މަރިޔަމް ލަމްޙާ ރަޝީދު   21 އޭޕްރީލު 2023 - 15:41
ޢީދުދުވަހުގެ ސުންނަތް ކަންތައްތައް
ޢީދުދުވަހުގެ ސުންނަތް ކަންތައްތައް
މުސްލިމުން ފާހަގަކުރާ ދެ ޢީދުގެ ތެރެއިން މިއަދަކީ ދިވެހި ރާއްޖޭގައި ފިތުރު ޢިދު ފާހަގަ ކުރާ ދުވަހެވެ. އެހެންކަމުން ރަސް އޮންލައިންގެ އެންމެހާ ކިޔުންތެރިންނަށް ޢީދުގެ ވެދުމާއި މުބާރަކުބާދު އަރިސް ކުރަމެވެ. އަދި ނިމިދިޔަ ރަމަޟާންމަހުގެ އަޅުކަންތަކުގެ ޘަވާބާއި ދަރުމަ އަޅުގަނޑުމެން އެންމެންނަށްވެސް ލިބިގެންދިއުމަށް އެދި ދުޢާކުރަމެވެ.

ޢީދު ދުވަހަކީ ވަރަށްވެސް އުފާވެރި މާހައުލެއް އުފެދިގެންދާ ދޭދޭ މީހުންނާއި ޢާއިލާތައް އެއްތަންވެ ބައްދަލުވެވޭ ދުވަހެކެވެ. ދުވަހުގެ ފެށުން އަންނަނީ ޢީދު ނަމާދުންނެވެ. އަދި ދިވެހިންގެ އާދަކާދައިންނަމަ ދެން އޮންނަނީ ޢީދު ސައެވެ. ދެން މިހެންގޮސް އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުމާއި ކެއުމާއި ހާލު ބެލުމާއި ޢީދު ސަލާން ކުރުމުން ދުވަސް ދެބައިވެދެއެވެ. އެއަށްފަހު އޮންނަނީ ހަވީރު ވަގުތުގައި އެކިއެކި ކުޅިވަރުތަކާއި ސަޤާފީ ހަރަކާތްތަކެވެ.



ކޮންމެއަކަސް މިއީ ހުރިހާ މުސްލިމުންވެސް އެދުވަސްތަކަކަށް އިންތިޒާރު ކުރާ ދުވަސްތަކެކެވެ. އެހެންކަމުން މިދުވަހުގެ ސުންނަތްތަކާއި ރަސޫލާގެ ހަޔާތްޕުޅުގައި ޢީދު ފާހަގަކުރެއްވި ގޮތް ބަލާލުން ވަރަށް މުހިންމެވެ. މިލިޔުމުގައި މިގެނެސްދެނީ 'އިސްލާމްޤާ އިންފޯ ((ީސލަމްަ.ިނފޮ ގައި މިކަމާއި ގުޅިގެން މީހަކު ކޮށްފައިވާ ސުވާލަކަށް ދީފައިވާ ޖަވާބުގެ ކުރު ޚުލާސާއެކެވެ. މިއީ ރާއްޖޭގެ ޢިލްމުވެރިންނާއި ޝެއިޚް އާސިމް އަލް ހަކީމް ފަދަ މަޝްހޫރު ޝެއިޚުންވެސް ބައެއް ފަހަރު ރެފަރ ކުރައްވާ ވެބްސައިޓެކެވެ.

ޢީދު ދުވަހުގެ ބައެއް ސުންނަތްތައް:

1. ޢީދު ނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުން: ދީނުގެ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެލައްވާ ގޮތުގައި ޢީދު ނަމާދަށް ދިއުމުގެ ކުރިން ހިނައިގަތުމަކީ ސުންނަތެކެވެ. ސަބަބަކީ ހުކުރު ދުވަހު ހުކުރަށް ދިއުމުގެ ކުރިންނާއި އަދި މުހިންމު އެއްވުންތަކުގައި ހިނައިގަތުމަށް އިރުޝާދު ދެއްވާފައިވާތީއެވެ. އެހެންކަމުން ޢީދު ނަމާދު ފަދަ ބޮޑު އެއްވުމެއްގައި ހިނައިގަނެ ސާފްޠާހިރުވެގެން ދިއުން މާބޮޑަށްވެސް އައުލާކަން އިތުރެވެ.

2. ޢީދު ދުވަހު ޒީނަތްތެރިވުން: ކީރިތި ރަސޫލާ ދެ ޢީދު ދުވަހާއި ހުކުރު ދުވަސްތަކުގައި ތުރުކުރައްވާ ޚާއްސަ ގަމީސްކޮޅެއް ވާކަމަށް ޖާބިރު ރަޟިޔަ ﷲ އަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އަދި އުމަރު ރަޟިޔަ ﷲ އަންހު އެކަލޭގަފާނުގެ އަތްޕުޅުގައި އެވަގުތަކު އޮތް އެންމެ ރިވެތި ޤަމީސްކޮޅު ޢީދު ދުވަހުގައި ތުރުކުރައްވާކަމަށް އިމާމް ބައިޙަޤީ އެކަލޭގެފާނުގެ އިސްނާދުގައި ރިވާކުރައްވާފައިވެއެވެ.

3. ޢީދު ނަމާދަށް ދިއުމުގެ ކުރިން ކަދުރު ކެއުން:

ސިޙީހުލް ބުޚާރީގެ 953 ވަނަ ރިވާޔަތުގައި އަނަސް އިބުނު މާލިކްގެ އަރިހުން ރިވާވެފައިވާ ގޮތުގައި އޮނުހިރި އަދަދަކަށް ކަދުރުގެ މިންވަރެއް ފަރިއްކުޅުއްވުމަށްފަހު މެނުވީ ލޮބުވެތި ނަބިއްޔާ ޢީދު ނަމާދަށް ވަޑައި ނުގަންނަވާ ކަމަށެވެ. މިގޮތަށް ކެއިން ބެއްލެވުމުގެ އެއް ހިކުމަތަކީ މިއީ ރޯދަ ހިފުން ހަރާމް ދުވަހެއް ކަން އަންގައިދިނުމެވެ. އެހެންނަމަވެސް އަޟްހާ ޢީދުގައި ސުންނަތް ގޮތަކީ ޢީދު ނަމާދުން އައުމަށްފަހު ކެއުމެވެ.

4. ޢީދު ތަކުބީރު ކިޔުން:

އައް ދާރުޤުތުނީ ރިވާކުރައްވާފައިވާ ރިވާޔަތެއްގައި އައިސްފައިވާ ގޮތުން އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ އުމަރުގެފާނު ފިތުރު ޢީދު ނަމާދަށް ވަޑައިގަންނަވަންދެން ބާރަށް ތަކުބީރު ވިދާޅުވާކަމުގައިވެއެވެ. އަދި އިމާމު މީހާ މިންބަރަށް އަންނަންދެން މިގޮތަށް ތަކުބީރު ވިދާޅުވާ ކަމުގައި ވެއެވެ.

ފިތުރު ޢީދުގެ ތަކުބީރުގެ ވަގުތަކީ ޢީދު ވިލޭރެއިން ފެށިގެން އީދުނަމާދު ކުރުމަށް އިމާމު މީހާ މިންބަރަށް އަންނަ ވަގުތާއި ދެމެދުއެވެ.

5. ޢީދު ތަހުނިޔާ ކިޔުން:

ޖުބައިރު ބުނު ނުފައިރުގެ އަރިހުން ރިވާވެގެން އައިސްފައިވާ ގޮތުގައި ރަސޫލާގެ ޞަޙާބީން ޢީދު ދުވަހުގައި އެކަކު އަނެކަކާއި ބައްދަލުވާހިނދު ‘ تَقَبَّلَ اللهُ مِنَّا وَمِنكُ – މާތް ﷲ އަހަރުމެންގެ ފަރާތުންވެސް އަދި ތިބާގ ފަރާތުންވެސް ޤަބޫލު ކުރައްވާށި" މިފަދައިން ބުނުއްވާ ކަމަށްވެއެވެ.

6. ޢީދުނަމާދަށް ދާމަގު ނޫން އެހެން މަގަކުން ގެއަށް ދިއުން:

ޢީދު ދުވަހުގައި ރަސޫލާ ހިންގަވާ މަގު ބަދަލު ކުރައްވާކަމަށް ބުޚާރީ 986 ވަނަ ރިވާޔަތުގައި އައިސްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން