މަސްޖިދުލް އަޤްޞާ
މަސްޖިދުލް އަޤްޞާ
އެއްފަހަރެއްގައި ޢުމަރު ބުނުލްޚަޠާބު ރަޟިޔަ ﷲ ޢަންހު ހުކުރު ދުވަހު ހުކުރުނަމާދަށް ވަޑައިގެން ޚުޠުބާ ވިދާޅުވެދެއްވުމަށް މިންބަރަށް އަރާވަޑައިގެން ހުންނެވިއެވެ.

ޚުޠުބާގެ މެދުތެރޭގައި މާތް ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނު މިސްކިތަށް ވަދެވަޑައިގަތެވެ. އެވަގުތު ޢުމަރުގެފާނު، ޢުޘްމާނުގެފާނަށް ކޯފާގެ ނަޒަރަކުން ބައްލަވާފައި ވިދާޅުވިއެވެ. "މިއީ ކޮންގަޑިއެއްތޯއެވެ؟" އެވަގުތު ޢުޘްމާނުގެފާނު ދެންނެވިއެވެ.

" އޭ އަމީރުލް މުއުމިނީނެވެ. އަޅުގަނޑު ހެނދުނުއްސުރެން މަސައްކަތެއްގައި ހުރެފައި ގެއަށް އައިސްވަންތަނާ ބަންގީގެ އަޑު އިވިއްޖެއެވެ. ދެން އަވަސް އަވަހަށް ވުޟޫކޮށްލައިގެން ހުކުރަށް އައީއެވެ. "

ޢުޘްމާނުގެފާނު މިހެން ދެންނެވުމުން ޢުމަރުގެފާނުންގެ ކޯފާ ކުރިއަށްވުރެން އިތުރުވިއެވެ. އެއީ ޢުޘްމާނުގެފާނު ހުކުރަށް ހިނައިވަޑައިނުގަންނަވާ ވުޟޫއިން ފުއްދާލައްވައިގެން ވަޑައިގަތީތީއެވެ. އެހެންކަމުން ޢުމަރުގެފާނު ކޯފާވެފައި ވިދާޅުވިއެވެ. ހުކުރަށް ހިނައިގަތުމަށް، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް އަމުރު ކުރައްވާފައިވާކަން ކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. ދެންއެއަށްފަހު ޢުމަރުގެފާނު މީސްތަކުންނާ ދިމާއަށް ބެއްލެވިއެވެ. އަދި ވިދާޅުވިއެވެ. ތިޔަބައިމީހުން، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ޙަދީޘް ކުރެއްވި އަޑު ނައަހަމު ހެއްޔެވެ؟ "ތިޔައިން މީހަކު ހުކުރު ނަމާދަށް އަންނަނަމަ ހިނައިގަންނަހުށިކަމެވެ."

އިރުޝާދު:

1. ހުކުރުދުވަހަށާއި ހުކުރު ނަމާދަށް ދަތް އުނގުޅައި ސާފުޠާހިރުވެ ހިނައިގަތުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ސާފު ރީތި ހެދުމެއް ލައިގެން ހުވަނދުލައި މީރުވަސް ދުއްވައިގެން ހުކުރަށް އައުންވެސް ސުންނަތް ވެގެންވެއެވެ.

2. ފިރިހެނުންނަށް ހުކުރުނަމާދު ކުރުމީ ވާޖިބެކެވެ. އަދި އަންހެނުންނާއި ކުޑަކުދީންނަށް ސުންނަތް ވެގެންވާ ކަމެކެވެ. ހުކުރު ނަމާދަކީ މެންދުރު ނަމާދުގެ ބަދަލުގައި ކުރެވޭ ނަމާދެއް ކަމުގައިވާތީ ހުކުރުނަމާދު ކޮށްފިމީހަކަށް މެންދުރު ނަމާދު ކުރުމެއް ނޯންނާނެއެވެ.

3. ހުކުރު ނަމާދުގެ ވަގުތަކީ، މެންދުރު ނަމާދު ފަދަައިން އިރު މެދުން ފިލީއްސުރެން ފެށިގެން ޢަޞުރުގެ ވަގުތު ވަދެއްޖެއުމަށް ދާންދެނެވެ. މިދެވަގުތުގެ ދެމެދުން އެއްބަޔަކަށް ފަސޭހަވީ ވަގުތެއްގައި ނަމާދު ކުރެވިދާނެއެވެ. އިމާމް ބުޚާރީއާއި ނަސާއީ ރިވާވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހޫނު މޫދުމުގައި ހުކުރު ކުރެއްވުން ލަސްކުރައްވާ ކަމަށާއި އަދި ފިނި މޫސުމުގައި ހުކުރު ކުރެއްވުން އަވަސް ކުރައްވާކަމަށް އަނަސްގެފާނު ވިދާޅުވެފައިވެއެވެ.

4. ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު އުފެއްދެވީ އެދުވަހުގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ލެއްވުނީ އެދުވަހުގައެވެ. އަދި ސުވަރުގެއިން ބޭރު ކުރެއްވެވުނީވެސް ހަމަ އެދުވަހުގައެވެ. އަދި ޤިޔާމަތްވާނެކަން ކަށަވަރީވެސް ހަމަ އެދުވަހުގައެވެ. (މުސްލިމް)

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން