ޢިޝާނަމާދު ޖަމާޢަތުގައި ނުކުރެވިއްޖެމީހާއަށް އެނަމާދު ކުރުން އޮތީ ރޭގަނޑުގެ ދެބައިން ދެވަނަބައިގެ ކުރީ ކޮޅުގައި
ޢިޝާނަމާދު ޖަމާޢަތުގައި ނުކުރެވިއްޖެމީހާއަށް އެނަމާދު ކުރުން އޮތީ ރޭގަނޑުގެ ދެބައިން ދެވަނަބައިގެ ކުރީ ކޮޅުގައި
އެއްރެއެއްގެ ޢިޝާނަމާދު ވަގުތެކެވެ. މީސްތަކުން ކައުއިތުރު ރަސޫލާ ޞައްލައް ﷲ ޢަލައިހި ވަސައްލިމް މިސްކިތުގައި ޖަމާޢަތުގެ އިންތިޒާރުގައި ތިއްބެވެ. ގަޑިޖެހުނު އިރުވެސް ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލިމް މިސްކިތަށް ވަދެވަޑައި ނުގަންނަވައެވެ. އެކަލޭގެފާނު ކޮޓަރިކޮޅުގައި އިންނެވީއެވެ. ވަރަށް ގިނައިރު އިންތިޒާރުގައި ތިބެން ޖެހުމުން ބައެއްމީހުންނަށް ނިދިއަންނަން ފަށައިފިއެވެ. އެފަދަ މީހުން ނިދާހޭލާ މިގޮތް މަތީގައި ތިއްބެވެ. އެއިރުވެސް ލޮބުވެތި ރަސޫލާ ނިކުމެވަޑައެއް ނުގަންނަވައެވެ.

މިކަމާ ކަންބޮޑުވެގެން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހު، ލޮބުވެތި ރަސޫލާގެ އަރިހަށް ކޮޓަރިކޮޅު ކައިރިއަށް ވަޑައިގެން ބާރުއަޑުފުޅުން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. މީހުންނާއި ކުޑަކުދީން ނިދައިފިއެވެ." އެހިނދު ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލިމް އިސްތަށިފުޅުގައި އަތްޕުޅު އަޅުއްވައިގެން ނިކުމެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ މޫނުފުޅުގައި ވުޟޫގެ ފެން ހުއްޓެވެ. އަދި އިސްތަށިފުޅުން ފެންފޮދު ފައިފައިބާ ހުއްޓެވެ. ކީރިތި ރަސޫލާ މިސްކިތަށް ވަދެވަޑައިގެން މީސްތަކުންނާ ދިމާއަށް ބައްލަވާ ލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. " ހަނުތިބޭށެވެ. އުފާކުރާށެވެ. މާތް ﷲ ތިޔަބައިމީހުންނަށް ދެއްވާފައިވާ އެއްނިޢުމަތަކީ މިވަގުތު ނަމާދު ކުރާނެ އެއްވެސް ބަޔަކު ތިޔަބައިމީހުން ނޫނީ ނޫޅޭނެއެވެ. ތިޔަބައިމީހުންނަށް ބުރަކަމެއް ކަމުގައި ނުވާނަމަ މިވަގުތުގައި (އެބަހީ ރޭގަނޑުގެ ދެބައިން ދެވަނަބަޔާ ހަމައަށް) ޢިޝާނަމާދު ފަސްކުރުމަށް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް އަމުރު ކުރެއްވީހެވެ. (މާލިކު، ޝާފިޢީ، އަޙްމަދު، ބުޚާރީ، މުސްލިމް)

އިރުޝާދު:

1. ކޮންމެ ނަމާދެއްވެސް އައުލާކަންބޮޑީ ވަގުތުގެ ކުރީކޮޅުގައި ކުރުމެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދު ނުކުރެވިއްޖެ މީހާއަށް ޢިޝާނަމާދު ކުރުން އޮތީ ރޭގަނޑުގެ ދެބައިން ދެވަނަބައިގެ ކުރީ ކޮޅުގައެވެ. އަދި ރަށެއްގެ އެންމެން ނުވަތަ އަވަށުގެ އެންމެން ޢިޝާނަމާދު ފަސްކުރުމަށް އެއްބަސްވެއްޖެ ކަމުގައިވާނަމަ އެނަމާދުގެ އިސްވަގުތަކީ މިބުނެވުނު ދަމު ވަގުތު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. (އަލްމަޖްމޫޢު، ޝަރަހަ މުސްލިމް)

2. ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލިމް ޙަދީޘް ކުރައްވާފައިވެއެވެ. "ޢިޝާނަމާދު ޖަމާޢަތުގައި ކޮށްފިމީހާ ރޭގަނޑު ދެބައިކުޅަ އެއްބައިގައި ނަމާދު ކޮށްފިފަދައެވެ. އަދި އެއަށްފަހު ފަތިސްނަމާދު ޖަމާޢަތުގައި ކޮށްފިމީހާ މުޅިރޭގަނޑު ނަމާދުކޮޮށްފި ފަދައެވެ. (މާލިކު، އަޙްމަދު، މުސްލިމް، ތިރްމިޛީ)

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން