ޞާދިރު ޢަލީދީދީ   5 މޭ 2023 - 10:48
ހަނދުކޭތަހިފާފައި: ކޭތަހިފާފައިފިކަން އެނގިއްޖެނަމަ ނުވަތަ ފެނިއްޖެނަމަ، ކޭތަ ކެނޑެންދެން ﷲ އަށް ދުޢާ ދަންނަވައި ތަކްބީރުކިޔައި ނަމާދުކޮށް ޞަދަޤާތްދީ އުޅުމަށް ރަސޫލާވަނީ އަންގަވާފައި
ހަނދުކޭތަހިފާފައި: ކޭތަހިފާފައިފިކަން އެނގިއްޖެނަމަ ނުވަތަ ފެނިއްޖެނަމަ، ކޭތަ ކެނޑެންދެން ﷲ އަށް ދުޢާ ދަންނަވައި ތަކްބީރުކިޔައި ނަމާދުކޮށް ޞަދަޤާތްދީ އުޅުމަށް ރަސޫލާވަނީ އަންގަވާފައި
މަދީނާގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމްގެ ލޮބުވެތި ދަރިކަލުން އިބްރާހީމްގެފާނު އަވަހާރަވިއެވެ. ދަރިފުޅު އަވަހާރަވުމާގުޅިގެން އެކަލޭގެފާނު ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ.

"ލޮލުން ރުއިމުގެ ކަރުނަ ފައިބާނެއެވެ. ހިތަށް ހިތާމަވެރިކަން އަންނާނެއެވެ. އަހަރެމެންގެ ވެރިރަސްކަލާނގެ ރުހިވޮޑިގެންނުވާ ބަހެއް އަހަރެމެން ނުބުނާހުށީމެވެ. އޭ ދަރިފުޅު އިބްރާހީމެވެ. ދަރިފުޅުގެ ވަކިވުމަކީ އަހަރެމެން ނިހާޔަތަށް ހިތާމަވެރިވާ ކަމެކެވެ."

ދެން އެއަށްފަހު، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް މީސްތަކުންނާއެކު މަދީނާގެ ޤަބުރުސްތާނަށް ވަޑައިގަތެވެ. އެއީ ޖައްނަތުލް ބަޤީޢެވެ. އެތާނގައި ލޮބުވެތި ދަރިކަލުން ފަސްދާނު ލެއްވިއެވެ. ކަންދިމާވި ގޮތަކީ އެވަގުތުކޮޅާ ދިމާކޮށް އިރުކޭތަ ހިފައިފިއެވެ. މީސްތަކުން ބުނަންފެށިއެވެ. އިބްރާހީމްގެފާނު އަވަހާރަވުމާ ގުޅިގެން އިރުކޭތަ ހިފައިފިއެވެ. މިވާހަކަ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމުގެ ކަންފަތްޕުޅަށް އެރުމުން މީސްތަކުން އެއްކުރެއްވިއެވެ. އަދި މީސްތަކުންނާއެކު އިމާމުވެ ދެރަކްޢަތް ނަމާދު ކުރެއްވިއެވެ.

ފުރަތަމަ ރަކްޢަތުގައި އަލްޙަމްދަށްފަހު ސޫރަތުލް ބަޤަރާ ވިދާޅުވެލެއްވިއެވެ. ދެން ރުކޫޢަށް ވަޑައިގެން ރުކޫޢު ދިގުކުރެއްވިއެވެ. ރުކޫޢުން ތެދުއެވަޑައިގެން އާލް ޢިމްރާނު ސޫރަތް ކިޔަވާ ވިދާޅުވެލެއްވިއެވެ. ދެން ދެވަނަފަހަރަށް ރުކޫޢަށް ވަޑައިގަތެވެ. އަދި އެރުކޫޢުވެސް ދިގުކުރެއްވިއެވެ. ދެން ރުކޫޢުން ތެދުއެވަޑައިގެން سَمِعَ اللَّهُ لِمَنْ حَمِدَهُ  ވިދާޅުވެލެއްވިއެވެ. އެއަށްފަހު رَبَّنَا لَكَ الْحَمْدُ  ވިދާޅުވެލެއްވިއެވެ. ދެން ސަޖިދައަށް ވަޑައިގެން ސަޖިދަ ދިގުކުރެއްވިއެވެ. ދެސަޖިދަ ކުރެއްވުމަށްފަހު ދެވަނަ ރަކްޢަތަށް ތެދުއެވަޑައިގަތެވެ. އަދި ފުރަތަމަ ރަކްޢަތުގައި ދެވަނަ ސަޖިދަޔާހަމަޔަށް ކަންތައްކުރެއްވި ފަދައިން ދެވަނަ ރަކްޢަތުގައި ކަންތައް ކުރެއްވިއެވެ. ދެވަނަ ސަޖިދައަށް ފަހު ސަލާމް ދެއްވިއެވެ.

ނަމާދުން ނިމިވަޑައިގެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ޚުޠުބާ ވިދާޅުވެދެއްވިއެވެ. އެކަލޭގެފާނު އެ ޚުޠުބާގައި ވިދާޅުވިއެވެ. "ހަމަކަށަވަރުން އިރާއި ހަނދުކޭތަ ހިފަނީ ފަހަރެއްގައިވެސް މީހެއްގެ މަރަކާއި ދިރިހުރުމަކާ ގުޅިފައި އޮވެގެނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ މާތް ﷲ ގެ ނިޝާންތަކުގެ ތެރެއިން ދެނިޝާނެކެވެ. ފަހެ ތިޔަބައިމީހުންނަށް ކޭތަހިފާފައި ހުރިތަން ފެނިއްޖެނަމަ، ކޭތަ ކެނޑެންދެން ﷲ އަށް ދުޢާ ދަންނަވައި ތަކްބީރުގެ ބަސްތައް ކިޔައިއުޅޭށެވެ. އަދި ނަމާދުކޮށް ޞަދަޤާތްދީ އުޅޭށެވެ."

(ޝާފިޢީ، އަހްމަދު، ބުޚާރީ)

އިރްޝާދު:

1. ބައެއް ނަމާދުތަކަކީ ޢާއްމު ނަމާދުތަކާ ޚިލާފަށް އެނަމާދު ކުރުމުގައި ވަކި ޚާއްޞަ ގޮތްތަކެއްވާ ނަމާދެވެ. އޭގެތެރެއިން އެއް ނަމާދަކީ ކޭތަ ނަމާދެވެ.

2. ކޭތަ ނަމާދުގައި އޮންނަނީ 2 ރަކްޢަތެވެ. އެކަމަކު ކޮންމެ ރަކްޢަތެއްގައި 2 ރުކޫޢާއި 2 ޤިޔާމް އޮވެއެވެ. ޤިޔާމޭ މިދެންނެވީ އިޢުތިދާލަކާނުލައި ކޮށްޅަށް ހުރުމެވެ. ފުރަތަމަ ރުކޫޢުކޮށްފައި ތެދުވާއިރު ކިޔާނީ " اَللّٰهُ أَكْبَرُ " އެވެ. އަދި ދެވަނަ ރުކޫޢުކޮށްފައި ތެދުވާއިރު ކިޔާނީ "سَمِعَ اللَّهُ لِمَنْ حَمِدَهُ " މިފަދައިންނެވެ.

3. ކޭތަ ނަމާދުގައި އޮންނާނީ ދެނަމާދެކެވެ. އެއީ އިރުކޭތަ ނަމާދާއި ހަނދުކޭތަ ނަމާދެވެ. މިނަމާދުގެ ވަގުތަކަށްވާނީ އިރު ނުވަތަ ހަނދު ކޭތަހިފާވަގުތުން ފެށިގެން ކޭތަ ކެނޑެންދެނެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން