ޞާދިރު ޢަލީދީދީ   30 އޭޕްރީލު 2023 - 12:29
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



- 5 -

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ހަނގުރާމަތަކުގެ ތެރެއިން އެއްހަނގުރާމައަކީ ޣަޒުވާޛާތިއްރިޤާޢް އެވެ. އެހަނގުރާމަ ހިނގީ ހިޖްރައިން ހަތަރުވަނަ އަހަރުގައެވެ. އެހަނގުރާމައިގެ ޙާދިޘާތަކުގެ ތެރެއިން އެއް ޙާދިޘާއަކީ ޖާބިރު رضي الله عنه ގެ ފަރާތްޕުޅުން ޞަޙީޙު ބުޚާރީގެ ކިތާބުލްމަޣާޒީގައި ރިވާވެފައިވާ ޙާދިޘާއެކެވެ. މިޙާދިޘާގެ ވާހަކަ ވަރަށް ކުޑަ ތަފާތަކާއެކު ސީރަތުގެ ފޮތްތަކުގައިވެސް ބަޔާން ކުރެވިފައިވެއެވެ.

ޣަޠުފާންވަންހައިގެ މީހެއް ކަމުގައިވާ ޣައުރަޘް ބުނުލް ޙާރިޘް، އޭނާގެ ޤައުމުގެ މީހުންގާތު ބުންޏެވެ. "އަހުރެން ތިޔަބައިމިހުންނަޓަކައި މުޙަންމަދުގެފާނު ޤަތުލުކުރަން ހެއްޔެވެ؟"

އެބައިމީހުން ބުންޏެވެ. "ޝައްކެއްނެތެވެ. އެކަމަކު ކަލޭ އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟"

ޣައުރަޘް ޖަވާބު ދިނެވެ. "އަހުރެން އެކަލޭގެފާނު ވިސްނާވަޑައިނުގެން ހުންނަވަނިކޮށް އަތުލައިގަނެ އެކަލޭގެފާނު ޤަތުލުކޮށްލާނަމެވެ."

މިހެންބުނެފައި ޣައުރަޘް އޭނާގެ މަސައްކަތަށް ނުކުމެއްޖެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ޞަޙާބީންނާއެކު ފޭލިގެ ޖައްސަވައިގެން ހުންނެވިތަނަށް ހިނގައްޖެއެވެ. އެތާނގައި ގިޔުޅިލާށި ގަސްތަކާއި ގަސްބޮނޑިތައް ހުއްޓެވެ. މުސްލިމުން ތިބީ އެގަސްތަކުގެ ހިޔަލުގައި އަރާމުކުރާށެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވެސް ގިއުޅިލާށި ގަހެއްގެ ދަށުގައި އަރާމްކުރައްވާން އޮންނެވިއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅުވަނީ އެގަހުގެ ގޮތްޕެއްގައި އެލުއްވައިފައެވެ.

އިތުރު އެކަކޭގެފާނު މިހެން އޮންނަވަނިކޮށް އިސްވެ ދެންނެވުނު އަޢުރާބީ ޢައުރަޘް އެކަލޭގެފާނު ހޯދަމުން ދަނިކޮށް އެތަނަށް ދެވިއްޖެއެވެ. އޭނާއަށް އިތުރު ސާހިބާ ގިނިކަންޏާ އޮށޯވެވަޑައިގެން އޮންނަވަނިކޮށް ފެނިއްޖެއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅުވެސް ގަހުގައި އެލުއްވައިފައި އޮތްތަން އޭނާ ދެކެފިއެވެ. އޭނާ އެދިޔަގޮތަށްގޮސް އެކަލޭގެފާނުގެ ކަނޑިކޮޅު ނަގައިފިއެވެ. އަދި ކަނޑި އުރައިން ދަމައިގެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހަށް އައިސް ހުއްޓިފައި ބުންޏެވެ. "އަޅުގަނޑުގެ ކިބައިން ކަލޭގެފާނު ސަލާމަތް ކުރާނީ ކާކުތޯއެވެ؟"

އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ގަދަ ކީރިތިވަންތަ ﷲ އެވެ."

އަޢުރާބީ ކަލޭގެ ކަނޑި އުފުލާލާފައި ދެންނެވިއެވެ. "އަޅުގަނޑުގެ އަތުގައި މިއޮތް ކަލޭގެފާނުގެ ކަނޑިކޮޅު ދެކެވަޑައިގެން ބައްލަވާށެވެ. މިކަނޑި ދެކެ ބިރުފުޅުވެގެން ވަޑައިނުގަންނަވަމުތޯއެވެ؟"

މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އަހުރެން ކަލޭދެކެ ބިރުގަންނާވީ ކޮންކަމަކާހެއްޔެވެ؟ މާތް ﷲ ކަލޭގެ ކިބައިން އަހުރެން ސަލާމަތް ކުރައްވާނެކަން އަހުރެންނަށް ޔަޤީނެވެ."

އިތުރު ސާހިބާ ނުހަނު އިތުބާރާއެކު ދެއްވި ޖަވާބުގެ އަޑު އިވުމުން ޣައުރަޘް އަށް އިތުރު އެންމެފިޔަވަޅެއްވެސް ކުރިއަށް އަޅާކަށެއް ނުކެރުނެވެ. އޭނާ އިތުރު ސާހިބާގެ ކަނޑިކޮޅު އުރަކޮޅަށް ލާފައި އެކަލޭގެފާނަށް އަރުވައިފިއެވެ.

އެކަލޭގެފާނު އަޢުރާބީ އެތާ ބޭންދިއެވެ. އެއަށް ފަހު ޞަޙާބީނަށް ވިދާޅުވެ އެބޭކަލުން އެތަނަށް ގެންނެވިއެވެ. އަޢުރާބީ އިނީ ވަރަށް ބޮޑަށް ސިހި ބިރުގެންފައެވެ. އޭނާގެ ކަނދުރާގައި ކަނޑި ހިންގައިލެވިދާނެތީއެވެ. ނަމަވެސް އިތުރު ސާހިބާ އޭނާ ދޫކޮށްލެއްވިއެވެ. އޭނާއަށް އެއްވެސް އަދަބެއް ނުދެއްވައެވެ.

(ސީރަތު އިބްނު ހިޝާމް، ޖިލްދު 3/ ތަފްސީރު އިބްނު ކަޘީރު، ޖިލްދު1)

މާތް ﷲ އަށް ފުރިހަމަޔަށް އިތުބާރުކުރާ މީހުން އެހެން އެއްވެސް އެއްޗެއްދެކެ ބިރެއް ނުގަނެއެވެ. ތާއަބަދު ދިރިދެމިވޮޑިގެންވާ ގަދަފަދަވަންތަ ޒާތުފުޅެއްގެ ޙައިޘިއްޔަތުން ﷲ ވޮޑިގެންވާކަން ޤަަބޫލުކުރުމުން އެހެން ކޮންމެ ބާރެއްދެކެ ބިރުކަނޑުއައިލައެވެ. ޙަޤީޤަތުގައި ދުޝްމިނަކާ ކުރިމަތިލުމަށް އިންސާނަކަށް ލިބޭ އެންމެ ބޮޑު ބާރަކީ ބިރުނުގަތުމެވެ. ދުޝްމިނާއަށް ތިމާގެ ވާދަވެރިޔާ ތިމާދެކެ ބިރެއް ނުގަންނަކަން އެނގޭއިރަށް އޭނާ އަނެކަކުދެކެ ބިރުގެންދެއެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ފާއިތުވި ރަމަޟާން މަހުންފެށިގެން ގެނެސްދެމުން އަންނަ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން