވެގެންވާ އިލާހީ ފަލަކީ ނިޒާމާ އެއްގޮތަށެވެ. މިސާލެއްގެ ގޮތުން 16 ފެބްރުއަރީ 1980 ގައި އިރުކޭތަ ހިފިއެވެ. ފަލަކީ ޢިލްމުވެރީންނަށް އެކަން އޮތީ ވަރަށްކުރީއްސުރެ އެނގިފައެވެ. އެމީހުންވަނީ ކޭތަހިފާނެ ވަގުތުވެސް ވަރަށް ބަރާބަރަށް ހޯދައިފައެވެ. އިރުކޭތަ ހިފާންފެށަނީވެސް އަދި ވީއްލައި ނިމެނީވެސް މިދެންނެވި ފަލަކީ ޢިލްމުވެރީންގެ ހޯދުންތަކުގެ އަލީގައި އެމީހުން ލަފާކުރާ ވަގުތުތަކުގައިއެވެ.

ޝައްކެއްނެތެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކަށް ކޭތަ ފެންނަގޮތް ތަފާތެވެ. ބައެއް ސަރަޙައްދުތަކަށް މުޅިކޭތައެއް ފެންނައިރު އަނެއްބައި ސަރަޙައްދުތަކަށް ފެންނަނީ ފަޅިކޭތައެކެވެ. ފުރިހަމައަށް އިރުކޭތަ ހިފައިފައި ހުންނައިރު އިރުގެ އަލިކަން ގާތްގަނޑަކަށް އެއްހާސްގުނަ ކުޑަވެއެވެ.

އިތުރު ސާހިބާގެ ސުންނަތަކީ އިރުކޭތަ ހިފުމުންނާއި ހަނދުކޭތަ ހިފުމުން ކޭތަނަމާދު ކުރެއްވުމެވެ. ކޭތަނަމާދަކީ މާތް ﷲ ގެ ޙަޟުރަތުގައި ތިމާގެ ނުކުޅެދުންތެރިކަމާއި އާރެއްބާރެއްނެތްކަން ފާޅުކުރުމެވެ. އިރަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު ނިޢުމަތެކެވެ. މާތް ﷲ އިރުގެ ޒަރީޢާއިން އަޅުގަނޑުމެންނަށް މެދުކެނޑުމެއްނެތި އަލިކަމާއި ހޫނުކަން ލިބުމުގެ މަގުފަހި ކުރެއްވިއެވެ. އިރުކޭތައަކީ އިރަށް އަލިކަން ދެއްވިފަރާތަށް އެލިކަން ގެންދެވުމުގެ ކުޅަދުންވަތަކަން ލިބިވޮޑިގެންވާ ކަމުގެ ހެއްކެކެވެ. މާތް ﷲ ހަމަކޮންމެ ކަމަކަށްމެ ކުޅަދުންވަންތައެވެ. އެކަލާނގެ އިރާދަފުޅާއެކު ކޮންމެ ހިނދެއްގައި އަޅުގަނޑުމެންގެ ކިބައިން ކޮންމެ ނިޢުމަތެއްވެސް އަނބުރައި ގެންދަވާފާނެއެވެ. އެހެންކަމުން ކޭތަހިފުމުން އިންސާނުންނަށް އޮތީ އެކަލާނގެ ރަސްކަންފުޅު ހަނދާނުރުމެވެ.

މާތް ﷲ ގެ ރަސްކަންފުޅަށް ތިމާ ބޭނުންވެފައިވާލެއް ބޮޑުކަން ހިތްމައްޗަށް ގެނެސް އެކަލާނގެ ރަސްކަންފުޅަށް ސަޖިދައަށް ތިރިވުމެވެ. އެކަލާނގެ ރަސްކަންފުޅަށް މުނާޖާ ދެންނެވުމެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އިރުގެ އަލިކަން ގެންދަވައިފިނަމަ އަލިކަން ދޭނެ ފަރާތެއް ނުވެއެވެ. އިބަރަސްކަލާނގެ އަޅަމެން އަކިކަމާއި ހޫނުކަމުން މަޙްރޫމް ކުރައްވައިފިނަމަ އަޅަމެންނަށް އަލިކަމާއި ހޫނުކަން ހޯދައިދެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ."

ކޭތަހިފުމަކީ ހަމައެކަނި އިރާއި ހަނދަށް ޚާއްޞަކަމެއް ނޫނެވެ. މާތް ﷲ ދެއްވާފައިވާ އެހެނިހެން ނިޢުމަތްތަކާވެސް މިބާވަތުގެ ޙާދިޘާތައް ތަފާތު ސިފަސިފައިގައި ކުރިމަތިވެއެވެ. ދޮޅަހެޔޮކަމާއި ގުޅިފައިވާ ބަލިމަޑުކަމަކީ އިންސާނާގެ ހަށިގަނޑުގައި ހިފާ "ކޭތަ" އެއް ފަދައެވެ. މިގޮތުން އިންސާނާއަށް ދެއްވާފައިވާ ނިޢުމަތެއް ހިނދުކޮޅަކަށް ނިގުޅުއްވުމުން އެނިޢުމަތެއް ލިބިފައިވާ ކަމުގެ މަތިން އޭނާ ހަނދާންވެއެވެ. އިންސާނާގެ ކިބައިގައި ޝުކުރުވެރިވުމުގެ ޖަޒްބާތު އުފެއްދެވުމަށްޓަކައެވެ. އެނިޢުމަތެއް އަބަދަށްޓަކައި ނިގުޅުއްވައިގެންފިނަމަ އޭނާގެ ޙާލު ހުންނާނެ ގޮތް އަޅުގަނޑުމެން އެންމެހައި އިންސާނުންނަށް ހަނދާން ކޮށްދެއްްވުމަށް ޓަކައެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން އެންމެ ބޮޑަށް އެދިވޮޑިގެންވާ ކަމަކީ އޭނާ ހެއްދެވި ފަރާތަށް ބިރުވެތިވުމެވެ. އިންސާނާ ބިރުވެތި ކުރެއްވުމަށްޓަކައި މާތް ﷲ މިކައުނުގައި ލައްވާފައިވާ އިންތިޒާމްތަމުގެ ތަކުގެ ތެރެއިން އެއްކަމަކީ "ކޭތަ" ކަމުގައި ދެންނެވިދާނެއެވެ.

ބިން ހުއްޓުމެއްނެތި ދަނީ ހަރަކާތްތެރިވަމުންނެވެ. ދައުރުވަމުންނެވެ. ބިމުގެ "ބޯޅަ"ގެ ތެރޭގައިވަނީ އިންތިހާ ދަރަޖައިގެ ހޫނު،ވިރިފައިވާ މާއްދާއެކެވެ. ކެކިކެކިހުންނަ ފެނެކޭ އެއްގޮތަށް އެމާއްދާ އަބަދުވެސް ހުންނާނީ އުތުރިއުތުރިއެވެ. އެހެންކަމާއެކުވެސް އަޅުގަނޑުމެންގެ ފައިތިލަ ދަށުގައިވާ ބިންގަނޑު އޮންނަނީ ހުއްޓިފައިއޮންނަ ތަނެއްގެ ގޮތުގައެވެ. މިއީ އަޅުގަނޑުމެންނަށްޓަކައި ވަރަށް ބޮޑު ނިޢުމަތެކެވެ. ނަމަވެސް ޢާއްމު ޙާލަތްތަކުގައި އަޅުގަނޑުމެންނަށް އެކަމަކީ ނިޢުމަތެއް ކަމުގައެއް އިޙްސާސެއް ނުވެއެވެ. އެހެންކަމުން ބައެއްފަހަރު ފަހަރަށް ޒަލްޒަލާތަކުގެ ޒަރީޢާއިން ބިމުގެ މަތީފަށަލަ އެފުށްމިފުށަށް ޖެހެއެވެ. ބިމުގެ އެތެރޭގައިވާ ދިޔާ ހޫނު މާއްދާ އިންސާނުންގެ ސަލާމަތަށްޓަކައި ބަންދުކުރައްވައި ހިފަހައްޓަވައިފައިވާކަން ހާމަކޮށްދެއްވުމަށްޓަކައެވެ.





ހަމައެފަދައިން ވާރެޔަކީވެސް ޢަޖައިބުވެ އަންތަރީސްވާފަދަ ނިޢުމަތެކެވެ. އިރުގެ ހޫނުގެ ސަބަބުން ފެން އާތްވައްވެގެން މައްޗަށް އަރައިގެން ދިއުމާއި، ވިލާތުގެ ސިފައިގައި އެފެން ޖަމާވުމާއި، ވައިގެ ޒަރީޢައިން އެރަޙްމަތުގެ ވިލާތައް އެތަންމިތަނަށް ދަތުރުކޮށް ވާރޭވެއްސުމާއި ވާރޭގެ ސަބަބުން ބިމުން ގަސްގަހާގެހި ފަޅައި އާރޯކަމާއި ފެހިކަން ލިބުމާއި މިހުރިހައި ކަމަކީވެސް މާތް ﷲ ގެ ރަޙްމަތްވަންތަކަމުގެ ބުއްދިތައް ޙައިރާންވާފަދަ ނަމޫނާތަކެވެ. މާތް ﷲ ގެ އަޅުތަކުންނަށް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދަވާ ނިޢުމަތްތަކެވެ. ނަމަވެސް ތާއަބަދު ލިބިލިބިހުރުމުން އިންސާނާ އެނިޢުމަތުގެ އަގުބޮޑުކަން ހަނދާންނެތިދެއެވެ. އެހެންކަމުން ބައެއް ފަހަރަށް ހޫނު މޫސުން ދިގުލައި ވާރޭނުވެހި ދުވަސްތައް ފާއިތުވެއެވެ. އިންސާނާގެ ޝުޢޫރު ހޭލައްވައި ލެއްވުމަށްޓަކައެވެ. މާތް ﷲ ގެ ނިޢުމަތަށް ޝުކުރުކުރެވޭނެ މަގުންނެވެ.

ވަޔަކީވެސް ކިހާބޮޑު ނިޢުމަތެއްތޯއެވެ؟ އަޅުގަނޑުމެންނަށް އަބަދާއަބަދު ތާޒާ އޮކްސިޖަން ލިބިދީދީ ހުރެއެވެ. ފިނިވައިރޯޅިތައް ޤުދުރަތުގެ "ފަންކާ" އެއް ފަދައިން އަޅުގަނޑުމެންނަށް އަރާމް ލިއްބައިދެއެވެ. ވާރޭވެހުމުގެ ނިޒާމް ހަމަޔަށް އަޅުވައިދެއެވެ. ވަޔަކީ މީގެ އިތުރަށްވެސް ސުމާރެއްނެތްހައި ގިނަގުނަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ. ނަމަވެސް ވައި އަޅުގަނޑުމެންގެ ލޮލަށް ނުފެންނަ ފަދައިން އޭގެ އަހަންމިއްޔަތުވެސް އަޅުގަނޑުމެންގެ ހަނދާނުން ކެހިގެން ހިނގައިދެއެެވެ. އެހެންކަމުން ބައެއްފަހަރަށް ވަޔަކީ ޠޫފާނަކަށްވެއެވެ. އަރަހުށި މާތް ﷲ ވައިގެ ސިފައިގައި އިންސާނީ ޙަޔާތަށްޓަކައި ރާއްވަވައިފައިވަނީ ކިހާ ޙައިރާންކުރުވަނިވި ނިޒާމެއްކަން އިންސާނާ ދެނެގަތުމަށްޓަކައެވެ. މިގޮތުން ކޮންމެ އެއްޗެއްގެވެސް "ކޭތައެއް" ވެއެވެ. އެކޭތަ ހިފަނީ އިންސާނާގެ ކިބައިގައި ނިޢުމަތުގެ އިޙްސާސް ހޭލެއްވުމަށްޓަކައެވެ.

އަޅުގަނޑުމެންގެ މުޅި ޙަޔާތަކީވެސް އިސްވެދެންނެވިފަދައިން މަތިވެރި އިލާހީ ނިޢުމަތްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޙަޔާތެކެވެ. މިއިން ކޮންމެ ނިޢުމަތަކީވެސް އަރަހުށި މާތް ﷲ އެދިވޮޑިގެންފި ކޮންމެ ހިނދެއްގައި ލަހެއްފަހެއްނެތި އަނބުރައި ގެންދެވިދާނެ ނިޢުމަތްތަކެވެ. އެހެންކަމުން އިންސާނާގެ މައްޗަށް ލާޒިމުވެގެންވަނީ އޭނާ ހެއްދެވި، އޭނާގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް ޝުކުރުވެރިވާ މީހަކަށް ވުމެވެ. އެކަލާނގެ ނިޢުމަތުން ތިމާ މަޙްރޫމް ނުކުރެއްވުމަށް އެދުންވެރިވުމެވެ. އެކަލާނގެ ނިޢުމަތްތަކުގެ ޙައްޤުވެރިޔަކަށް އިންސާނާ ހަދަނީ އިންސާނާގެ ޝުކުރުވެރިވުމެވެ. މިދުނިޔޭގައިވެސް އަދި އަންނާންއޮތް އާޚިރަތުގެ ދުނިޔޭގައިވެސް މެއެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން