ޞާދިރު ޢަލީދީދީ   26 އޭޕްރީލު 2023 - 12:56
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)



-3-

ޤަބީލީ ނިޒާމްތަކުގައި އިންސާނާ ދިރިއުޅެމުން ގެންދަނީ ޤަބީލާގެ ހިމާޔަތުގެ ދަށުގައެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްކީ ދިރިއުޅުއްވުމުގެ ކުރީކޮޅުގެ ދުވަސްތައް ހޭދަކުރެއްވީ އެކަލޭގެފާނުންގެ ބޮޑުބޭބެފުޅު ابو طالبގެ ހިމާޔަތުގެ ދަށުގައެވެ. ابوطالب ގެފާނަކީ ހާޝިމްވަންހައިގެ ވެރިޔާއެވެ. ނަބީކަމުގެ ދިހަވަނަ އަހަރު ابوطالب ގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވާހަރަފުޅުލެއްޕެވުމާއެކު ޤަބީލާގެ އާދަކާދައިގެ މަތީން ހާޝިމްވަންހައިގެ ވެރިޔަކަށްވީ އަބޫލަހަބެވެ. އޭނާ އިތުރު އެކަލޭގެފާނަށް ހިމާޔަތް އެރުވުމާ ދެކޮޅުހެދިއެވެ. އެހެންކަމުން އެކަލޭގެފާނު ޤަޞްދުކުރެއްވީ އެހެން ޤަބީލާއެއްގެ ޙިމާޔަތް ހޯއްދަވައިގެން އެކަލޭގެފާނުގެ ދަޢުވަތު ކުރިޔަށް ގެންދެވުމަށެވެ. އެބޭނުންފުޅުގައި އެކަލޭގެފާނު ޠާއިފަށް ދަތުރުފުޅެއް ކުރެއްވިއެވެ.

ޠާއިފަކީ މައްކާގެ އިރުދެކުނުން ފަންސަވީސް މޭލު ދުރުގައި އޮންނަ ރަށެކެވެ. ގަސްހެދޭ މޮޅު ބިމެކެވެ. އިތުރު އެކަލޭގެފާނުގެ ތިމާގެފުޅު ބައެއް ބޭކަލުން އެރަށުގައި ތިއްބަވައެވެ. އެކަލޭގެފާނު އެރަށަށް ވަޑައިގަތީ އެކަލޭގެފާނުގެ ޚާދިމް زيد بن حارثة ގެފާނު ގޮވައިގެންނެވެ. އެދުވަސްވަރު އެރަށުގެ އެންމެ ނުފޫޒުހުރީ ތިންމީހެކެވެ. އެއީ ޢަބްދުޔަލައިލާއި، މަސްޢޫދާއި ޙަބީބެވެ. އިތުރު އެކަލޭގެފާނު އެތިންމީހުންނާ ބައްދަލުކުރެއްވިއެވެ. ނަމަވެސް އެތިންމީހުންމެ އިތުރު އެކަލޭގެފާނަށް ޙިމާޔަތް އެރުވުމާމެދު ކުރީ އިންކާރެވެ. އޭގެތެރެއިން އެކަކު ބުންޏެވެ. "މާތް ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވައިފިނަމަ އަހުރެން އެކަލާނގެ ގެފުޅުގެ އުރަކޮޅު ވީދާފާހުށީމެވެ." އަނެކަކު ބުނީ "މާތް ކަލާނގެއަށް ކަލޭގެފާނު ފިޔަވައި ރަސޫލުކަމުގައި ފޮނުއްވާނެ އެހެންމީހަކު ލިބިވަޑައިނުގަތީ ބާވައެވެ؟" މިހެންނެވެ. ތިންވަނަ މީހާބުނީ "މާތް ﷲ ގަންދީ ބުނަމެވެ. އަހުރެން ކަލޭގެފާނަކާ ވާހަކައެއް ނުދައްކާހުށީމެވެ. ކަލޭގެފާނަކީ ރަސޫލަކު ކަމުގައިވީނަމަ ކަލޭގެފާނަށް ޖަވާބު އަރުވައިހެދުން ވާހުށީ ފާފައެއް ކަމުގައެވެ. ކަލޭގެފާނަކީ ދޮގުވެރިޔެއް ކަމުގައިވާނަމަ ކަލޭގެފާނާ ވާހަކަ ދެއްކުމަކީ އަހަރެންގެ ޤަދަރާ އެކަށީގެންވާ ކަމެއް ނޫނެވެ." (ސީރަތު އިބްނު ހިޝާމް، ޖިލްދު 2، ޞަފްޙާ 29)

މިޖަވާބު ލިބިވަޑައިގަތުމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނުހަނު ހިތާމަފުޅާއެކު އެނބުރިވަޑައިގަތީއެވެ. ނަމަވެސް ޠާއިފުގެ ވެރީން އެހިސާބަކުންވެސް އިތުރު އެކަލޭގެފާނު ދޫކޮށެއްނުލިއެވެ. އެބައިމީހުން ރަށުގެ ކުޑަކުދީންތައް އެކަލޭގެފާނުގެ ފަހަތްޕުޅުން ފޮނުވިއެވެ. ހުތުރު އެއްޗެހި ގޮވަމުން އެކަލޭގެފާނުގެ ގައިކޮޅަށް ހިލައުކަމުން އެކަލޭގެފާނުގެ ފަހަތްޕުޅުން އެމީހުން ދިޔައެވެ. زيد بن حارثة رضي الله عنه އިތުރު އެކަލޭގެފާނު ޙިމާޔަތް ކުރެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް ކާމިޔާބު ލިބިވަޑައެއް ނުގަތެވެ. އިތުރު އެކަލޭގެފާނުގެ ހަށިކޮޅު ލޭފޮދުން ފޯވެއްޖެއެވެ.

ރަށާ ތަންކޮޅެއް ދުރުގައި ޢުތުބާއާއި ޝައިބާއާ ދެބެންގެ މޭބިސްކަދުރު ބަގީޗާއެއް އޮތެވެ. އެކަލޭގެފާނަށް އެހާތަނަށް ވަޑައިގެންނެވުނުއިރު ވަރަށް ހަވީރު ވެއްޖެއެވެ. އެކަލޭގެފާނު ބަގީޗާގައި ރައްކާތެރިވެ ވަޑައިގަތެވެ. އެވަގުތު އެކަކޭގެފާނު ހުންނެވީ ނުހަނު ބޮޑަށް ޒަޚަމްވެވަޑައިގެންފައެވެ. މާތް ﷲ އަށް ދުޢާކުރައްވަ ކުރައްވައެވެ. "ހައްދަވާ ބޮޑުކުރެއްވި ކަލާކޯއެވެ! މިއަޅާއަށް މަދަދު ދެއްވާނދޭވެ! މިއަޅާއެކަނި ދޫކޮށްނުލައްވާނދޭވެ!"

ޢުތުބާއާއި ޝައިބާއާ ދެމީހުންނަކީ ދެމުޝްރިކުންނެވެ. އެހެންކަމާއެކުވެސް އިތުރު އެކަލޭގެފާނުގެ ޙާލުކޮޅު ފެނުމުން އެދެމީހުންގެ ހިތުގައި ރަޙްމު އުފެދުނެވެ. އެދެމީހުންގެ ކްރިސްޓިޔަން އަޅެއްކަމުގައިވާ

عداس އަށް ގޮވައި ގެނެސްފިއެވެ. އެމީހުން އެނާގާތު ބުންޏެވެ. މިމޭބިސްކަދުރުގެ ތެރެއިން ކޯޅިތަކެއް ތަބަކަށްލައިގެން، އެއިންނެވި ކަލޭގެފާނުގެ އަރިހަށްގޮސް ފަރިއްކުޅުއްވާން ދަންނަވާށެވެ. ޢައްދާސް އެގޮތަށް ޢަމަލު ކުރިއެވެ. އޭނާ މޭބިސްކަދުރު ގެންގޮސް މާތް ރަސޫލާގެ އަރިހުގައި ބަހައްޓައިފައި ފަރީއްކުޅުއްވާށޭ ދަންނަވައިފިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އޭގައި އަތްޕުޅު ލައްވަމުން بسم الله އެވެ ވިދާޅުވެ ފަރީއްކުޅުއްވަން ފެއްޓެވިއެވެ.

ޢައްދާސް އިތުރު އެކަލޭގެފާނުގެ މޫނުފުޅަށް ބަލައިލައިފައި ދެންނެވިއެވެ. " މާތް ﷲ ގަންދީ ދަންނަވަމެވެ. ކަލޭގެފާނު ތިޔަ ވިދާޅުވިއެއްޗަކީ މިކަރައިގެ މީހުން ކިޔައި އުޅޭ އެއްޗެއްނޫނެވެ." رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ.

"ޢައްދާސް އެވެ. ކަލެއަކީ ކޮންރަށެއްގެ މިހަކީމުހެއްޔެވެ؟ ކަލޭގެ ދީނަކީ ކޮބައިހެއްޔެވެ؟" އެކަލޭގެފާނަށް ޖަވާބު ދެއްވަމުން ޢައްދާސް ދެންނެވިއެވެ. "އަޅުގަނޑަކީ ކްރިސްޓިޔަނަކީ މެވެ. އަޅުގަނޑަކީ ޢިރާޤުގެ ނީނަވާގެ އަހްލުވެރިޔަކީމެވެ." ޢައްދާސް މިހެންދެންނެވުމާއެކު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. " މާތް ﷲ ޞާލިޙު އަޅެއްކަމުގައިވާ يونس بن متي ގެ ރަށްތާއެވެ." ރަސޫލާގެ މިގޮތަށް ޙަދީޘް ކުރެއްވުމުން ހައިރާންވެ ހުރެ ޢައްދާސް ދެންނެވިއެވެ. "ކަލޭގެފާނަށް يونس بن متي އެނގިވަޑައިގަތީ ކިހިނަކުންތޯއެވެ؟"

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. "އެއީ ތިމަން ކަލޭގެފާނުގެ އަޚެކެވެ. އެއީ ނަބީބޭކަލެކެވެ. ތިމަންކަލޭގެފާނަކީވެސް ނަބީބޭކަލަކީމުއެވެ."

ކީރިތި ނަބިއްޔާގެ މިބަސްފުޅު އިވުމުން ޢައްދާސް ގުދުވެ އެކަލޭގެފާނުގެ އިސްތަށިފުޅާއި އަތްފައިންޕުޅުގައި ބޮސްދޭންފެށިއެވެ. އެވަގުތު ޢުތުބާއާއި ޝައިބާއާ ދެބެން އެތަން ބަލަހައްޓައިގެން ތިއްބެވެ. އޭގެ އަކަކު އަނެކަކުގާތު ބުންޏެވެ. "ދެކެބަލާށެވެ. ކަލޭގެ އަޅުކަލޭގެ ހަލާކުކޮށްލައިފިއެވެ!" އަދި ޢައްދާސް އެނބުރި އައުމުން އެމީހުން ބުންޏެވެ. "ޢައްދާސް އެވެ. ކަލެއަށް ހަލާކު ހުއްޓެވެ. ކަލޭގެ އެކަލޭގެފާނުގެ އިސްތަށިފުޅާއި އަތްފައިންޕުޅުގައި ތިޔަ ބޮސްދިނީ ކީއްވެހެއްޔެވެ؟" ޢައްދާސް ދެންނެވިއެވެ. "ސާހިބާއެވެ! އެކަލޭގެފާނަށްވުރެ ހެޔޮވެގެންވާ އެހެންމީހަކު މިދުނިޔެ މައްޗަކު ނުވެއެވެ. ހަމައެކަނި ނަބީބޭކަލަކަށް މެނުވީ އެނގިވަޑައި ނުގަންނަވާނެ ވާހަކައެއް އެކަލޭގެފާނު އަޅުގަނޑުގާތު ވިދާޅުވެދެއްވިއެވެ." ޢައްދާސްގެ މިވާހަކަތައް އައްސަވާފައި އެދެބޭފުޅުން ކޯފާވަޑައިގެން ވިދާޅުވިއެވެ. "އޭ ޢައްދާސް އެވެ. ކަލެއަށް ހަލާކުހުއްޓެވެ. އެކަލޭގެފާނު ކަލޭގެ ދީނުން ކަލޭ ބޭރު ކުރެއްވިޔަނުދޭށެވެ. އެހެނީ ކަލޭގެ ދީން އެކަލޭގެފާނުގެ ދީނަށްވުރެ ހެޔޮކަންބޮޑެވެ." (ސީރަތު އިބްނު ހިޝާމް، ޖިލްދު 2، ޞަފްޙާ 30)

މާތް ﷲ ގެ ރަސޫލާއަށް އެންމެ ދަތުރުފުޅެއްގައި ތަފާތު މީސްމީހުންގެ ފަރާތުން ތަފާތު ތިންބާވަތެއްގެ ތަޖްރިބާ ލިބިވަޑައިގަތެވެ.

- އެއްބަޔަކު އެކަލޭގެފާނުގެ ގައިކޮޅަށް ހިލައުކިއެވެ.

- އަނެއްބަޔަކު އެކަލޭގެފާނުގެ ގޮވައިލުމެއް އެރުވިއެވެ.

- ތިންވަނަ ބަޔަކު އެކަލޭގެފާނުގެ ނަބީކަން ޤަބޫލުކުރިއެވެ.

މިޙާދިޘާގައި ވަރަށް ބޮޑު ފިލާވަޅެއް އެކުލެވިފައިވެއެވެ. އެފިލާވަޅަކީ މިދުނިޔޭގައި ވުން އެކަށީގެންވާ ކަންކަމުގެ ވަކި ހައްދެއް ނެތްކަމެވެ. މިތާނގައި އޮތީ ހިލަބިމުގެ މައިދާނެއް ކަމުގައިވާނަމަ އެތާނގައި ހިޔާދޭ ގަސްތައްވެސް އެބަހުއްޓެވެ. ދުނިޔެވީ ޙަޔާތުގައި ބައެއްގެ ފަރާތުން ނުބައިކޮށް ހިތެވުމުގެ ތަޖްރިބާއެއް ކުރެވުނަސް އިންސާނާ މާޔޫސް ނުވުން ހުއްޓެވެ. އިންސާނާ ޙައްްޤުގޮތުގައި ސާބިތުވެ ހުރެއްޖެނަމަ، އަދި އޭނާގެ ހިތް ނޭދެވޭ ޖަޒުބާތުތަކުން ސަލާމަތް ކޮށްފިނަމަ އޭނާއަށް މާތް ﷲ ގެ މަދަދު ލިބޭނެކަން ޔަޤީނެވެ. އެއްކަހަލަ ބަޔަކު އޭނާއާ ބައިވެރި ނުވެއްޖެނަމަ ކޮންމެވެސް އެހެން ބާވަތެއްގެ ބައެއްގެ ހިތް އޭނާއަށްޓަކައި މަޑުކުރެވިގެން ދާނެއެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން