އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން އެރަށަށް ބަނގުރާ ވިއްކާ ކަމަށް ބުނެ ރަށު ކައުންސިލް އިދާރާގެ ދޮރު ކުރިމަތީގައި ބޮއްކުރައެއް ބާއްވައިފިއެވެ.

ސަފާރީއަކުން ބަނގުރާ ވިއްކާ މައްސަލާގައި އިޙްތިޖާޖް ކުރަމުންދާ ރައްޔިތުން ތުހުމަތު ކުރަނީ ސަފާރީ ރަށުގެ ބަނދަރަށް ވަދެފައިވަނީ ކައުންސިލްގެ ހުއްދައާ އެކު ކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުކުޅަހުގައި ބަނގުރާ ގެންގުޅޭ މިންވަރު އިތުރުވެ އެކަމުގެ ކަންބޮޑުވުން ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން އުކުޅަހު ކައުންސިލުން ބުނެފައިވަނީ، ބަނގުރާ ވިއްކާ ކަމުގެ ތުހުމަތު ކުރެވިފައިވާ ސަފާރީ، މަރާމާތަށް ރަށުގެ ބަނދަރަށް ވަނުމުގެ ހުއްދައަށް އެދުމުން، ފުލުހުންގެ ހާޒިރުގައި އުޅަނދު ބަލައި ފާސްނުކޮށް ބަނދަރަށް ގާތްނުކުރެވޭނެ ކަމަށް އެންގި ކަމަށެވެ. ނަމަވެސް މަރާމާތަށް ބޭނުންވާކަމަށް ބުނެ، ކައުންސިލްގެ ހުއްދަނެތި ސަފާރީ ވަނީ ރަށުގެ ބަނދަރަށް ވައްދާފައެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ރަށުގެ ރައްޔިތުން ކައުންސިލް އިދާރާ ކައިރިއަށް އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ.



ސަފާރީ ބަނދަރުން ނެރުމަށް ކައުންސިލުން ދިން މުހުލަތުގައިވެސް އެކަން ކޮށްފައި ނުވާތީ، ފުލުހުން މެދުވެރިކޮށް އެއުޅަނދު ބަލައި ފާސްކުރި ކަމަށާއި، ސަފާރީގައި ބަނގުރާ ފަދަ އެއްޗެއް ނެތްކަމަށް ފުލުހުން މަޢުލޫމާތު ދިންކަމަށް ކައުންސިލާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ސަފާރީ ރަށުގެ ބަނދަރުން ނެރުމަށް ކައުންސިލުން މިހާރުވަނީ ފުލުހުންގެ އެހީތެރިކަމަށް އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން