ޞާދިރު ޢަލީދީދީ   2 މޭ 2023 - 12:12
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



- 6 -

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ބައިވެރިވެވަޑައިގެންވި ހަނގުރާމަތަކުގެ ތެރެއިން އެއްހަނގުރާމައަކީ ޚަންދަޤު ހަނގުރާމައެވެ. އެހަނގުރާމަ ކުރިމަތިވީ ހިޖްރައިން ފަސްވަނަ އަހަރުގެ ޝައްވާލު މަހުގައެވެ. އެހަނގުރާމަޔަށް އަޙްޒާބު ހަނގުރާމައޭވެސް ކިޔެވެވެ. މާނައަކީ ލަޝްކަރުތަކުގެ ހަނގުރާމައެވެ.

މިހަނގުރާމައިގައި ޢަރަބީންގެ ތަފާތު ޤަބީލާތަކެއް އެއްވެގެން މަދީނާއަށް ޙަމަލަދިނެވެ. ޤުރައިޝުވަންހައާއި، ޣަޠުފާންވަންހައާއި، ޔަހޫދީންގެ ދިހަހާހަށްވުރެ ގިނަމީހުން އެހަނގުރާމައިގައި ބައިވެރިވިއެވެ. މަދީނާއަށް އެދިން ޙަމަލައިގެ ވަރުގަދަކަން ކީރިތި ޤުރްއާނުގައިވެސް ސިފަކުރައްވާފައިވެއެވެ. އިސްލާމްދީނުގެ ޢަދުއްވުންގެ މިލަޝްކަރު އައީ ފުރިހަމަޔަށް ހަތިޔާރުއަޅައި ތައްޔާރު ވެގެންނެވެ. އެލަޝްކަރުގައި ހަތަރުހާސް ފައްސަތަކޭޖަމަލާއި ތިންސަތޭކަ އަސް ހިމެނެއެވެ.

ދުޝްމިނުން މަދީނާ ވަށައިލިގޮތުން ބޭރުން ހުރިހާ ބާވަތެއްގެ އެހީތަކެއް ލިބުން ބަންދުވިއެވެ. ކާބޯތަކެތި މަދުކަމުގެ ސަބަބުން މީސްތަކުންނަށް ހައިބަނޑަށް ތިބޭންޖެހުނެވެ. އެ ހަނގުރާމައިގެ ތެރޭގެ ޙާދިޘާއެކެވެ. ޞަޙާބީންގެ ބޭކަލެއް ބަނޑުހައިފުޅު ކަމުގެ ޝަކުވާ ކުރެއްވިއެވެ. ކުރުތާކޮޅު ނަންގަވައި ބަނޑުފުޅު ދެއްކެވިއެވެ. އޭރު ބަނޑުފުޅުގައި ހިލައެއް ބަންނަވާފައި އޮތެވެ. އެ ޞަޙާބީގެ ޝަކުވާ އަޑުއެއްސެވުމަށްފަހު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، އެ ޞަޙާބީއަށް އެކަލޭގެފާނުންގެ ކުރުތާކޮޅު ނަންގަވައި ދެއްކެވިއިރު އެކަލޭގެފާނުގެ ބަނޑުފުޅުގައި ދެހިލަ ބަންނަވައިފައި އޮތެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ތަފާތު ޤަބީލާތަކެއް ގުޅިގެން މަދީނާއާ ޙަމަލަދޭން އުޅޭކަން އެނގިވަޑައިގެންނެވުމުން އެކަލޭގެފާނު ޞަޙާބީންނާ މަޝްވަރާ ކުރެއްވިއެވެ. މިދެންނެވި މަޝްވަރާގެ ތެރެއިން ސުލައިމާނުލްފާރިސީ ރަޟިޔަ ﷲ ޢަންހް އެރުއްވި މަޝްވަރާއަކާ ގުޅިގެން ހަމަޖެހިގެންދިޔައީ މަދީނާގައި ތިއްބަވައިގެން ދުޝްމިނުންނާ ކުރިމަތިލައްވާށެވެ. އެދުވަސްވަރު މަދީނާގެ ތިންފަރާތުން އޮތީ ފަރުބަދަތަކާއި ބޯގަސްތަކާއި ގޭގޭގެ ފާރުތަކުން ވަށައިލެވިފައެވެ. ހުހަށްއޮތީ ހުޅަނގުއުތުރު ފަރާތެވެ. ހަމަޖެހުނީ ހުހަށްއޮތް ފަރާތުގެ ދެފަރުބަދައިގެ ދެމެދުން ޚަންދަޤެއް ކޮންނަވާށެވެ. އެހެންކަމުން މެދުކެނޑުމެއްނެތި ހަދުވަސް ވަންދެން މަސައްކަތް ކުރައްވައިގެން ޚަންދަޤެއް ކޮންނަވައި ތައްޔާރު ކުރެއްވިއެވެ. ދުޝްމިނުންގެ އަރައިގެން އައުން ހުއްޓުވުމުގައި އެޚަންދަޤުގެ ބޭނުންތެރިކަން ސާބިތުވިލެއް ބޮޑުކަމުން އެހަނގުރާމައިގެ ނަމަކީ ޚަންދަޤު ހަނގުރާމަ ކަމުގައި ހަމަޖެހުނެވެ.

ސީރަތުގެ ފޮތްތަކުން އެޚަންދަޤާބެހޭ ތަފްޞީލުތައް ކިޔައިލުމުން ކުރިމަތިވެގެން އަންނަ ސުވާލެއް އެބައޮތެވެ. "އާދައިގެ ޚަންދަޤެއް ދުޝްމިނުންގެ ފައުޖު ހުއްޓުވައިލުމުގެ ސަބަބެއްކަމުގައިވީ ކިހިނަކުންބާވައެވެ؟" މިދެންނެވި ތަފްޞީލްގައިވާ ގޮތުން އެ ޚަންދަޤުގެ ދިގުމިނަކީ ހަކިލޯމީޓަރެވެ. އެ ޚަންދަޤުގެ ފުންމިނާއި ފުޅާމިން އާދައިގެ ކޯރަކަށްވުރެ އިތުރެއް ނޫނެވެ. އާދެ އެއީ ގާތްގަނޑަކަށް ދޮޅުމީޓަރު ފުން، ތިން މީޓަރު ފުޅާ ޚަންދަޤެކެވެ. މިވަރުގެ ޚަންދަޤަކީ ހަތިޔާރުއެޅި ލަޝްކަރަކާ ނިސްބަތްކުރާއިރު ކޮނެފައިވާ ކޯރަކަށް ވުރެ ބޮޑު ޙަޤީޤަތެއްއޮތް ތަނެއްނޫނެވެ. އެލަޝްކަރަށް ފަސޭހަކަމާއެކު އެޚަންދަޤު ހުރަސްކޮށް މަދީނާއަށް އަރައިގަނެވިދާނެއެވެ. ހަނގުރާމައިގެ ޙާދިޘާތަކުން ސާބިތުވާގޮތުގައި އެޚަންދަޤު އޮތުމާއެކުވެސް މުސްލިމުން ތިބީ ދުޝްމިނުންގެ ދުނިފޯރާ ފަށުގައެވެ. ސަޢުދު ބިން މުޢާޛު ރަޟިޔަ ﷲ ޢަންހުގެ މޭފުޅަށް ދުންޏެއް ހެރުމުން ސާބިތުވާ ފަދައިންނެވެ. މީގެ އިތުރަށްވެސް ތާރީޚުން ސާބިތުވާގޮތުގައި މަދުބަޔަކަށް ނަމަވެސް ޚަންދަޤު ހުރަސްކޮށް އަނެއްފަރާތަށް އައުމުގައި ކާމިޔާބު ހޯދުނެވެ. ޢަމްރު ބިން ޢަބްދު ވުއްދާއި އޭނާގެ އެކުވެރީންގެ ބަޔަކު އަސްމަތީގައި ޚަންދަޤު ރަނގަޅަށް ބަލައިހެދިއެވެ. އެއްދިމާޔަކުން ޚަންދަޤު ތަންކޮޅެއް ހަނިކޮށް އޮތްވައި ފެނުމުން އެތާނގައި މަޑުކުރިއެވެ. އަދި އަހާއެކު ފުންމައިގެން ޚަންދަޤުގެ އަނެއްފަރާތަށް ދިޔައެވެ. އެއަށްފަހި ޢަމްރުބިން ޢަބްދު ވުއްދާއި ޢަލީ ބިން އަބީޠާލިބް އާދެމެދު ހަނގުރާމަ ހިނގިއެވެ. އެކުރިމަތިލުމުގައި ޢަމްރު މަރުވިއެވެ. ގާތްގަނޑަކަށް އެއްމަސްދުވަހުގެ މުއްދަތަށް ދެމިގެންދިޔަ އެމުޙާޞިރާ އޭގެ އެންމެފަހު މުއްދަތުގައި ނިމިގެންދިޔައީ ގަދަވަޔާއެކުގައި އައި ޠޫފާނަކަށް ފަހުގައިއެވެ. ގަދަވައިގެ ސަބަބުން ދުޝްމިނުންގެ ލަޝްކަރުގައި ބިރުވެރިކަން އުފެދުނުވަރީ ލަޝްކަރުގެ ވެރިޔަކަށް ހުރި އަބޫ ސުފްޔާން އޭނާގެ ޖަމަލު މޮހައިނުލައި ޖަމަލަށް ސަވާރުވެ ޖަމަލުދުއްވާން މަސައްކަތްކުރިއެވެ.

ކަންމިހެން ހުރުމާއެކުވެސް އަންނަނިވި ސުވާލު އޭގެ މަޤާމުގައި އެބައޮތެވެ. "ހަތިޔާރުއެޅި ދިހަހާސް މީހުންނަށްވުރެ ޢަދަދުގިނަ ލަޝްކަރެއް ޚަންދަޤު ހުރަސްކޮށް މަދީނާއަށް އަރައިނުގަތީ ކީއްވެގެންބާވައެވެ؟" މަދީނާގައި ތިބި އެކަށީގެންވާ ހަތިޔާރެއްނެތް ތިންހާސް މީހުން އެލަޝްކަރު މަތަކުރަން އެއްގޮތަކަށްވެސް ނުފުދެއެވެ.

މާތް ކަންތައް ގެންދަވާ ގޮތުގެ ސުންނަތުން އެ ސުވާލުގެ ޖަވާބު ލިބެއެވެ. އެ ސުންނަތަކީ މާތް ﷲ އީމާންކަމުގެ އަހްލުވެރީންގެ ބާރު އެބައިމީހުންގެ ދުޝްމިނުންނަށް އިތުރުކުރައްވާފައި ދެއްކެވުމެވެ. ދުޝްމިނުންގެ ހިތްތަކުގައި ހައިބަތާއި ބިރުވެރިކަން އުފެއްދެވުމަށްޓަކައެވެ. މިމޭރުމުން ކީރިތި ޤުރްއާނުގައި އިރުޝާދު ދެެއްވާފައިވެސް ވެއެވެ. އާދެ، އެކަލާނގެ އަށް ކާފިރުވި މީހުންގެ ހިތްތަކުގައި މުސްލިމުންނާއިމެދު އެކަލާނގެ ބިރުވެތިކަން އުފައްދަވައިލައްވާނެ ކަމުގައެވެ. އެއީ އެއްކައުވަންތަ މާތް ﷲ އާ، އެކަލާނގެ އެއްވެސް ބާރެއް ދެއްވާފައިނުވާ އެއްޗެހިތަކަކާ އެއްފަދަކޮށް ޝަރީކު ކުރީތީއެވެ.

ކާފިރުންގެ ހިތްތަކުގައި މުސްލިމުންނާމެދު ހައިބަތާއި ބިރު އުފެއްދެވުމުގެ ސިފައިގައި މާތް ﷲ މުސްލިމުންނަށް ދެއްވާ ނަޞްރު ޚަންދަޤު ހަނގުރާމައިގައްޔާއި އަދި އެނޫންވެސް ޙާދިޘާތަކުގައި ފާޅުވެފައިވެއެވެ. މިހަނގުރާމައިގައި މުސްލިމުން ކޮނެފައިވާ ކޯރެއް ދުޝްމިނުންނަށް ދެއްކެވީ ވަރަށް ބޮޑު ޚަންދަޤެއްގެ ސިފައިގައެވެ. ނަމަވެސް އެއިލާހީ ނަޞްރުގައި ސަބަބުވެރި ވުމަށްޓަކައި މުސްލިމުންނަށް އެބައި މީހުންގެ އަތްފައި ވަރުބަލިކޮށްގެން "ކޯރެއް" ކޮންނާންޖެހުނެވެ. މުސްލިމުން އެކޯރު ކޮނުމުގައި އެބައިމީހުންގެ ހަކަތަ ބޭނުން ނުކުރިނަމަ، މާތް ﷲ މުސްލިމުންގެ ކޯރު ޚަންދަޤެއްގެ ސިފައިގައި އެހެން މީހުންނަކަށެއް ނުދެއްކެވީހެވެ.

އެންމެފުރަތަމަ ޤަރްނުގެ މުސްލިމުންނަށް މާތް ﷲ އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެއްވައިފައިވާ ހައިބަތުގެ ނަޞްރު ފަހުގެ ދައުރުތަކުގެ މުސްލިމުންނަށްވެސް ހޯދައިގަނެވިދާނެއެވެ. ނަމަވެސް ޝަރުޠަކީ މާތް ﷲ ގެ ރަސޫލާގެ އިރުޝާދުގެ ދަށުން ޞަޙާބީން އެހިންގެވި މަގުން ހިނގުމެވެ. އެނޫން މަގަކުން ހިނގާ މީހުންވާނީ ޝައިޠާނާގެ އެކުވެރީން ކަމުގައެވެ. އެހެންވީއިރު އެފަދަ މީހުންނަށް މާތް ﷲ ގެ ނަޞްރު ލިބޭނީ ކިހިނަކުންތޯއެވެ؟ މާތް ﷲ ގެ ނަޞްރުގެ ޙައްޤުވެރިޔަކަށް އިންސާނަކަށް ވެވޭނީ ތިމާގެ އަމިއްލަ ނަފްސު ޙައްޤާ ޝާމިލު ކުރުމުންނެވެ. އޭނާގެ އަތުގައިވާ ކޮންމެ އެއްޗެއް ޙައްޤާ ޙަވާލު ކުރުމުންނެވެ. އޭނާގެ ބޮލުގައި އޮންނަ ތާޖު އަނެކާގެ ބޮލުގައި އަޅުވައިދިނުމުންނެވެ. ހިޖްރަޔަށްފަހު މަދީނާގެ އަހްލުވެރީން ކަންތައްކުރި ފަދައިންނެވެ.

މާތް ﷲ ގެ ނަޞްރުގެ ޙައްޤުވެރީން ކަމުގައިވުމުގެ ޝަރުޠަކީ އެއްލަފުޒަކުން ދަންނަވާނަމަ "ކަލާ މަދަދު ކުރެއްވުމުން މަދަދު ލިބިވަޑައިގަންނަވާނެއެވެ." މާތް ﷲ ގެ މަދަދު އަޅުގަނޑުމެންނަށް އަންނާނީ މާތް ﷲ ގެ ޙަޟްރަތުން އަޅުގަނޑުމެންނާމެދު ކަންތައް މެދުވެރިވުން އަޅުގަނޑުމެން އެ އެދޭގޮތަށް އަޅުގަނޑުމެން އެހެން މީހުނާމެދު ކަންތައް ކުރުމުންނެވެ. އަޅުގަނޑުމެންގެ ކިބައިން އެހެންމީހުންނަށް ފޯރަނީ އުނދަގޫ ކަމުގައިވާނަމަ މާތް ﷲ ގެ މަލާއިކަތުން އަޅުގަނޑުމެންނަށް ރަޙުމަތުގެ ހަދިޔާ ހިއްޕަވައިގެނެއް ވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެންގެ ކަންތައް ހުންނަގޮތަކީ އެބައެއްގެ މައްޗަށް އަޅުގަނޑުމެންނަށް ބާރުފީރުވޭ ކޮންމެ ބަޔަކަށް އަޅުގަނޑުމެން ނުޙައްޤުން އަނިޔާކުރާން ފެށުން ކަމުގައިވާނަމަ އެހެންބަޔަކު އަޅުގަނޑުމެންގެ މައްޗަށް ބާރުހިންގައި އަޅުގަނޑުމެންނަށް އަނިޔާކުރާން ފެށުމުން މާތް ﷲ އަޅުގަނޑުމެންނަށް މަދަދު ކުރެއްވުމަކީ އެކަށީގެންވާ ކަމެެއްނޫނެވެ. މީހަކު އޭނާގެ މުޞީބާތެއްގެ ވަގުތު އެހީއަށް އެދި އަޅުގަނޑުމެންނަށް ގޮވުމުން އަޅުގަނޑުމެން ކުޅަދާނަކަން ލިބިތިބެވެސް އެމީހާގެ ގޮވުމަށް ސަމާލުކަން ނުދީފިނަމަ، ކޮންމެވެސް ބާރުހުރި ފަރާތަކުން އަޅުގަނޑުމެން އޮބައިގަންނާން ދިމާކުރާ ވަގުތު މާތް ﷲ ގެ ޙަޟުރަތަށް އަޅުގަނޑުމެން ދަންނަވާ ދެންނެވުން އެކަލާނގެ އައްސަވައި ވޮޑިގަތުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ދުނިޔޭގެ ދިރިއުޅުމުގައި އަބަދުވެސް ދިމާވާ ގޮތެކެވެ. ކޮންމެވެސް މީހަކަށްވުރެ މީހަކު ބާރުގަދަވެއެވެ. އަނެކަކަށްވުރެ ބަލިކަށިވެދެއެވެ. މިއީ މާތް ﷲ ގެ ނަޞްރުގެ މައްސަލައިގައި އިންސާނާގެ އިމްތިޙާނު ކަރުދާހެކެވެ. މީހަކު ނުވަތަ ޤައުމެއް ތިމަންނަމެންނަށްވުރެ ބާރުގަދަ ފަރާތްތަކާމެދު މާތް ﷲ ގެ ޙަޟުރަތުން ނަޞްރަށް އެދޭނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނީ ތިމާމެންގެ ބަލިކަށި މީހުނާމެދު ކަންތައްކުރާ ގޮތުންނެވެ. މީހަކު ތިމާގެ ނިކަމެތީންނަށް އަނިޔާކުރާނަމަ ތިމާގެ ގަދަފަދަ މީހުނާ ދެކޮޅަށް މާތް ﷲ ގެ މަދަދުގެ ޙައްޤުވެރިޔަކަށެއް ނުވާނެއެވެ. އެމީހަކު ކިތަންމެ ވަރަކަށް މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރިޔަސްވެހެވެ. ދުޢާކުރުމުގައި ކިތަންމެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވިޔަސްވެހެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން