ކޯޓުގެ ޙުކުމާ އެއްގޮތަށް ދަރިންގެ ޚަރަދު ނުދޭ ބައްޕައެއްގެ މުސާރައިން އުނިކޮށް އެފައިސާ ކޯޓަށް ޖަމާކުރުމަށް މެޖިސްޓްރޭޓް ކޯޓަކުން އަމުރު ކޮށްފިއެވެ.

ދަރިންގެ ޚަރަދު ޤަވާއިދުން ދެމުން ނުގެންދާތީ ކޯޓުގެ ޙުކުމް ތަންފީޒު ކުރުމަށް އެދި ކުދިންގެ މަންމަ ހުށައެޅި މި މައްސަލާގައި ކުދިންގެ ބައްޕަވަނީ، ގަވައިދުން ޚަރަދު ނުދޭ ކަމަށް ކޯޓުގައި އެއްބަސްވެފައެވެ. އެހެންކަމުން އޭނާ އެދުނީ ނުދައްކާ އޮތް ފައިސާ ބަހާލައިގެން ދައްކަން އެއް އަހަރުގެ މުއްދަތެއް ދިނުމަށެވެ.

މިމައްސަލާގައި ކުދިންގެ މަންމަ އެދިފައިވަނީ، ދަރިންގެ ޚަރަދަށް ކޮންމެ މަހަކަށް ލިބިދޭންޖެހޭ މިންވަރު ފިރިހެންމީހާގެ މުސާރައިން އުނިކޮށް ލިބޭނެ ގޮތެއް ހަދައިދިނުމަށެވެ. އަދި މިހާރު ނުދައްކާ ހުރި ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދެއްކުމަށް އިއުތިރާޒް ނުކުރާ ކަމަށް އަންހެން މީހާ ކޯޓުގައި ބުނެފައިވެއެވެ.

ކޯޓުން މި މައްސަލާގައި ކުރި ހުކުމުގައި ބުނެފައި ވަނީ ދެމަފިރިންގެ ކައިވެނި ރޫޅުމުން އެމީހުންގެ ދެ ދަރިންގެ ޚަރަދަށްވާ 3،000 ރުފިޔާ ކޮންމެ މަހަކު ކޯޓު މެދުވެރިކޮށް ކުދިންގެ މަންމައަށް ދިނުމަށް ބައްޕަ އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ކޯޓުން ކޮށްފައިވާ ޙުކުމުގައިވެއެވެ.

ހުކުމުގައި ވަނީ، ދަރިންގެ ޚަރަދަށް މިހާތަނަށް ކޯޓަށް ދައްކާފައި ވަނީ 68،000 ރުފިޔާ ކަމަށާއި، 70،000 އަށް ވުރެން ގިނަ ރުފިޔާ ނުދައްކާ އޮތް ކަމަށް ކޯޓުގެ ރެކޯޑުތަކުން ދައްކާ ކަމަށެވެ.

އާއިލާއާ ބެހޭ ގާނޫނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އާއިލީ އިޖުރާއަތުގެ އުސޫލްގެ 87 ވަނަ މާއްދާއާ ހަވާލާދީ ޙުކުމުގައި ބުނެފައި ވަނީ، ޚަރަދު ދޭން ޖެހޭ މީހާއަކީ ވަޒީފާއެއްގައި އުޅޭ މީހެއް ނަމަ އޭނާގެ މުސާރައިން ކެނޑުމަށް ފަހު ކޯޓަށް ފައިސާ ޖަމާކުރުމަށް އެ މީހާ ވަޒީފާ އަދާކުރާ އޮފީހަށް ނުވަތަ މަސައްކަތްކުރާ ތަނަށް އަންގައި އަމުރުކުރެވިދާނެ ކަމަށެވެ.

އެހެންކަމުން އެ މާއްދާއަށް ރިޢާޔަތްކޮށް ޤާޟީ ނިންމެވީ، ދަރިންގެ ޚަރަދަށް ދޭންޖެހޭ ފައިސާ ފަސް މަހުގެ ތެރޭގައި ފިރިހެންމީހާގެ މުސާރައިން އުނިކޮށް ނަގައިދިނުމަށެވެ. އެގޮތުން މަހަކު 5،847 ރުފިޔާ އާއި ދެ ދަރިންނަށް ކޮންމެ މަހަކު ދޭން ޖެހޭ 3،000 ރުފިޔާ އޭނާގެ މުސާރައިން އުނިކުރަން އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން