ވޭމަންޑޫ އާއި ކިނބިދޫ ބްރިޖް މަޝްރޫޢުގެ އަގުން 40 އިންސައްތަ ކުޑަކުރެވޭނެ ގޮތެއް ހޯއްދަވައިފިކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.



ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށި ދާއިރާގެ މެންބަރު ޢަބްދުالله ރިޔާޟް، މިނިސްޓަރ އަސްލަމާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތ. ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ޢަމަލީގޮތުން ނުފެށިއޮތީ މަޝްރޫޢުގެ ޚަރަދު ބޮޑުކަމުން ކަމަށެވެ.

އެގޮތުން ކުރިން އޮތްގޮތުން 522 މިލިޔަން ރުފިޔާ އެ މަޝްރޫޢަށް ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ސަރުކާރުން މިހާރުވަނީ އެ މަޝްރޫޢުގެ އަގު 40 އިންސައްތަ ކުޑަކުރެވޭނެ ގޮތެއް ހޯއްދަވާފައިކަމަށެވެ. އެގޮތަކީ ދެރަށް ދޭތެރޭގައި އިތުރު ރަށްތަކެއް ހިއްކުމަށްފަހު ބްރިޖް ސެކްޝަންތަކެއް ހެދުން ކަމުގައި މިނިސްޓަރ އަސްލަމް މިއަދު ވިދާޅުވިއެވެ.

"އެލާއާއި، ވޭމަންޑޫއާއި އަދި އެލާއާއި ކިނބިދުއާއި ދޭތެރޭގައިވެސް މިއޮންނަ ސަރަޙައްދު އެކީގައި ޕައިލްގެ ކޯޒްވޭ ނުހަދައި ދޭތެރެ ދޭތެރެއިން އައިލެންޑް ތަކެއްހަދާފަ ކޯޒްވޭ ސެކްޝަންތަކެއް ލާން. އެހެންވީމާ މިހާރު އަޅުގަނޑުމެން މިވަނީ އެލާއާއި ވޭމަންޑޫއާއި ދޭތެރޭ 150 މީޓަރުގެ 4 ބްރިޖް ސެކްޝަން އަދި 3 އައިލެންޑް ސެކްޝަން ލާފަ. ހަމަ އެގޮތަށް އެލާއާއި ކިނބިދުއާއި ދޭތެރޭގައި އެއް ބްރިޖު ސެކްޝަން، ދެން ދެ އައިލެންޑް ސެކްޝަން ލާފަ. މިހެން ހެދީމަ މިކޯޒްވޭއަށް ދާ އަގު އެބަތިރިކުރެވޭ ގާތްގަނޑަކަށް 40 ޕަސެންޓަށް." މިނިސްޓަރ މިއަދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި މަޝްރޫއު މި އަހަރުގެ ދެވަނަ ކުއާޓާ ނިމުމުގެ ކުރިއަށް ޓެންޑާ ކުރެވޭނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށާއި އަދި ރިޔާސީ ދައުރު ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށޭނެ ކަމަށްވެސް ޤަބޫލުކުރަށްވާ ކަމަށެވެ.

ތ. ވޭމަންޑޫ އާއި ކިނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ.



ކިޔުންތެރިންގެ ހިޔާލު