ޞާދިރު ޢަލީދީދީ   28 އޭޕްރީލު 2023 - 12:23
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)

.

- 4 -



رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މައްކާގައި އެކަލޭގެފާނުގެ ނަބީކަމުގެ ދަޢުވަތު ފެއްޓެވުމުން މުޝްރިކުން އެކަލޭގެފާނާ ވަރުގަދަޔަކަށް ދެކޮޅުހެދިއެވެ. އެކަލޭގެފާނަށް ހުރިހާ ބާވަތެއްގެ އުދަނގޫފުޅުތަކެއް ކުރިމަތިކުރެއްވިއެވެ. އެކަލޭގެފާނު ނިކަމެތިކޮށް، އެކަލޭގެފާނުގެ މަސައްކަތްޕުޅު ނާކާމިޔާބު ކުރުމަށް މުޝްރިކުން ކުރެވެން ހުރި ހުރިހާކަމެއް ކުރިއެވެ. ނަމަވެސް އެކަލޭގެފާނުގެ މިޝަން ދިޔައީ ކުރިއަށެވެ. މަދީނާގެ އަހްލުވެރީންގެ ކަންފަތްތަކަށްވެސް އިސްލާމްދީނުގެ އަޑުފޯރިއެވެ. މަދީނާއިން ވަރަށް ގިނަ އަދަދެއްގެ މީހުން އިސްލާމްވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ފިޔަވައި އެހެނިހެން މުސްލިމުންނަށްވެސް މައްކާގެ މުޝްރިކުން ދުއްތުރާކުރިއެވެ. އަނިޔާކުރިއެވެ. ކަންމިހެން ހުރުމާއެކު މަދީނާއިން މުސްލިމުންނަށް އެހީތެރީން ލިބުމުން މާތްރަސޫލާ މައްކާގެ މުސްލިމުންނާ މުޚާޠަބު ކުރައްވައި ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ތިޔަބައިމީހުންނަށްޓަކައި މަދީނާއިން އަޚުންނާއި އެހީތެރީން ހޯއްދަވައިދެއްވައިފިއެވެ. ތިޔަބައިމީހުން އެރަށަށް ހިނގައިދާށެވެ."

މައްކާގެ މުސްލިމުން އެކަކަށްފަހު އަނެކަކު މަދީނާއަށް ދާންފެށިއެވެ. ޤުރައިޝުންނަށް އެމަޝްރޫޢުގެ ޚަބަރު ލިބުމުން މުސްލިމުން މަދީނާއަށް ހިޖްރަކުރިޔަނުދީ ހިފެހެއްޓޭތޯ މަސައްކަތް ކުރިއެވެ. ބައެއް މީހުންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. ބައެއްމީހުން ހިފައި ހައްޔަރުކޮށް ގޭގައި ބަންދުކުރިއެވެ. ނަމަވެސް ގިނަ މުސްލިމުން އެގޮތް މިގޮތުން މަދީނާއަށް ހިނގައްޖެއެވެ.

ދެންއޮތީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ މަދީނާއަށް ހިޖްރަކުރެއްވުމެވެ. މުސްލިމުން މަދީނާއަށް ފޮނުއްވުމަށްފަހު، ޚުދު ރަސޫލާވެސް މަދީނާއަށް ވަޑައިގެންފާނެކަން ޤުރައިޝުންނަށް ވިސްނުނެވެ. އެހެންކަމުން ބަނޫހާޝިމް ފިޔަވައި ޤުރައިޝްވަންހައިގެ ހުރިހާ ޤަބީލާތަކެއްގެ ވެރީން ދާރުއްނަދުވާ (ޤުޞައްޔު ބިން ކިލާބުގެގެ) އަށް އެއްވެ މަޝްވަރާކުރިއެވެ. ޤުރައިޝުންގެ މިސައްލާއަށް ތަފާތު އެތައް ހުށަހުމެއް ހުށަހެޅުނެވެ. އެންމެފަހުން އިއްތިފާޤު ވެވުނީ ކޮންމެ ޤަބީލާއަކުން އެކަކު ކަނޑިހިފައިގެން ނުކުމެ އެއްފަހަރާ ޙަމަލާދީ މުޙައްމަދުގެފާނު صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޤަތުލުކޮށްލާށެވެ. މިގޮތުން އެއްބަސްވެވުނީ އެކަލޭގެފާނުގެ ލޭފޮދުގެ ޒިންމާ ހުރިހާ ޤަބީލާތަކަށް ބަހާލާށެވެ. ބަނޫހާޝިމަށް ހުރިހާ ޤަބީލާތަކަކާ ހަނގުރާމަ ނުކުރެވޭނެތީއެވެ. އެހެންކަމުން ބަދަލުހިފުމުގެ ބަދަލުގައި މަރުގެދިޔަ ޤަބޫލުކުރާން އެއްބަސްވެދާނެތީއެވެ.

ވިދިގެން އައިރޭ ހުރިހާ ޤަބީލާތަކުގެ އިސްމީހުން އިތުރު އެކަލޭގެފާނުގެ ގަނޑުވަރު ވަށާލިއެވެ. ފަތިހު އެކަލޭގެފާނު ގަނޑުވަރުން ނުކުމެވަޑައިގަންނަވާތަނުން ކުއްލިއަކަށް ޙަމަލަދީ އެކަލޭގެފާނުގެ ކަންތައް ނިންމާލުމުގެ ބޭނުމުގައެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް މިހުރިހާ ކަމެއް ހިނގަމުންދާ ގޮތުގެ ޚަބަރުތައް ލިބިވަޑައިގަންނަވަމުން ދެއެވެ. އެހެންކަމުން، އެކަލޭގެފާނުވެސް ހަމަހިމޭންކަމާއެކު ގެންދެވީ އެކަލޭގެފާނުގެ ދަތުރުފުޅު ރާއްވަވައި އެކަމަށް ތައްޔާރުވެ ވަޑައިގަންނަވަމުންނެވެ. މިދަތުރުފުޅަށް އެކަލޭގެފާނު ރާއްވަވާފައިވާ ރޭއްވެވުމާ އެއްގޮތަށް ހަމައެރޭމެ ابو بكرالصديق رضي الله عنه ގޮވައިގެން އެކަލޭގެފާނު މައްކާއިން ނުކުމެވަޑައިގެންނެވިއެވެ. މައްކާއިން ނުކުމެވަޑައިގެން އެކަލޭގެފާނު މަޑުކުރެއްވީ ރަށާ ހަތަރުމޭލު ދުރުގައި ހުރި ޘައުރު ފަރުބަދައިގެ ހޮހަޅައިގައެވެ. އެއީ އެކަލޭގެފާނު މައްކާއިން ނުކުމެވަޑައިގެންފިކަން ޤުރައިޝުންނަށް އެނގޭއިރަށް އެކަލޭގެފާނު ހޯދަން އެކި ދިމަދިމާއަށް ނިކުމެގެންފާނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާތީއެވެ. އެހެންކަމުން އެކަލޭގެފާނު ޤަޞްދުކުރެއްވީ ޘައުރު ފަރުބަދައިގެ ހޮހަޅައިގައި ދެތިންހަތަރު ދުވަހަކު މަޑުކުރައްވާށެވެ. ޤުރައިޝުން އެކަލޭގެފާނު ހޯދަން ކުރާ މަސައްކަތް ހުއްޓުމުން މަދީނާއަށް ދަތުރުކުރައްވާށެވެ.

ޤުރައިޝުންގެ ސަވާރުން ހަތަރުފަރާތުން އެކަލޭގެފާނު ހޯދަމުން ގެންދިޔައެވެ. އޭގެތެރެއިން އެއްޖަމާޢަތެއް ޘައުރު ފަރުބަދައިގެ ކައިރިޔަށްވެސް ދިޔައެވެ. އެބައިމީހުން ކަނޑުތައް ހިފައިގެން ޘައުރު ފަރުބަދައިގެ ކުރިމަތީގައި ތިބިއިރު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށާއި ابو بكر رضي الله عنه އަށް އެބައިމީހުންގެ ފައިތިލަތައް ފެނިވަޑައިގަންނަވައެވެ. އެއީ ނުރައްކާތެރިކަން އޭގެ ނިހާޔަތުގައިވާ ދަނޑިވަޅެކެވެ. އެހިނދު ابو بكر الصديق ވިދާޅުވިއެވެ. " އޭ މާތް ﷲ ގެ ރަސޫލާއެވެ. ދުޝްމިނުން މިހިސާބަށްވެސް އަތުވެއްޖެއެވެ." އިތުރު ސާހިބާ ޙަދީޘްފުޅުކުރެއްވިއެވެ. "ހިތާމަ ނުކުރައްވާށެވެ. މާތް ﷲ ވޮޑިގެންވަނީ އަހަރެމެންނާ އެކުގައެވެ." އެއަށްފަހު ނުހަނު ހިތްޕުޅު ހަމަޖެހިވަޑައިގަތުމާއެކު އަނެއްކާވެސް ޙަދީޘް ކުރެއްވިއެވެ.

"އޭ ابو بكر ގެފާނެވެ. އެދެމީހުނާއެކު ތިންވަނަ ފަރާތެއްގެ ގޮތުގައި މާތް ﷲ ވޮޑިގެންވާ ދެމީހަކާމެދު ކަލޭގެފާނަށް ހީފުޅުވަނީ ކިހިނަކުންތޯއެވެ؟"



ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން