ޛިކުރު ތަސްބީޙަ ކިޔުމަށް ގިނަ ޢިލްމުވެރީން ވިދާޅުވަނީ ނަމާދުން ސަލާމް ދިނުމަށްފަހު
ޛިކުރު ތަސްބީޙަ ކިޔުމަށް ގިނަ ޢިލްމުވެރީން ވިދާޅުވަނީ ނަމާދުން ސަލާމް ދިނުމަށްފަހު
ލޮބުވެތި ރަސޫލާ މުޙައްމަދުޞައްލަ ﷲ ޢަލައިހިވަސައްލިމްގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބައެއް ފަޤީރު ބޭކަލުން އެއްފަހަރެއްގައި އިތުރު އެކަލޭގެފާނުންގެ އަރިހަށް ވަޑައިގެން ޝަކުވާއެއް ދެންނެވިއެވެ.

"އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެންގެ ތެރެއިން މުއްސަނދިން ފަޤީރުންނެކޭ އެއްފަދައިން ނަމާދު ކުރެއެވެ. ރޯދަހިފައެވެ. އަދި އޭގެ އިތުރުން އެބަ ޙައްޖުވެއެވެ. އަދި އެމީހުންގެ މުދަލުން ބޭނުންވަރަކަށް އެމީހުން ޞަދަގާތް އެބަދެއެވެ. މިކަންތައްތަކުގެ ސަބަބުން ގިނަގުނަވެގެންވާ އުޖޫރައާއި ސަވާބާއި މަތިވެރި ދަރަޖަ އެމީހުންނަށް އެބަލިބެއެވެ." މިއަޑު އައްސަވާފައި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލިމް ޙަދީޘް ކުރެެއްވިއެވެ.

"ތިމަން ރަސޫލާ ތިޔަބައިމީހުންނަށް އެއްޗެއް އުނގަންނަވައި ދެއްވަން ހެއްޔެވެ؟ އޭގައި ތިޔަބައިމީހުން ހިފައިފިނަމަ، ތިޔަބައިމީހުންނަށް ވުރެން ކުރިއެރި މީހުންނާއި ސަވާބުގެ ގޮތުން އެއްވަރުވާނެއެވެ. އަދި އެނޫންމީހުންގެ މައްޗަށް ތިޔަބައިމީހުނަށް އިސްކަން ލިބޭނެއެވެ. މިޢަމަލު މިގޮތަށް ކޮށްފިމީހާ ނޫން މީހަކު ތިޔަބައިމީހުންނަށްވުރެ ކުރިއެއް ނާރާނެއެވެ." ރަސޫލާގެ މިބަސްފުޅު އިވިވަޑައިގަތުމުން އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. ވިދާޅުވެ ދެއްވާށެވެ.

ކައުއިތުރު ރަސޫލާ ޙަދީޘް ކުރެެއްވިއެވެ. "ތިޔަބައިމީހުން ކޮންމެ ނަމާދެއްގެ ފަހުގައި سُبْحَانَ اللّٰهِ، اَلْحَمْدُ لِلّٰهِ، اَللّٰهُ أَكْبَرُ މިކަލިމަތަކުގެ ތެރެއިން ކޮންމެ ކަލިމައެއް ތެއްތިރީސް ފަހަރުކިޔާށެވެ." (ބުޚާރީ، މުސްލިމް)

އިރުޝާދު:

1. ކޮންމެ ފަރުޟު ނަމާދެއްގައި ސަލާމް ދިނުމަށްފަހު أَسْتَغْفِرُ اللهَ މިފަދައިން 3 ފަހަރު ކިޔުމަށްފަހު، اَللّٰهُمَّ أَنْتَ السَّلَامُ ، وَمِنْكَ السَّلَامُ ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ. މިދުޢާ ކިޔުން ސުންނަތް ވެގެން ވެއެވެ. މިމަޤާމުގައި ކިޔުމަށް މިނޫން ދުޢާތައްވެސް ވާރިދުވެގެން ވެއެވެ.

2. ޛިކުރު ތަސްބީޙަ ކިޔުމަށް ގިނަ ޢިލްމުވެރީން ވިދާޅުވަނީ ނަމާދުން ސަލާމް ދިނުމަށްފަހު، އެހެން ޢަމަލެއް ނުކޮށް އިނދެއެވެ. ރަސޫލު ﷲ ޙަދީޘް ކުރައްވާފައިވެއެވެ. މީހަކު ނަމާދުން ސަލާމްދިނުމަށްފަހު سُبْحَانَ اللّٰهِ، اَلْحَمْدُ لِلّٰهِ، اَللّٰهُ أَكْبَرُ މިތިން ކަލިމައިގެ ތެރެއިން ކޮންމެ ކަލިމައެއް 33 ފަހަރު ކިޔައި އެއަށްފަހު لَا إِلٰهَ إِلَّا اللّٰهُ ، وَحْدَهُ لَا شَرِيْكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيْرٌ. މިކަލިމަކިޔައި 100 ހަމަކޮށްފިނަމަ، އޭނާގެ އެންމެހައި ކުދިފާފަތައް ކަނޑުގެ ފޮނުތަކާ އެއްވަރުވި ކަމުގައިވިޔަސް މާތް ﷲ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނެތެވެ. (މުސްލިމް)

3. ޢުޤްބާ ބިން ޢާމިރު ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާ ތިމަންކަލޭގެފާނަށް ކޮންމެ ނަމާދެއްގެ ފަހުގައި އިޚްލާޞް ފަލަޤި ނާސި މިތިން ސޫރަތް ކިޔެވުމަށް އެންގެވިއެވެ. (އަބޫދާއޫދު)

4. ނަމާދުގެ ފަހުގައި ކުރާ ރަވާތިބު ސުންނަތް ކުރުމުގައި ގިނަ ޢިލްމުވެރިން ވިދާޅުވަނީ މޮޅުގޮތަކީ ޛިކުރުތަސްބީޙައަށް ފަހު ކުރުމެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން