ޞާދިރު ޢަލީދީދީ   27 އޭޕްރީލު 2023 - 12:19
ދަމުނަމާދު: މާތް ރަސޫލާ އާލާސްކަންފުޅަކާހުރެ ރޭގަނޑުގެ ނަމާދު ދޫކޮށްލެވިއްޖެނަމަ ދުވާލު ބާރަ ރަކްޢަތް ކުރައްވަތެވެ.
ދަމުނަމާދު: މާތް ރަސޫލާ އާލާސްކަންފުޅަކާހުރެ ރޭގަނޑުގެ ނަމާދު ދޫކޮށްލެވިއްޖެނަމަ ދުވާލު ބާރަ ރަކްޢަތް ކުރައްވަތެވެ.
މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުނި ޢުމަރަކީ ވަރަށް އަޅުވެރި މާތް ޒުވާން ބޭފުޅެކެވެ. އަބަދުވެސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމްގެ އަރިހުގައި ދަންނަވާނެ އުފާވެރި ރަނގަޅު ހުވަފެންފުޅެއް ފެނިވަޑައި ގެންނެވުމުގެ އުއްމީދުގައި އުޅުއްވަތެވެ.

ޢަބްދު ﷲ ބުނި ޢުމަރު ވިދާޅުވެފައިވެއެވެ. އެއްރެއެއްގައި ތިމަން ކަލޭގެފާނަށް ހުވަފެންފުޅެއް ފެނިވަޑައިގަތެވެ. އެހުވަފެންފުޅުގައި ދެކެވަޑައިގަތީ ސުވަރުގެހެން ހީވާތަނެކެވެ. އަތްޕުޅުގައި ފަށުއި ފޮތިކޮޅެއް އޮތެވެ. އެތަނުން ވަރަށް މާތް ތަނެއް ދެކެވަޑައިގަތެވެ. ދެން އެތަނަށް ވަޑައިގަތުމަށް ޤަޞްދުކުރެއްވިއެވެ. އެހެނެއްކަމަކު އެތަން ހުރީ ވަރަށް ދުރުގައެވެ. އެތަނަށް ވަޑައިގެންނެވޭނެ ގޮތެއް ނެތެވެ. އެހިނދު އެއްކަލަ ފޮތިކޮޅު ތިމަން ކަލޭގެފާނާއިގެން އުދުހިފައި އެހިސާބަކަށް ގެންގޮސްފިއެވެ.

އެތަނަށް ވަޑައިގަތުމުން ބައްދަލުވެވަޑައިގަންނަވަނީ ދެ މަލާއިކަތަކާއެވެ. އެދެބޭކަލުން ތިމަންކަލޭގެފާނުގެ ގައިކޮޅުގައި ހިއްޕެވިއެވެ. އަދި ނަރަކައަށް ގެންދެވިއެވެ. އެކަލޭގެފާނަށް ނަރަކަ ފެނިވަޑައިގަތީ ފުންވަޅެއްގެ ގޮތުގައެވެ. އެތަނުން ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވާ އެތަކެއް މީހުން ތިމަންކަލޭގެފާނަށް ފެނި ވަޑައިގަތެވެ. އެވަގުތު ތިމަންކަލޭގެފާނު ﷲ އަށް ދުޢާ ދެންނެވީމެވެ. "އޭ އަޅުގެ ވެރިރަސްކަލާކޮ! އަޅު ނަރަކައިގެ ބިރުވެރިކަމުން ސަލާމަތަށް އެދި އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ." އެހިނދު އެހެން މަލާއިކަތަކު ވަޑައިގެން ތިމަންގެ ގާތުގައި ވިދާޅުވިއެވެ. "ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ." މިހެން ވިދާޅުވުމަށްފަހު އެމަލާއިކަތާ ކުރީން ބައްދަލުވި ދެމަލާއިކަތުންނަށް ދެންނެވިއެވެ. "އޭނާ ދޫކޮށްލައްވާށެވެ. ހަމަވަގުތުން އެދެބޭކަލުން ތިމަންދޫކޮށްލައްވައިފިއެވެ."

ދެން ޢަބްދު ﷲ ގެފާނު ވިދާޅުވެފައިވެއެވެ. "އެއަށްފަހު ތިމަންކަލޭގެފާނު ނިދިން ހޭފުޅުލެވިއްޖެއެވެ. އަދި އަވަސް އަވަހަށް ތިމަންކަލޭގެފާނުގެ ދައްތާފުޅު އުއްމުލް މުއުމިނީނަ ޙަފުޞަތުގެފާނުންގެ އަރިހަށް ވަޑައިގެން ހުވަފެންފުޅުގެ ވާހަކަ ދަންނަވައިފީމެވެ. އަދި އެކަމަނާ ވަޑައިގެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމްގެ އަރިހުގައި ދެންނެވިއެވެ. އެހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ޙަދީޘް ކުރެއްވިއެވެ. "ޢަބްދު ﷲ އަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. ދަމުނަމާދު ކުރާނަމަ، ކިހާ ރަނގަޅުވީސްތާއެވެ." މާތް ރަސޫލާގެ މިޙަދީޘް ފުޅާއިބެހޭގޮތުން ޢަބްދު ﷲ ގެފާނުންގެ ދަރިކަލުން ސާލިމް ވިދާޅުވެފައިވެއެވެ. ލޮބުވެތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލިމް މިބަސްފުޅު ޙަދީޘް ކުރެއްވިފަހުން ބައްޕާފުޅު ރޭގަނޑުން މަދު ވަގުތެއްގައި ނޫނީ އަވަހާރަފުޅު ނުލައްޕަވަތެވެ. (ބުޚާރީ)

އިރުޝާދު:

1. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ރެއެއްގައި ރޭގަނޑުގެ ތިންބައިން ފަހުބައިގައި ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގަންނަވަތެވެ. އަދި ވަޙީކުރައްވަތެވެ. ތިމަން ﷲ އަށް ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާގެ ދުޢާ ތިމަން ﷲ ޤަބޫލުފުޅު ކުރައްވާހުށީމެވެ. ތިމަން ﷲ ގެ އަރިހުން އެދެނީ ކާކު ހެއްޔެވެ؟ އެމީހެއްގެ ބޭނުން ތިމަން ﷲ ފުއްދަވައި ދެއްވާހުށީމެވެ. ތިމަން ﷲ ގެ ޙަޟްރަތުގައި ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އެމީހެއްގެ ފާފަ ތިމަން ﷲ ފުއްސަވާދެއްވާހުށީމެވެ. މިގޮތުގެމަތީން ފަތިސްވަންދެން ﷲ ގެ ޙަޟްރަތުން މިގޮތަށް ނިދާއިއްވެވި ހުންނަ ކަމުގައި ލޮބުވެތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލިމްގެ ޙަދީޘް ފުޅުން ހާމެވެގެންވާ ކަމަށް ރިވާޔަތްތަކުން އައިސްފައިވެއެވެ. (މުސްލިމް)

2. ދަމުނަމާދަކީ ގަދަވެގެންވާ ސުންނަތެކެވެ. ދަމުނަމާދުގެ މަދު މިންވަރަކީ ދެރަކްޢަތެވެ. ގިނަ މިންވަރެއް ނޯވެއެވެ. އެމީހަކަށް ކުރެވުނު މިންވަރެކެވެ. ރަކްޢަތް ގިނަކުރުމަށްވުރެ މޮޅުއިތުރުވެގެންވަނީ ރަކްޢަތް ދިގުކުރުން ކަމުގައި އިމާމު ޝާފިޢީ ވިދާޅުވެފައިވެއެވެ. ނަމަވެސް ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ބާރަ ރަކްޢަތް ކުރައްވާކަމުގައި ޙަދީޘްތަކުން ވާރިދުވެގެން ވެއެވެ. އިމާމު މުސްލިމު ޢާއިޝަތުގެފާނުންގެ އަރިހުން ރިވާކުރައްވާފައިވެއެވެ. "ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް އާލާސްކަންފުޅަކާހުރެ ރޭގަނޑުގެ ނަމާދު ދޫކޮށްލެވިއްޖެ ހިނދެއްގައި ދުވާލު ބާރަ ރަކްޢަތް ކުރައްވަތެވެ."

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން