ޞާދިރު ޢަލީދީދީ   19 އޭޕްރީލު 2023 - 16:45
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)

.

ސީރަތުގެ ފިލާވަޅު

އީމާންވެގެން ތިބިމީހުންނާ މުޚާޠަބު ކުރައްވައި ކީރިތި ޤުރްއާންގައި ސޫރަތުލް އަޙްޒާބްގެ 21 ވަނަ އާޔަތުގައިވާ މާތް ﷲ ވަޙީގެ ބަސްފުޅުގެ މާނައިގައިވަނީ " ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ، އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ."

މިމަތިވެރި އިރުޝާދުގައި އަންގަވައިފައިވާ ގޮތުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޙަޔާތްޕުޅުގައި ކޮންމެ އިންސާނަކަށްމެ ޢަމަލީ ނަމޫނާއެއް ވެއެވެ. ނަމަވެސް އެނަމޫނާ ލިބިގަނެވޭނެކަން އަންގަވައިފައި އެވަނީ ގިނަގިނައިން މާތް ﷲ ހަނދުމަކުރާ އަދި އެކަލާނގެ ދަރުމައާއި، އާޚިރަތުގެ ޘަވާބު އެދޭ މީހުންނަށް އެކަނި ކަމުގައެވެ.

އާދެ، ރަސޫލާގެ ޙަޔާތްޕުޅުން ފުރިހަމަޔަށް ނަމޫނާ ލިބިގަނެވޭން އޮތުމާއެކުވެސް އެއީ އޭގެ އަމިއްލަ ޒާތުގައި ހަމަ ކޮންމެ މީހަކަށްމެ ލިބިގަނެވޭ ނަމޫނާއެއް ކަމުގައި ނުވާނޭކަމެވެ. މާތްރަސޫލާގެ ޒާތުފުޅު ނަމޫނާއަކަށްވާނީ، އެކަމަށް ބޭނުންވާ ފުންކަމާއެކު މާތް ﷲ އާ ގުޅުން އުފައްދާ އަދި އެކަލާނގެ ރަސްކަންފުޅު ހަނދާންކޮށް ތިމާގެ ޒާތުގައި ފުރިހަނައަށް އެކުލަވާ މީހަކަށް ކަމެވެ. އެމީހެއްގެ އެދުންތަކުގެ އަމާޒުފަތްގަނޑަކީ މާތް ﷲ ކަމުގައިވާ މީހަކަށް ކަމެވެ. މާތް ﷲ ޢަޛާބަށް ބިރުވެތިވާ މީހަކަށް ކަމެވެ. އާޚިރަތުގެ އިނާމުގެ އަހަންމިއްޔަތު އެމީހެއްގެ ގާތުގައި ބޮޑުވެގެންދާވަރުން އެމީހެއްގެ ހިތާއި ފުރާނައިން އެކަމުގެ އެދުންވެރިކަން ނިހާޔަތަށް ގޮސްފައިވާ މީހަކަށް ކަމެވެ. އާޚިރަތުގެ އިނާމުގެ އަހަންމިއްޔަތު އެމީހެއްގެ ގާތުގައި ބޮޑުވެގެންދާވަރުން އެމީހެއްގެ ހިތާއިފުރާނައިން އެކަމުގެ އެދުންވެރިކަން ނިހާޔަތަށް ގޮސްފައިވާ މީހަކަށް ކަމެވެ.

ރަސޫލާގެ ޙަޔާތްޕުޅުން ރީތި ނަމޫނާ ލިބިގަތުމަށް ޝަރުޠުތަކެއް އެކަށައެޅުނީ ކީއްވެގެން ބާވައެވެ؟ އާދެ، އޭގެ ސަބަބަކީ ޙަޤީޤަތެއް ހޯދައިގަތުމަކީ އެކަމަށްޓަކައި ކެތްތެރިކަމާއެކު މަސައްކަތް ކުރަން ބޭނުން ކަމެއްކަމުގައި ވާކަމެވެ. އިސްވެދެންނެވި ފަދަ ގުޅުމެއް މާތް ﷲ އާއި އާޚިރަތާމެދު އޮތުމަކީ އިންސާނާ މާތް ރަސްކަލާނގެއާއި އާޚިރަތާބެހޭ ކަންކަމުގައި ފަރުވާތެރިވުން ލާޒިމުކުރުވާ ކަމެކެވެ. މިދެންނެވި ފަރުވާތެރިވުމަކީ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ސީރަތު އޭގެ ރަނގަޅު އެންގަލުން ބެލުމާއި ބޭނުންވާ ފިލާވަޅު އެއިން ލިބިގަނެވުމުގެ ވަޞީލަތެކެވެ.

މިމައްސަލަ އިތުރަށް ސާފުކުރެއްވުމަށްޓަކައި މިސާލެއް އައްސަވާށެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އިރްޝާދު ދެއްވައިފައިވާ ގޮތުގައި އެމީހެއްގެ މުދަލާހެދީ ޤަތުލުވެގެންދާ މީހަކީ ޝަހީދެކެވެ. އެމީހެއްގެ ދީނަށްޓަކައި ޤަތުލުވެގެންދާ މީހާއަކީ ޝަހީދެކެވެ. އެމީހެއްގެ އަނބިދަރީން ރައްކައުތެރިކުރުމުގައި ޤަތުލު ވެގެންދާ މީހާއަކީ ޝަހީދެކެވެ.

މިއިރްޝާދުން ސާބިތުވާ ގޮތުގައި މިއީ "ހަނގުރާމަކުރުމާ" ބެހޭގޮތުން ދެއްވައިފައިވާ އިރްޝާދެއް ނޫނެވެ. މުއުމިނަކު "މަރާލެވިއްޖެނަމަ" އެމުއުމިނެއްގެ ނިމުންހުރި ގޮތާމެދު ދެއްވާފައިވާ އިރްޝާދެކެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މުރާދުފުޅަކީ ކޮންމެ ތަނެއްގައި ކޮންމެ ގޮތަކަށްވެސް މުދަލުގެ ނުވަތަ ލޭގެ ނުވަތަ ދީނުގެ ނުވަތަ އަނބިދަރީންގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ އަވަހަށް ހަނގުރާމަ ފަށާށޭ އޭގެ ނަތީޖާއަކީ ކަލޭ ޤަތުލު ކުރެވުން ކަމުގައިވިޔަސް އެންމެ ރަނގަޅޭ މިގޮތަށް އިރްޝާދު ދެއްވުމެއްނޫނެވެ. އަދި ކީއްތޯއެވެ. އަޞްލު މަޠްލަބަކީ އިސްވެދިޔަ ސަބަބުތަކުންކުރެ ސަބަބަކާހުރެ މުއުމިނަކު ޤަތުލު ކުރެވިއްޖެނަމަ އެމީހެއްގެ ޤަތުލަކީ ޝަހީދަކަށް ވާނެކަން އެންގެވުމެވެ. މިއިރްޝާދަކީ ޙަޤީޤަތުގައި ހަނގުރާމަޔަށް ބާރުއެޅުއްވުމުގެ އިރްޝާދެއް ނޫނެވެ. އަދި ކީއްތޯއެވެ. ޤަތުލު ކުރެއްވިއްޖެނަމަ ޝަހީދެއްގެ ދަރަޖަ ލިބުމާބެހޭ އިރްޝާދެކެވެ.

ދީނުގެ މައްސަލަތަކުގައި ރައްކާތެރިކަމާއެކު ފިޔަވަޅު ނާޅާ މީހަކު އެމީހެއްގެ އަމިއްލަ ޒައުޤާ އެއްގޮތަށް މާތްރަސޫލާގެ ހުއްދަ ބަސްފުޅެއް ލިބިގަންނަން ބޭނުންވާހިނދު މިޙަދީޘްފުޅުގެ ލަފުޒުތަކުގެ ބޭނުންކޮށްފާނެ އެވެ. އެމީހެއްގެ ނަފްސާނީ އަރާރުންތަކާއި ޤައުމީ ހަނގުރާމަތަކުގައި ތިމާ ހުރީ ޙައްޤުގައިކަން ސާބިތުކުރުމަށްޓަކައި ދަލީލެއްގެ ގޮތުން މި ޙަދީޘްފުޅުގެ ބޭނުން ކޮށްފާނެއެވެ. އޭނާ ބުނާނެއެވެ. ތިމާގެ ދީނާއި، އީމާނާއި، ފައިސާއާއި، ފުރާނައާއި، ބިމާއި، ހަރުމުދަލާއި، އަނބިދަރީންނާއި، ރައްޓެހި ރަޙްމަތްތެރީންނާއި، ގާތްތިމާގެ މީހުންގެ ޙިމާޔަތުގައި ހަނގުރާމަ ކުރާށެވެ. ކަލޭ ގަދަވެއްޖެނަމަ މަޤްޞަދު ޙާޞިލުވީއެވެ. ބަލިވެއްޖެނަމަ، ކަލޭވާނީ ޝަހީދަކަށެވެ. ޝަހީދުންގެ ދަރަޖައަކީ ނަސީބުވެރިޔަކަށް މެނުވީ ނުލިބޭފަދަ މަތީ ދަރަޖައެކެވެ.

ނަމަވެސް މާތް ﷲ އަށް ބިރުވެރިވާ މީހާ އޭނާ މިބާވަތުގެ ކަންތަކާމެދު ވިސްނާނީ ވަރަށް ސީރިއަސްކަމާއެކުގައެވެ. އޭނާގެ ރައްކާތެރިކަން އޭނާގެ ހިތުގައި ސުވާލު އުފައްދާނެއެވެ. މުދަލާއި ލެޔާއި ދީނާއި ޢާއިލާގެ ދިފާޢުގައި ހަނގުރާމަކޮށް ކަތިވުމަކީ މިޙަދީޘްގެ މުރާދުކަމުގައި ވާނަމަ މާތްރަސޫލާގެ ޙަޔާޕުޅުގައި މިއާއިދިކޮޅު މިސާލުތައް ފެނިފައިވަނީ ކީއްވެގެންބާވައެވެ؟ މާތް ރަސޫލާ ވަރަށް ގިނަފަހަރަށް ވަނީ ކަނޑައެޅިގެންހުރި އަނިޔާއަށް ކެތްކުރައްވައިފައެވެ. އަދި އެހެންމީހުންނަށްވެސް ކެތްތެރިވާން ނަސޭހަތް ދެއްވައިފައެވެ.

1. މިސާލެއްގެ ގޮތުން ދަންނަވަމެވެ. އިބްނު ހިޝާމް އަބޫޢުޘްމާން އައްނަހްދީ އަށް ޙަވާލާދެއްވައި އަންނަނިވި ޙާދިޘާ ނަކަލު ކުރައްވައިފައެވެ. އަދި އެހެން މީހުންނަށްވެސް ކެތްތެރިވާން ނަސޭހަތް ދެއްވައިފައެވެ.

" صهيب ގެފާނު ހިޖްރައަށް ވަޑައިގަތުމަށް ޤަޞްދު ކުރެއްވިހިނދު މައްކާގެ މުޝްރިކުން ދެންނެވިއެވެ. ކަލޭގެ އަހަރެމެންގެ ގާތަށް އައީ ނިކަމެތި، ބަދްނަސީބު، އަތްމަތިދަތި މީހެއްގެ ގޮތުގައެވެ. މިހާރު ކަލޭ އަހަރެމެންގެ ތެރޭގައިހުރެ ކަލޭގެ މުދާވަނީ ގިނަވެފައެވެ. ކަލޭ ބޭނުންވާ ހިސާބަށް މިއަދު ކަލެއަށްވަނީ ދެވިފައެވެ. މިހާރުކަލޭ ބޭނުންވާނީ ކަލޭގެމުދަލާއި ނަފްސާއިގެން މިތަނުން ދިއުމެވެ. މާތް ﷲ ގަންދީ ބުނަމުއެވެ. އެހެނަކުން ނުވާނެއެވެ. އެހިނދު صهيب ވިދާޅުވިއެވެ. އަހުރެންގެ މުދާ ތިޔަބައިމީހުންނާ ޙަވާލުކޮށްފިނަމަ އަހުރެން ދޫކޮށްލަފާނު ހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. އާނއެކެވެ.

صهيب ގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަހުރެންގެ މުދާތައް ތިޔަބައިމީހުންނަށް ދީފީމެވެ. މިކަން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް އެނގިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ. "صهيب ފައިދާ ލިބިގެންފިއެވެ. صهيب ފައިދާ ލިބިގެންފިއެވެ." މިފަދައިންނެވެ.

ކުރިން ދެންނެވި ޙަދީޘަކީ މުދަލާހުރެ ހަނގުރާމަކޮށް ފުރާނަ ހޭދަކޮށްލުމުގެ މުޠުލަޤް މާނައިގައިވާ ޙަދީޘްފުޅެއްނަމަ

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޖެހިވަޑައިގަންނަވާނީ صهيب އަށް ނާކާމިޔާބީގެ އިލްޒާމް ރައްދުކުރައްވާށެވެ. އޭނާގެ ކާމިޔާމިޔާބީއަށް ކްރެޑިޓް ދެއްވާކަށެއް ނޫނެވެ.

2. މާތްރަސޫލާ ޢުމުރާއެއް ކުރެއްވުމުގެ ޤަޞްދުގައި ހިޖްރައިން ހަވަނަ އަހަރު މަދީނާއިން ނުކުމެވަޑައިގެންނެވިއެވެ. މައްކާގެ ކައިރީގައިވާ ޙުދައިބިއްޔާއޭ ކިޔޭ ތަނާ ހަމައަށް ވަޑައިގެންނެވުނުތަނާ ޤްރައިޝްވަންހައިގެ މީހުން އައިސް މުސްލިމުންގެ ކުރި ބައްދައިލިއެވެ. އެދަނޑިވަޅުގައި ދެފާރާތުން ޞުލްޙައިގެ ވާހަކަތައް ދެކެވެނިކޮށް އެތަނަށް أبو جندل بن سهيل ވަޑައިގެންފިއެވެ. އެކަލޭގެފާނު ހުންނެވީ އިސްލާމްދީން ޤަބޫލު ކުރައްވައިގެންނެވެ. އޭގެ ސަބަބުން ޤުރައިޝުން އޭރު އެކަލޭގެފާނަށް ބޮޑެތި އަނިޔާތައް ދެމުން ގެންދެއެވެ. އެކަލޭގެފާނުގެ ފައިންޕުޅުގައި ހުރީ ދަގަނޑު ހިލިހިލާ ޖަހާފައެވެ. މާތްރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބިން ޙުދައިބިއްޔާއަށް ވަޑައިގަތްވާހަކަ އިވިވަޑައި ގަތުމުން އެކަލޭގެފާނު ފިލާވަޑައިގެން މުސްލިމުންގެ ތެރެއަށް ވަޑައިގަތީއެވެ. އޭރުވެސް އެކަލޭގެފާނުގެ ފައިންޕުޅުގައި ހިލިހިލާ ގަނޑު އޮތެވެ. އެހިލިހިލާ ކޭއްތޭ ތަންތަން ފާރުވެ އެކަލޭގެފާނުގެ ހަށިކޮޅުން ލޭފޮދު އޮހޮރިއޮހޮރި ހުއްޓެވެ. ޤުރައިޝް ވަންހައިގެ ބޮޑެއް ކަމުގައިވާ، އަދި أبو جندل ބައްޕާފުޅު، سهيل بن عمرو އަށް އެކަލޭގެފާނު ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. " أبو جندل އަޅުގަނޑުމެންނާ ޙަވާލު ކުރައްވާށެވެ."

أبو جندل އަލުން މައްކާގެ މީހުންނާ ޙަވާލު ނުކުރައްވަން މާތްރަސޫލާއާއި ޞަޙާބީން ކިތަންމެހާވެސް ބޮޑަށް ބޭނުންފުޅުވިއެވެ. ނަމަވެސް سهيل بن عمرو ދެންނެވިއެވެ. " أبو جندل އަޅުގަނޑުމެންނާ ޙަވާލު ނުކުރައްވައިފިނަމަ އަޅުގަނޑުމެން އެއްގޮތަކަށްވެސް ޞުލްޙައެއް ނުވާނޫއެވެ."

އެއީ ކިތަންމެހާވެސް ހިތަށް އަސަރުކުރުވާ ފަދަ ދަނޑިވަޅެކެވެ. أبو جندل ހިލިހިލާތަކާއެކު މުސްލިމުންގެ ކުރިމަތީގައި ހުންނެވިއެވެ. އެކަލޭގެފާނު ހުންނެވީ ލޭފޮދުން ތެމިފޯވެ ވަޑައިގެންފައެވެ. އެކަލޭގެފާނުނ ވިދާޅުވިއެވެ. " އޭ މުސްލިމުންނޭވެ! އަހުރެން މުޝްރިކުންގެ ތެރެއަށް އަނބުރައި ފޮނުވައިލެވެނީ ހެއްޔެވެ؟ އަހަރެން އިސްލާމްވެގެން ހުއްޓައެވެ. އެބައިމީހުން އަހަންނަށް ކިހާވަރަކަށް އަނިޔާކޮށްފައިވާކަން ތިޔަބައިމީހުންނަށް ނުފެނޭ ހެއްޔެވެ؟ ނަމަވެސް މާތްރަސޫލާ އެކަލޭގެފާނު މައްކާގެ މުޝްރިކުންނާ ޙަވާލުކުރެއްވިއެވެ.

އެހިނދު އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ.

"އޭ أبو جندل އެވެ! ކެތްތެރިވެ ވަޑައިގެން ޘަވާބަށް އެދިވަޑައިގަންނަވާށެވެ. ހަމަކަށަވަރުން މާތް ﷲ ކަލޭގެފާނަށާއި ކަލޭގެފާނާއެކުގައި ތިބި ނިކަމެތީންނަށް ސަލާމަތްކަމާއި ތަނަވަސްކަން ލައްވާނެތެވެ."

އާދެ، ކުރިން ބަޔާންކުރެވުނު ޙަދީޘްފުޅަކީ ހަނގުރާމަ ކުރުމާއި ޝަހީދުވުމުގެ މުޠުލަޤު މާނައިގައިވާ ޙަދީޘްފުޅެއްނަމަ މިފަދަ ވަގުތެއްްގައި މާތްރަސޫލާ أبو جندل އަށް ކެތްތެރިވެވަޑައިގަތުމަށާއި ރުހިވަޑައިގަތުމަށް ނަސޭހަތްޕުޅެއް ނުދެއްވީހެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނަށް ޝަހީދުވެ ވަޑައިގަތުމުގެ މަގުދެއްކެވީހެވެ. އަދި ޚުދު މާތްރަސޫލާވެސް ޞަޙާބީންނާއެކު ޤުރައިޝުންނާ ހަނގުރާމަ ފެއްޓެވީހެވެ.

3. އަނެއްކާވެސް ހަމަ ޙުދައިބިއްޔާގެ ޙާދިޘާއެކެވެ. އެދަތުރުފުޅުގައި ޤުރައިޝުން މާތްރަސޫލާ މައްކާއަށް އަރާވަޑައިގަތަނުދީ ހުއްޓުވިއެވެ. އެބައިމީހުން ދެންނެވިއެވެ. "އަޅުގަނޑުމެން މިއަހަރު ކަލޭގެފާނު ޢުމުރާ ކުރައްވަން މައްކާއަށް އަރާވަޑައިގަތަ ނުދޭނޫއެވެ." އެބައިމީހުންގެ އެވާހަކައަށް ރުހި ވަޑައިގެން އެނބުރި މަދީނާއަށް ވަޑައިގަތީއެވެ. ޢުމްރާ ކުރައްވަން މައްކާއަށް އަރާވަޑައިގަންނަވާކަށް އެކަލޭގެފާނު ގަދައެއް ނުހައްދަވައެވެ. އަނެއްކޮޅުން ބަލާއިރު ޢުމުރާއަށް ވަޑައިގެންނެވުމަކީ ކަނޑައެޅުގެން ދީނީ މާތް އަޅުކަމެކެވެ. އެކަލޭގެފާނަކީ ވަޑައިގަތީ މާތް ﷲ ދެއްވި ބަޝާރަތަކާ ވިދިގެން އެކަލޭގެފާނުގެ ޞަޙާބީން ގޮވައިގެން ޙަރަމްފުޅަށް ޒިޔާރަތް ކުރެއްވުމަށެވެ. ކުރީގައި ބަޔާން ކުރެވުނު ޙަދީޘްފުޅަކީ ދިމާވާ ކޮންމެ ޙާލަތެއްގައިމެ ދީނަށްޓަކައި ހަނގުރާމަކޮށް ޝަހީދުވުމުގެ މުޠުލަޤު މާނައިގައިވާ ޙަދީޘްފުޅެއްނަމަ އިތުރު އެކަލޭގެފާނު މައްކާއަށް އަރާވަޑައިގަތުމަށް ގަދަހައްދަވަން ޖެހިވަޑައިގަންނަވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާ ނުވަތަ ޝަހީދެއްގެ ދަރަޖަ ލިބިވަޑައިގަތް ކަމުގައިވިޔަސްވެހެވެ.

4. عمار بن ياسر އާއި އެކަލޭގެފާނުގެ ބައްޕާފުޅާއި މަންމާފުޅަކީ މައްކާގައި ތިއްބެވިއިރު މަޚްޒޫމްވަންހައިގެ އަޅުންނެވެ. عمار ގެ ޢާއިލާ މާތްރަސޫލާގެ ދަޢުވަތަށް އިޖާބަދެއްވައި އިސްލާމްވެވަޑައިގަތެވެ. އެޢާއިލާ އިސްލާމްވެވަޑައިގަތުމަކީ މަޚްޒޫމްވަންހައިގެ މީހުން ވަރަށް ނުޤަބޫލު ކަމެކެވެ. އެހެންކަމުން އެމީހުން، ދުވާލުގެ އެންމެ ހޫނުގަދަވާ ވަގުތު އެޢާއިލާގެ މެމްބަރުން ސަހަރާގެ ތެރެއަށް ގެންގޮސް ދޮންވެފައި އޮންނަ ވެލިގަނޑުމަތީގައި އުޑުންތިލަމަތީން ބައިތިއްބައިގެން ބޮޑެތި އަނިޔާތައް ދިނެވެ. އެއަނިޔާގެ ތެރޭގައި އެބައިމީހުން عمار ގެ މައިކަމަނާ ޝަހީދު ކޮށްލިއެވެ. އެޙާދިޘާ ނަކަލުކުރައްވަމުން އިބްނު ހިޝާމު ލިޔުއްވައިފައިވެއެވެ.

"رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެމީހުންގެ ގާތުން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. "ياسر ގެ އާލުންނޭވެ! ކެތްތެރިވާށެވެ. ތިޔަބައިމީހުންނަށް އޮތީ ސުވަރުގެއެވެ."

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން