ފޯޅަވަހި މައްސަލައިގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ރައްޔިިތުންގެ މަޖިލީހަށް ވައްދާފައިވާ ކަަމަށެވެ. އަދި ވަރަށް އަވަހަށް ރައީސް ޞާލިޙް އާއި ޚާރިޖީ ވަޒީރު ޝާހިދުގެ އިތުބާރުނެތްކަމުގެ މައްސަލަ ވެސް ހުށަހަޅުއްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"މިއަދު ހުށަހެޅީ ބަންޑާރަ ނައިބް ރިފްޢަތުގެ މައްސަލަ. އެހެންވީމަ ކުރިއަށް އޮތްތަނުގައި އިތުރު ބޭފުޅުންގެ ކަންތައް ދާނެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރ ޝާހިދާއި ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެބަ މަސައްކަތް ކުރަން." ސަލީމް ވިދާޅުވިއެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.

ސަލީމު ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އިމާ ގުޅޭ މި މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. ދިވެހިރައްޔިތުން ބަޔަކާ ގައުމު ހިންގަން ހަވާލުކުރަނީ އިޚްލާސްތެރިކަމާ އެކު އެކަން ކުރުމަށް ކަމަށާއި، އެހެންކަމުން ވެރިކަމުގައި ތިއްބަވާ ބޭފުޅުން ދިވެހި ގައުމުގެ ބިމަށް ހިޔާނާތްތެރިވެގެން ނުވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓުތައް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން