މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ސުވަރުގެ ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވަވާފައިވަނީ ބިލާލުގެފާނަށެވެ
މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލިމް ސުވަރުގެ ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވަވާފައިވަނީ ބިލާލުގެފާނަށެވެ
އެއްދުވަހެއްގައި މާތް ﷲ ރުއްސުންލެއްވި ބިލާލުގެފާނު އާދައިގެ މަތީން ފަތިސްނަމާދަށް ބަންގި ގޮވިއެވެ. އަދި އެއަށްފަހު ނަމާދު ވަގުތު ޖެހުމުން، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް އަރިހު ނަމާދުގެ ވަގުތު ޖެހިއްޖެކަމާއި ނަމާދަށް ވަޑައިގަތުމަށް ދެންނެވިއެވެ.

އިތުރު އެކަލޭގެފާނު ވަޑައިގެން އިމާމުވެ ނަމާދުކުރެއްވިއެވެ. ދެން ނަމާދުން ނިމިވަޑައިގެން އެކަލޭގެފާނު މީސްތަކުންނާ ދިމާއަށް އެނބުރިވަޑައިގަތެވެ. އަދި ބިލާލުގެފާނަށް އެކަލަލޭގެފާނު އަރިހަށް ވަޑައިގަތުމަށް އެންގެވިއެވެ. އެއަށްފަހު ބިލާލުގެފާނު ވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

"އޭ ބިލާލެވެ! ކަލޭގެފާނު އިސްލާމްދީނުގައި ހުންނަވައިގެން، އެކަމަކުން ކަލޭގެފާނަށް ސަވާބުލިބޭ ކަންތައްތަކުގެ ތެރެއިން އެންމެ ހެޔޮކަމަކަށް ކުރައްވަނީ ކޮންކަމެއްތޯއެވެ؟ މިހެނީ ތިމަންކަލޭގެފާނު ސުވަރުގޭގައި ކަލޭގެފާނުންގެ ފައިވާންކޮޅުގެ އަޑު އެއްސެވީމެވެ." އެހިނދު ބިލާލުގެފާނު ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އެންމެ މޮޅުކަމަކަށް ކުރާ އިތުރު ކަމެއް އަޅުގަނޑަށް އެނގިފައެއްނުވެއެވެ. އެކަމަކު ވުޟޫކޮށްފި ކަމުގައިވާނަމަ، އެއީ ރޭގަނޑެއް ކަމުގައިވިޔަސް އަދި ދުވާލެއް ކަމުގައިވިޔަސް އެވުޟޫގެފަހުން ނަމާދެއް ނުކޮށް އަޅުގަނޑު ދޫކޮށެއް ނުލަމުއެވެ." އެބަހީ ވުޟޫގެ ސުއްނަތް ދެރަކްޢަތް ނަމާދު ނުކޮށް ދޫކޮށްނުލާ ވާހަކައެވެ.

(ބުޚާރީ - މުސްލިމް)

އިރުޝާދު:

1. ބިލާލުގެފާނަކީ ކީރިތި ރަސޫލާގެ ޚާއްސަ މުއައްޒިނެވެ. ޙަބުޝްކަރައަށް ނިސްބަތްވާ ބޭކަލެއް ކަމުގައިވާ ބިލާލުގެފާނަކީ، އިތުރު ރަސޫލާ، މުޙައްމަދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ކޮންމެ ނަމާދުވަގުތެއްގައި ނަމާދަށް އައުމަށް މީސްތަކުންނަށް ގޮވުމަށް ކަނޑައަޅުއްވައިފައިވާ، އެބަހީ ބަންގި ގޮވުމަށް ޚާއްސަ ކުރައްވާފައިވާ ބޭކަލެވެ. އެއްދުވަހެއްގެ ފަތިސް ނަމާދަށްފަހު ބިލާލުގެފާނަށް އެކަލޭގެފާނުވަނީ ސުވަރުގެ ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވަވާފައެވެ.

2. ވުޟޫކޮށްފިނަމަ ދެރަކްޢަތް ނަމާދު ކުރުމަކީ ސުއްނަތެކެވެ. ވަކި އަޅުކަމަކަށް ނޫންކަމުގައިވިޔަސް އަބަދުމެ ވުޟޫމަތީ ދެމިހުރުން މޮޅުއިތުރުވެގެން ވެއެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން