ޞާދިރު ޢަލީދީދީ   10 މޭ 2023 - 12:16
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



- 10 -

އިމާމު ބައިހަޤީއާއި ޢަސާކިރު، عروة بن زبير رضي الله عنه ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޛާތުލްސަލާސިލް ހަނގުރާމައަށްޓަކައި عمرو بن العاص رضي الله عنهގެ ވެރިކަމުގައި ލަޝްކަރެއް ފޮނުއްވިއެވެ. އެލަޝްކަރު ފޮނުއްވީ ޝާމްކަރައާވީ ފަރާތުގެ ރަށަކަށެވެ. عمرو بن العاص އެހިސާބުގަނޑަށް ވަޑައިގެން ޚަބަރު ބެލެއްވިއިރު ދުޝްމިނުންގެ ޢަދަދު ގިނަކަމުން އެކަލޭގެފާނު ޖެހިލުންވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް އެޚަބަރު ފޮނުއްވައި އެހީފުޅަށް އެދިވަޑައިގެންނެވިއެވެ. މާތް ރަސޫލާ މުހާޖިރިއްޔަ ބޭކަލުންނަށް ގޮވައިލައްވައި ދުއިސައްތަ ބޭކަލުންގެ ޖަމާޢަތެއް ތައްޔާރު ކުރެއްވިއެވެ. އޭގެތެރޭގައި ابو بكر ގެފާނާއި عمرގެފާނާއި އަދިވެސް އެފަދަ އެތައް ބޭކަލަކު ހިމެނިވަޑައިގެންނެވިއެވެ. އެޖަމާޢަތުގެ އަމީރަކަށް أبو عبيدة بن الجراح رضي عنه ޢައްޔަން ކުރައްވައި ވަގުތުން ފުރައިވަޑައިގެން ދަތުރުކުރައްވައި عمرو بن العاص އާ ބައްދަލުކުރައްވަން އަމުރު ކުރެއްވިއެވެ.

أبو عبيدة بن الجراح رضي عنه ގެ ލަޝްކަރަށް މަންޒިލަށް ވާޞިލުވެވި عمرو بن العاص ގެ ލަޝްކަރާގުޅުމުން އުފެދުނު ސުވާލަކީ ދެބައިމީހުންގެ ކޮމާންޑަރަކަށްވެވަޑައި ގަންނަވާނެ ބޭކަލާ ބެހޭގޮތުން އުފެދޭ ސުވާލެވެ. عمرو بن العاص ވިދާޅުވިއެވެ. "އަޅުގަނޑަކީ ތިޔަބޭކަލުންގެ އަމީރެވެ. އެހެނީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް އަޅުގަނޑު ލިޔުނީ އަޅުގަނޑަށް އެހީ ފޮނުއްވައިދެއްވުން އެދިއެވެ. ތިޔަބޭކަލުން ފޮނުއްވީ އަޅުހަނޑު އެދުނުފަދައިން އަޅުގަނޑަށް އެހީ ވެދެއްވުމަށްޓަކައެވެ." ނަމަވެސް أبو عبيدة رضي عنه ގެ އަރިހުގައި ވަޑައިގެންނެވި މުހާޖިރިއްޔަ ބޭކަލުން އެގޮތަކާ އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އަދި عمرو بن العاص ގެ އަރިހުގައި އެބޭކުން ވިދާޅުވިއެވެ. "ކަލޭގެފާނަކީ ކަލޭގެފާނުގެ އަރިހުގައިއޮތް ލަޝްކަރުގެ އަމީރެވެ. އަޅުގަނޑުމެންގެ އަމީރަކީ أبو عبيدة އެވެ." عمرو بن العاص އެގޮތަކާ އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. އެކަލޭގެފާނު ތަކުރާރު ކުރައްވައި ވިދާޅުވިއެވެ. "ތިޔަބޭކަލުންގެ ޙައިޘިއްޔަތަކީ އެހީވެދޭ ލަޝްކަރެއްގެ ޙައިޘިއްޔަތެވެ. ތިޔަބޭކަލުން ފޮނުއްވުނީ އަޅުގަނޑާ ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ."

أبو عبيدة رضي عنه އަށް އެތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. "އޭ عمرو ދެނެވަޑައިގަންނަވާށެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަޅުގަނޑު ފުރުއްވައިލައްވަމުން އެންމެފަހުން ހިއްޕެވި ޢަހްދަކީ އަޅުގަނޑު ކަލޭގެފާނުންގެ އަރިހަށް އައުމަށްފަހު ދެމީހުން ގުޅިގެން އެއްބައިވަންތަކަމުގައި މަސައްކަތް ކުރުމުގެ ޢަހްދެވެ. ދެމީހުން ދެބަސްވެ ދެކޮޅުވެރި ނުވުމުގެ ޢަހްދެވެ. އެހެންކަމުން މާތް ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު އަޅުގަނޑުގެ ބަސް ޤަބޫލު ނުކުރެއްވި ކަމުގައިވިޔަސް އަޅުގަނޑު ކަލޭގެފާނަށް ކިޔަމަންވާނަމެވެ."

މިވާހަކަ ރިވާކުރެެއްވި ފަރާތުން ބަޔާން ކުރައްވާގޮތުގައި أبو عبيدة އެހެން ވިދާޅުވުމަށްފަހު عمرو بن العاصއާ ވެރިކަން ޙަވާލުކުރެއްވިއެވެ. عمرو ގެ ދަށުން މަސައްކަތް ކުރައްވަން އެއްބަސްވެ ވަޑައިގެންނެވިއެވެ.

(އަލްބިދާޔަތު ވައްނިހާޔަތު ހަތަރުވަނަބައި)

މިމައްސަލައިގައި ދެފަރާތުންމެ އެފަރާތެއްގެ ގޮތުގައި ހިފެހެއްޓިނަމަ މައްސަލަ ނިމުމަކަށް ނައީހެވެ. ދުޝްމިނުންނާ ދެކޮޅަށް ފޮނުއްވި ލަޝްކަރު އެއްބަޔަކު އަނެއްބަޔަކާ ތޮޅެ ފަނާވެ ހިނގައްޖެއީހެވެ. އިސްވެދެންނެވި ފަދަ ޚިޔާލު ތަފާތުވުމުގެ ވަގުތުތަކުގައި އެކަކު ބޯލަނބައިލައި އެމީހެއްގެ ގޮތްދޫކޮށްލުމުން މުޅި ޖަމާޢަތް ބަދަހިކޮށް ވަރުގަދަކޮށްދެއެވެ. އެކަކުވެސް ބޯނުލެނބުމުން މުޅި މުޖުތަމަޢު ބަލިކަށިވެ ނިކަމެތިވެއެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން