ޞާދިރު ޢަލީދީދީ   4 މޭ 2023 - 10:56
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



- 7 -

ހިޖްރައިން 2 ވަނަ ކުރެވުނު ބަދުރު ހަނގުރާމައިގެ ކުޑަތަންކޮޅެއް ކުރިން ޤުރައިޝުވަންހައިގެ މީހުން ވަރަށް ބޮޑު ވިޔަފާރި ޤާފިލާއެއް ޝާމްކަރަޔަށް ފޮނުއްވިއެވެ. އެޤާފިލާ ފޮނުއްވީ ފަސްދޮޅަސް މީހުންގެ ޙަވާލުގައެވެ. ޤުރައިޝުވަންހައިގެ އެވިޔަފާރި ޤާފިލާގައި މައްކާގެ އެންމެން (އަންހެނުންނާއި ފިރިހެނުން ހިމެނޭހެން) އެބައިމީހުންގެ ހުރިހާ ރައުސްމާލެއް ހިމެނިއެވެ. ބަދުރު ހަނގުރާމައިގައި ޤުރައިޝުންގެ ލަޝްކަރު ބަލިވެ ހާވިޔާވި ކަމުގައިވިޔަސް އަބޫ ސުފިޔާން ވިޔަފާރި ޤާފިލާއާއިގެން އާދަވެގެން ދަތުރުކުރާ މަގަށްވުރެ ތިރީގެ މަގަކުން ދަތުރުކޮށް ސަލާމަތުން މައްކާއަށް އައުމުގައި ކާމިޔާބު ހޯދިއެވެ.

ބަދުރު ހަނގުރާމަޔަށްފަހު މުޅި މައްކާ އޮތީ ބަދަލުހިފުމުގެ ޖޯޝުންފުރި އުތުރި އަރައަރައެވެ. މުސްލިމުންނާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާމެދު ސައްލާކުރަން ޤުރައިޝުވަންހައިގެ ބޮޑުންގެ ބައްދަލުވުމެއް ދާރުއްނަދުވާގައި ބޭއްވިއެވެ. އެބައްދަލުވުމުގައި އިއްތިފާޤުން ފާސްކުރީ ވިޔަފާރި ޤާފިލާގައި މުދާހުރި މީހުން އެބައިމީހުންގެ އަޞްލު ރައުސްމާލު ނެގުމަށްފަހު ފައިދާގެ ގޮތުގައި ލިބިފައިހުރި ހުރިހާ ފައިސާއެއް މުޙައްމަދު (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) އާދެކޮޅަށް ހަނގުރާމަޔަށް ތައްޔާރުކުރަން ޚަރަދު ކުރުމަށެވެ.

އެވިޔަފާރި ޤާފިލާގެ ފައިދާއަކީ ފަންސާސްހާސް ދީނާރެވެ. އެއީ އޭރުގެ ނިސްބަތުން ބަލާއިރު ވަރަށް ބޮޑު ޢަދަދެކެވެ. އެފައިސާއިން ޤުރައިޝުން ވަރަށް ވަރުގަދަ ލަޝްކަރެެއް ތައްޔާރު ކުރިއެވެ. ހިޖްރައިން 3 ވަނަ އަހަރުގެ ޝައްވާލުމަހު އެލަޝްކަރާއިގެން މަދީނާއަށް ޙަމަލަ ދިނުމަށްޓަކައި މައްކާއިން ނިކުމެ ދަތުރުފެށިއެވެ. މިހަނގުރާމައިގެ ނަމަކީ އުޙުދު ހަނގުރާމެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް އެޚަބަރުލިބިވަޑައިގަތުމުން އެކަލޭގެފާނުގެ ޞަޙާބީން އެއްކުރައްވައި މަޝްވަރާ ކުރެއްވިއެވެ. ޞަޙާބީންގެ ކުރިޔަށް ތިއްބެވި ބޭކަލުންކުރެ ގިނަ ބޭކަލުންނަށް ފެނިވަޑައިގަތީ މަދީނާގައި ތިއްބަވައިގެން މުޝްރިކުންނާ ކުރިމަތި ލެއްވުމެވެ. ނަމަވެސް ޒުވާން ބޭކަލުން ފޯރިއާއެކު އެގޮތާ ދެކޮޅުހެއްދެވިއެވެ. އަދި އެބޭކަލުން ޚިޔާލު ފާޅުކުރެއްވިއެވެ. އަހަރެމެން މަދީނާގައި ތިބެއްޖެނަމަ ދުޝްމިނުން ދެކޭނީ އެއީ އަހަރެމެންގެ ފިނޑިކަމާއި ބަލިކަށިކަން ކަމުގައެވެ. އެހެންކަމުން އަހަރެމެން މަދީނާއިން ނުކުމެ މުޝްރިކުންނާ ކުރިމަތިލާން ޖެހޭނެއެވެ. މިމައްސަލައިގައި ޢަބްދު ﷲ ބިން އުބައްޔުގެ ޚިޔާލަކީވެސް ޞަޙާބީންގެ ކުރިއަށްތިއްބެވި ބޭކަލުން ފާޅުކުރެއްވި ޚިޔާލެވެ. (ސީރަތު އިބްނު ހިޝާމް، ޖިލްދު: 3، ޞަފްޙާ:7)

މަދީނާގައި ތިއްބަވައިގެން ހަނގުރާމަ ކުރައްވަން ހުށަހެޅުއްވި ބޭކަލުންގެ އެޚިޔާލުފުޅުގެ އެންމެ ބޮޑު ސަބަބަކީ މަދީނާގެ ޖިއޮގްރަފީ ވެއްޓެވެ. މަދީނާއަކީ ޤުދުރަތީގޮތުން ދިފާޢީ ކިއްލާއެއްފަދަ ރަށެކެވެ. މަދީނާ އޮތްތަނުގެ ގޮތުން ބަލާއިރު، އެރަށުގެ ދެކުނުގައި ބޯކަދުރު ދަނޑުތައް ހުރިލެއް ގިނަކަމުން އެފަރާތުން އެއްވެސް ލަޝްކަރަކަށް މަދީނާއަށް ޙަމަލަ ދިނުމަކީ ވެވޭނެ ކަމެއް ނޫނެވެ. ހަމައެފަދައިން އިރުމަތީ ފަރާތާއި ހުޅަނގުފަރާތުގެ ވަރަށް ބޮޑުބައެއްގައި ހުރީ ފަރުބަދަތަކެވެ. އެއީ ލަޝްކަރެއްގެ ކުރިއެރުން ޤުދުރަތީގޮތުން ހުއްޓުވައިދޭ ހުރަހެކެވެ. އެހެންކަމުން ދުޝްމިނުންގެ އެއްވެސް ބަޔަކަށް އެދެފަރާތަކުން މަދީނާއަކަށް ޙަމަލައެއް ނުދެވޭނެއެވެ.

މިދެންނެވި ޖިއޮގްރަފީ ވެށި މަދީނާވަނީ އަސްކަރީގޮތުން ވަރަށް ރައްކައުތެރި ރަށަކަށް ހަދައިފައެވެ. މަދީނާއަކީ ބާވަތެެއްގެ ކިއްލާއެއްފަދަ ރަށެކެވެ. ރަށުން ބޭރަށް ނުކުމެ ހަނގުރާމަ ކުރާއިރު ތިބެންޖެހޭނީ ހަތަރު ފަރާތުންވެސް ދުޝްމިނުންގެ އަމާޒުފަތްގަނޑެއްގެ ގޮތުގައެވެ. މަދީނާގައި ތިބޭއިރު ދުޝްމިނުންނާ ކުރިމަތިލާންޖެހޭނީ އެންމެ ދިމާއަކުންނެވެ. އަޙްޒާބު ހަނގުރާމައިގައި މުސްލިމުންވަނީ މަދީނާގެ އިސްވެދެންނެވި ޖިއޮގްރަފީ ރައްކައުތެރިކަމުގެ ފައިދާ ހޯދާފައެވެ. މަދީނާގައި ހާމަޔަށްއޮތް، ހުޅަނގުއުތުރު ފަރާތުގައި ޚަންދަޤެއް ކޮނެގެން މުޅިރަށް ދިފާޢުކޮށްފައެވެ.

ޞަޙާބީންގެ ބޮޑެތި ބޭކަލުންގެ ތެރެއިން ގިނަބޭކަލުންނާއި ޢަބްދު ﷲ ބިން އުބައްޔުގެ ޚިޔާލަކީ މަދީނާގައި ތިއްބަވައިގެން ދުޝްމިނުންނާ ކުރިމަތިލެއްވުން ކަމުގައިވިޔަސް އިތުރު ޞާޙިބާ ޢަމަލުކުރެއްވީ އަޣުލަބިއްޔަތު ކަމުގައި ހިމެނުނު ޒުވާނުންގެ ޚިޔާލާ އެއްގޮތަށެވެ.

އިތުރު އެކަލޭގެފާނު ޞަޙާބީންގެ އެއްހާސް ބޭކަލުންނާއެގެން މަދީނާއިން ނުކުމެވަޑައިގެން އުޚުދާ ދިމާޔަށް ދަތުރުފުޅު ކުރެއްވިއެވެ. އަދި ޢަބްދު ﷲ ބިން އުބައްޔަށް އޭނާގެ ލަފާ ޤަބޫލު ނުކުރެއްވުނު ތަން ފެނުމުން އޭނާ ވަރަށް ހިތްހަމަނުޖެހުނެވެ. ޙާލަތު އޮތްގޮތުން އެންމެ ބުއްދިވެރި ގޮތަކީވެސް އޭނާ ހުށަހެޅިގޮތް ކަމުގައިވާތީއާވެސް އެކުގައެވެ. އޭނާ އިތުރު ސާހިބާގެ އަރިހުގައި މަދީނާއިން ނުކުތެވެ. ނަމަވެސް އޭނާގެ ހިތުތެރޭގައި ރުޅިވެރިކަން ދިޔައީ އަނދަމުންނެވެ. އެހެންކަމުން އިސްލާމީ ލަޝްކަރަށް މަދީނާއާ އުޙުދާ ދޭތެރޭގެ މެދަށް ދެވޭއިރަށް އޭނާ އޭނާގެ ތިންސަތޭކަ އެކުވެރީންނާއެކު އެނބުރި މަދީނާއަށް ހިނގައްޖެއެވެ. ޢަބްދު ﷲ ބިން އުބައްޔު ބުންޏެވެ.

"ރަސޫލު ﷲ ގެފާނު ޤަބޫލުފުޅުކުރެއްވީ އެބައިމީހުންގެ ބަހެވެ. އަހުރެންގެ ބަހެއް ޤަބޫލެއް ނުކުރެއްވިއެވެ. އޭ މީސްތަކުންނޭވެ! އަހުރެމެންގެ އަމިއްލަ ނަފްސުތައް މިތާނގައި ހަލާކުކުރުވާންވީ ސަބަބެއް އަހުރެންނަކަށް ނޭނގެއެވެ."

އުޙުދު ހަނގުރާމައުގައި މުސްލިމުން ބަލިވުމުން ސާބިތުކޮށްދިނީ ރަނގަޅު ލަފަޔަކީ މަދީނާއިން ނުކުމެވަޑައިގަތުން މަނާކޮށް މަދީނާގައި ތިއްބަވައިގެން ހަނގުރާމަ ކުރައްވާން ލަފާދެއްވި ބޭކަލުން ދެއްވި ލަފާކަމެވެ. އެހެންކަމުން އެއަށްފަހު ހިޖުރައިން 5 ވަނަ އަހަރު ކުރެވުނު ޚަންދަޤު ހަނގުރާމައިގައި ޢަމަލުކުރެވުނީ އެލަފަޔާ އެއްގޮތަށެވެ. އެފަހަރު ރޭއްވެވީ މަދީނާގައި ތިއްބަވައިގެން ދުޝްމިނުންނާ ކުރިމަތިލައްވާ ގޮތަށެވެ.

ނަމަވެސް ޞަޙާބީންގެ ބޮޑެތި ބޭކަލުން އެބޭކަލުންގެ އިދިކޮޅު ޚިޔާލުފުޅު ހަނދުމަފުޅު ނައްތާލައްވައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ބައިވެރިވަޑައިގެންނެވިއެވެ. ހަނގުރާމައިގައި ވަރަށް ބޮޑެތި ހާނީއްކަތައް ލިބިވަޑައިގަންނަވަމުން ދިޔައިރުވެސް ކުޑަވެސް ބިރުފުޅެެއްނެތި ހަނގުރާމަ ކުރެއްވިއެވެ. ލަފާ ޤަބޫލުނުކުރެއްވުމުގެ ސަބަބުން ވަކިވެގެންދިޔައީ ޢަބްދު ﷲ ބިން އުބައްޔެވެ. އޭނާ ހިމެނިގެންދިޔައީ މުނާފިޤުންގެ ރައީސް ކަމުގައެވެ. ޝައްކެއްނެތެވެ. ޢަބްދު ﷲ ބިން އުބައްޔު އެރުވި ލަފަޔަކީ އުޞޫލެއްގެ ގޮތުން ބަލާއިރު ރަނގަޅު ލަފައެކެވެ. ތަޖުރިބާއިންވެސް ސާބިތުވީ އެއީ މޮޅު ލަފައެއްކަމެވެ. އޭނާ އެރުވި ޚިޔާލު ރަނގަޅުކަމާއެކުވެސް ކިޔަމަންތެރިކަމުގެ ދާއިރާއިން ބޭރުވުން ހިމެނުނީ މަގުފުރެދުމާއި އޯގާވަންތަވެރި މާތް ﷲ ރުހިވޮޑިނުގަތުމުގެ ސަބަބެއްކަމުގައެވެ.

އިސްލާމްދީނުގައި މަޝްވަރާއަކީ އިންތިހާ ދަރަޖައިގެ އަހަންމިއްޔަތު ލިބިފައިވާ ކަމެކެވެ. މަޝްވަރާ ދިނުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޙައްޤެކެވެ. ނަމަވެސް މަޝްވަރާދޭ ހަމަ ކޮންމެ މީހަކު ތިމާދޭ މަޝްވަރާއާ އެއްގޮތަށް ޢަމަލުކުރެވެން އެދޭނަމަ އެއްވެސް ކަމެެއް ކުރެވޭކަށެއް ނޯންނާނެއެވެ. އެހެނީ ތަފާތު ލަފާތަކެއްގެ ތެރެއިން ޢަމަލީގޮތުން އިޚްތިޔާރު ކުރެވޭނީ ކޮންމެވެސް އެއްލަފައެކެވެ. ލިބޭ ހުރިހާ ލަފާތަކެއް ނޫނެވެ. ތެދުވެރި މުސްލިމުންނަކީ މަޝްވަރާ ދިނުމަށްފަހު ތިމާމެންދޭ މަޝްވަރާގެމަތީން ހަނދާން ނައްތައިލާ މީހުންނެވެ. ޒިންމާދާރު މީހުންގެ ފަރާތުން ނިންމާ ނިންމުމަކީ ތިމާމެންވެސް ދިން މަޝްވަރާއާ އެއްގޮތަށް ނިންމި ނިންމުމެއް ކަމުގައި ގަބޫލުކުރާ މީހުންނެވެ.

"އެންމެބޮޑު ޤުރުބާނީއަކީ ޚިޔާލުގެ ޤުރުބާނީއެވެ." ކޮންމެވެސް މީހެެއްގެ މިޖުމްލައަކީ ވަރަށް ބޮޑު ޙަޤީޤަތެކެވެ. ތެދުތެދަށް ދަންނަވާނަމަ އެކަމެއްގެ މަތީގައި ހަރުދަނާ އިޖްތިމާޢީ ނިޒާމެއް ޤާއިމް ކުރެވޭނެ ހަމައެކަނި ބިންގަލަކީ ޚިޔާލުގެ ޤުރުބާނީއެވެ. ޢިމާރާތެއް ބިނާ ކުރެވޭނީ އެޢިމާރާތެއްގެ ބައެއްގާތައް ބިމުގެ އަޑީގައި ވަޅުލެވޭން ރުހި ޤަބޫލު ވެގެންނެވެ. ހަމައެފަދައިން ޙަޤީޤީ އިޖްތިމާޢީ ނިޒާމެެއް އުފެއްދޭނީ ބައެއް މީހުން ތިމާމެންގެ ލަފާ ތިމާމެންގެމޭގައި ފޮރުވަން އެއްބަސްވެގެންނެވެ. ޚިޔާލުތަފާތުވުމާއެކުވެސް އެއްބައިވަންތަ މަސައްކަތް ހާމަކޮށްދީގެންނެވެ. މިދެންނެވި ޤުރުބާނީއާނުލައި އެއްވެސް ކަހަލަ އިންސާނީ އެއްބައިވަންތަކަމެއް އުފެދުމަކީ ބިންގަލެއް އެޅުމަކާނުލައި ޢިމާރާތެއް ކުރުންފަދަ އެކަށީގެންނުވާ ކަމެކެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން