އަހުމަދު ޝާހް   25 އޭޕްރީލު 2023 - 17:24
ތިލަމާލެ ބްރިޖް ޕްލެޓްފޯމެއް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންޑިއާގެ އެފްކޮން ކުންފުންޏަށް ކުރި ޖޫރިމަނާ މަޢާފު ނުކުރާނެ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ އެފްކޮންސްގެ ޖޫރިމަނާގެ އިސްތިއުނާފާއި ގުޅޭ ގޮތުން މިނިސްޓަރާއި ސުވާލު ކުރައްވާފަ އެވެ.

އެސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ވަކިބަޔަކަށް ފައިދާވާ ގޮތަށް ސަރުކާރުން އެއްވެސް ކަމެއް ނުނިންމާނެ ކަމަށެވެ. އޭގެއިތުރުން އެފްކޮންސް ކުންފުނީގެ ޖޫރިމަނާ މަޢާފު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.

"އެފްކޮންސްގެ މައްސަލައާ ގުޅިގެން މިހާރު ހުށަހެޅިފައި އޮތް މައްސަލައަށް މާފުކުރުމުގެ އެއްވެސް ނިޔަތެއްވެސް އެއްވެސް ސިޔާސަތެއްވެސް އަޅުގަނޑުމެންގެ ނެތް،" ޝައުނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖް މަސައްކަތުގެ ތެރެއިން ބްރިޖް ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ލިބުނު ގެއްލުންތަކާ ގުޅިގެން އެފްކޮންސް ޖޫރިމަނާކުރީ 69.4 މިލިއަން ރުފިޔާ އިންނެވެ.

އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް 2022 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 13 ގައި އެކުންފުންޏަށް އަންގާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭއިން ވަނީ ބުނެފައެވެ.

ޖޫރިމަނާގެ މައްސަލަ އެފްކޮންގެ ފަރާތުން އިސްތިޢުނާފް ކޮށްފައިވާއިރު މީގެ ކުރިން އެކުންފުނިން ވަނީ ޖޫރިމަނާގެ މައްސަލަ މުރާޖައާކޮށްދިނުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް ހުށަހަޅާފައެވެ.

އެފްކޮންސް ޖޫރިމަނާކުރީ ޕްލެޓްފޯމެއް ފަރަށް އަރައި ވިލިމާލެ ފަރަށް ލިބުނު ގެއްލުންތަކުގެ ސާވޭއެއް ވެސް އީޕީއޭ އިން ހެދުމަށްފަހު ކަމަށް އީޕީއޭއިން ބުނެއެވެ. އެގޮތުން ފަރުގެ 2،755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް އީޕީއޭ އިން ނެރުނު ބަޔާނުގައިވެއެވެ.

ބްރިޖް ހަދާ ޕްލެޓްފޯމް ފަރަށް އެރީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ ޕްލެޓް ފޯމް ނަގާފައިވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު