ޞާދިރު ޢަލީދީދީ   17 އޭޕްރީލު 2023 - 15:58
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދަދާގުޅޭ)

.

އާދެ، ރީތި ޚުލުޤަކީ ބޭރުފުށުން ބަލާއިރު އެއްވެސް އަގެއްހުރި އެއްޗެއް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ އޭގެ ބާރުގައި ކޮންމެފަދަ މީހަކުވެސް ގަނެލެވިދާނެ އަގުހުރި އެއްޗެކެވެ.

އަޚްލާޤުގެ މަތިވެތިކަމަކީ މީހާގެ ބަހާއި ޢަމަލު އެއްގޮތްވުމެވެ. ބާރުހުންނަ މީހުންނާމެދު ކަންތައް ކުރާފަދައިން އާރެއް ބާރެެއްނެތް ނިކަމެތީންނާމެދުވެސް އެމީހަކަށް ދޫދިނުމާއެކު ރީތިގޮތުގައި ކަންތައް ކުރުމެވެ. ތިމާއާމެދު ކަންތައް ކުރެވުން ތިމާއެދޭގޮތަށް ތިމާ އެހެންމީހުނާމެދުވެސް ކަންތައް ކުރުމެވެ. ކިތައްމެ ދަތިމައްސަލަތަކެއް ނުވަތަ ކިތައްމެ ގިނަ ހުރަސްތަކެއް ކުރިމަތިވިކަމުގައިވިޔަސް މިދެންނެވި އުސޫލުތަކުގައި ހިފެހެއްޓުމެވެ. އަނެކުންގެ ފަރާތުން ކިތަންމެ ޚުލުޤު ނުބައިގޮތެއްގައި ތިމާއާމެދު ކަންތައް ކުރެވުނު ކަމުގައިވިޔަސް ތިމާ ރީތި އަޚްލާޤުގައި ހިފެހެއްޓުމެވެ.

މިގޮތުން ބަލާއިރު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަކީ އަޚްލާޤުގެ އެންމެ މަތީދަރަޖައިގައި ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު ދުވަހަކުވެސް ރީތި ޚުލުޤުފުޅުތަކުގެ ދާވަނި ދޫކޮށެއް ނުލައްވައެވެ. އެއްވެސް މަޞްލަހަތަކަށް ނުވަތަ އެއްވެސް ދެކޮޅުވެރިކަމަކަށް އެކަލޭގެފާނު އަޚްލާޤީ އިންތަކުން ބޭރަކަށް ނުނެރެވުނެވެ. އެކަލޭގެފާނު ނުހަނު ގާތް އެކުވެރީންވަނީ މިކަމުގައި އެބޭކަލުންގެ ހެކިބަސް ދެއްވައިފައެވެ. އެއަށްވުރެ ފުރިހަމަ،އެއަށްވުރެ އިތުބާރުހުރި އެހެން ހެކިބަހެއް ނުހޯދޭފަދަ ހެކިބަހެވެ.

ތާބިޢިއްޔަ ބޭކަލެއް ކަމުގައިވާ ސަޢީދު ބިން ހިޝާމް ام المؤمنين السيدة عائشة رضي الله عنها އާ ސުވާލު ކުރެެއްވިއެވެ. "މާތްރަސޫލާގެ ޚުލުޤުފުޅު ކިހިނަކުންތޯއެވެ؟ އުއްމުލް މުއުމިނީން ޖަވާބުދެއްވިއެވެ. "އެކަލޭގެފާނުގެ އަޚްލާޤަކީ ކީރިތި ޤުރްއާނެވެ. އެކަލޭގެފާނު އެނަމޫނާއެއް ބޭނުންފުޅުވެވަޑައިގެން ކީރިތި ޤުރްއާނުގެ ސިފައިގައި އެހެންމީހުންގެ ކުރިމައްޗަށް ހުށަހެޅުއްވި ޙަޔާތުގެ ނަމޫނާއަށް އެކަލޭގެފާނުވަނީ އެންމެ ފުރިހަމަގޮތުގައި ފެތިވަޑައިގެންފައެވެ.

أنس بن مالك رضي الله عنه ރިވާ ކުރައްވާފައިވެއެވެ. " އަހުރެން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޚިދުމަތުގައި ދިހަ އަހަރުވަންދެން ދެމިހުރީމެވެ. އެކަލޭގެފާނު ދުވަހަކުވެސް ކަމަކާމެދު އަހުރެންނާ ދިމާއަށް ޗުއްޕުވެސް ވިދާޅެއްނުވެއެވެ. އަދި އަހުރެން ނުކުރާ އެއްވެސް ކަމަކާބެހޭގޮތުން އަހުރެންނާ ދިމާޔަށް، ކަލޭ އެވެނިކަމެއް ނުކުރީ ކީއްވެހޭ ނުވަތަ އަހުރެންކުރި އެއްވެސް ކަމަކާމެދު ކަލޭމިވެނި ކަމެެއް ކުރީ ކީއްވެހޭ މިފަދަ ސުވާލެއްވެސް ނުކުރައްވައެވެ. އެކަލޭގެފާނަކީ ހުރިހާ އެންމެންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު ސާހިބާއެވެ." (ސަޙީޙައިނި)

السيدة عائشة رضي الله عنها ގެ އަރިހުން އަލްއިމާމު އަޙްމަދު ރިވާކުރައްވާ ފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ދުވަހަކުވެސް ޚާދިމެއްގެ ގަޔަކު ބޮނޑިއެއް ނުޖައްސަވައެވެ. އަދި އެއްވެސް އަންހެނެއްގެ ނުވަތަ އެއްވެސް އަނބިކަނބަލެއްގެ ގައި ކޮޅަކުވެސް ނުޖައްސަވައެވެ. އަދި އެހެންމީހެއްގެ ގަޔަކުވެސް ނުތަޅުއްވައެވެ. ޝައްކެއްނެތެވެ. އެކަލޭގެފާނު މާތް ﷲ ގެމަގުގައި ޖިހާދު ކުރައްވައެވެ. އެކަލޭގެފާނަށް ދެގޮތެއްގެ ތެރެއިން އެއްގޮތެއް އިޚްތިޔާރު ކުރެއްވުމުގެ ހުއްދަ ލިބިވަޑައިގެންފި ކޮންމެ ހިނދެއްގައި އިޚްތިޔާރު ކުރައްވަނީ ފަސޭހަގޮތެކެވެ. އެއީ ފާފައެއް ކަމުގައި ނުވާނަމައެވެ. ފާފައެއް ކަމުގައި ހިމެނޭ ކޮންމެ ކަމަކާ މީސްތަކުން ކުރެ އެންމެ ދުރުހެލިވެވަޑައިގަންނަވަނީ އެކަލޭގެފާނެއެވެ. އެކަލޭގެފާނަށް ކިތަންމެ އުނދަގޫފުޅުތަކެއް ކުރެވުނު ކަމުގައިވިޔަސް އެކަލޭގެފާނު ދުވަހަކުވެސް އެކަލޭގެފާނުގެ އަމިއްލަފުޅު ޒާތުފުޅަށްޓަކައި މީހެއްގެ ކިބަޔަކުން ބަދަލެއްް ނުހިއްޕަވައެވެ. މާތް ﷲ ގެ ޙުރުމަތެެއް މުގުރައިލުމުގެ ސަބަބުން އެކަމަށްޓަކައި މާތް ﷲ އަށްޓަކައި ހިއްޕަވާ ބަދަލެއް ފިޔަވަޅެވެ."

ދުޝްމިނުންގެ ނަޒަރުގައިވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަކީ ޤަދަރުކުރެވޭ ޢިއްޒަތްތެރި ބޭކަލަކު ކަމުގައި ހެދީ އެކަލޭގެފާނުގެ އިސްވެދިޔަ މަތިވެރި ޚުލުޤުފުޅެވެ. އެޚުލުޤުފުޅުގެ ސަބަބުން އެކަލޭގެފާނުގެ އެކުވެރީން ނުހަނު ބޮޑެތި މުޞީބާތާއި ގެއްލުމުގެ ވަގުތުގައިވެސް އެކަލޭގެފާނުގެ އަރިހުގައި ސާބިތުވެ ތިއްބެވިއެވެ. މާތްރަސޫލާގެ ޙަޔާތްޕުޅުގެ އަނިޔާ ލިބިވަޑައިގަންނަވަމުންދިޔަ ދައުރުގައިވެސް އެކަލޭގެފާނުގެ އެކުވެރީންގެ ތެރޭގައި އެކަލޭގެފާނު ހުންނެވީ ފަތަޙައާއި ކާމިޔާބު ލިބިވަޑައިގަތުމުގެ ފަހުގައިވެސް ހުންނެވިފަދަ ލޯބިވެތި ގޮތުގައެވެ. އެކަލޭގެފާނު ދުރުންދެކޭ މީހުންނަށްވެސް އެކަލޭގެފާނު ފެނުނީ އެކަލޭގެފާނާ އެންމެ އަރިހުން އެކަލޭގެފާނު ދެކޭ މީހުންވެސް އެކަލޭގެފާނު ދުށްފަދައިންނެވެ. އެކަލޭގެފާނު ހިމެނިވަޑައިގަތީ ދުނިޔޭގެ ތާރީޚު އޭގެކުރީންވެސް އަދި އޭގެފަހުންވެސް ނުދެކޭފަދަ ރީތި ޚުލުޤުފުޅެއްގެ ވެރިބޭކަލެއް ކަމުގައެވެ.

މާތްރަސޫލާގެ ރީތި ޚުލުޤުފުޅަކީ އެކަލޭގެފާނުގެ މަތިވެރި އުސޫލެއްގައި ހިފަހައްޓަވާ ޙަޔާތްޕުޅުގެ ޚާއްޞަ ބައެކެވެ. އެބައެއްގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅުތަކާއި ތުރާތައް ލިބިވަޑައިގެންނެވި މީހުންގެ ތެރޭގައިވެސް އެކަލޭގެފާނަށް ދެމިހުންނެވުނީ އޭގެ ސަބަބުންނެވެ.

ގެފުޅުގެ ދޮރުވާނު (ބަނޑޭރި) ކަމަކީ ޖާހިކިއްޔަ ޒަމާނުގައި ވަރަށް ޤަދަރުހުރި މަޤާމެއްކަމުގައި ބެލެވޭ ކަމެކެވެ. އެކަން އިހުޒަމާނުއްސުރެ ހިނގަމުންއައީ ޤުރައުޝްވަންހައިގެ ޚާއްޞަ ދަރިކޮޅެއްގެ އަތްމަތީގައެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ރަސޫލުކަމާއިގެން ފޮނުއްވުނުއިރު އެމަޤާމުގައި ހުންނެވީ عثمان بن طلحة رضي الله عنه އެވެ. ގެފުޅުގެ ތަޅުދަނޑިފަތި އޮންނަނީ އޭނާގެ އަތްޕުޅުގައެވެ. ޞަޙީޙު ބުޚާރީގައި ރިވާކުރެވިފައިވާ ގޮތުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހިޖްރައަށް ވަޑައިގަތުމުގެ ކުރީން އެއްފަހަރަކު ކަޢުބާއަށް ވަދެވަޑައިގެން އަޅުކަން ކުރައްވަން ޤަޞްދު ކުރެއްވިއެވެ. އެކަމަށްޓަކައި ގެފުޅު ހުޅުއްވުމަށް عثمان بن طلحة رضي الله عنه ގެ އަރިހުން ކަޢުބާގެ ތަޅުދަނޑިފުޅަށް އެދިވަޑައިގަތެވެ. ނަމަވެސް عثمان بن طلحة ތަޅުދަނޑިފުޅެއް ނުދެއްވިއެވެ. އަދި މާތްރަސޫލާއަށް ހުތުރުބަހުން ރައްދުކުރެއްވިއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. " އޭ عثمان އެވެ. ކޮންމެވެސް ދުވަހަކުން ތިޔަ ތަޅުދަނޑިފުޅު އަހުރެންގެ އަތުގައިވަނިކޮށް ކަލެއަށް ފެންނާނެއެވެ. އެދުވަހަކުން އަހުރެން ބޭނުންމީހަކަށް ތިޔަތަޅުދަނޑިފުޅު ދިނުމުގެ އިޚްތިޔާރުވެސް އަހުރެންނަށް ލިބިގެންވާނެއެވެ."

عثمان ގެފާނު ދެންނެވިއެވެ. "އެދުވަހެއް ވާހުށީ ޤުރައިޝްވަންހަ ހަލާކުވެ ނިކަމެތިވެފައިވާ ދުވަހެއްކަމުގައެވެ."

އޭގެފަހުން ޒަމާން ދައުރުވަމުންގޮސް މައްކާ ފަތަޙަ ކުރެއްވުމުގެ ދުވަސް އަތުވެއްޖެއެވެ. ހުރިހާ ބާރަކާއި އިޚްތިޔާރެއް މާތްރަސޫލާގެ އަތްޕުޅުމައްޗަށް ޖަމާވެއްޖެއެވެ. މައްކާ ފަތަޙަކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް އަރާވަޑައިގެން އެންމެ ފުރަތަމަވެސް ވަޑައިގަތީ ގެފުޅުގެ އަރިހަށެވެ. އެކަލޭގެފާނު ގެފުޅުގެ އަރިހަށް ވަޑައިގެން ހަތްފަހަރު ޠަވާފުކުރެއްވިއެވެ. އެއަށްފަހު عثمان بن طلحة ބަލައިފޮނުއްވައިގެން ގެންނެވިއެވެ. އެއް ރިވާޔަތެއްގައި ބުނެވޭގޮތުގައި ޙުދައިބިއްޔާގެ ޞުލްޙައާއި މައްކާ ފަތަޙަ ކުރެއްވުމާދެމެދު އޭނާ ހުންނެވީ އިސްލާމްވެވަޑައިގެންނެވެ. އިތުރުއެކަލޭގެފާނު عثمان ގެ އަތްޕުޅުން ގެފުޅުގެ ތަޅުދަނޑި އަތުލެއްވިއެވެ. ގެފުޅުގެ ދޮރުކޮޅު ހުޅުއްވައިގެން ގެފުޅުގެ ތެރެއަށް ވަދެވަޑައިގެންނެވިއެވެ. އިރުކޮޅަކު ގެފުޅުގެ ތެރޭގައި ހުންނަވައި ގެފުޅުގެ ތެރޭގައި ހުރި ބުދުތައް މުގުރުއްވިއެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެފުޅުން ނުކުމެވަޑައިގެންނެވިއިރު، އަތްޕުޅުގައި ގެފުޅުގެ ތަޅުދަނޑިފުޅު އޮތްނެވިއެވެ. އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ އެކަލޭގެފާނު އެކުލަވައިލެއްވި ﷲ ގެ ކަލާނމްފުޅު، ކީރިތި ޤުރްއާންގެ އައްނިސާ ސޫރަތުގެ 58 ވަނަ އާޔަތެވެ. މިއާޔަތުގައި މާތް ﷲ ވަޙީގެ ބަސްފުޅުގައިވަނީ "ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހްލުވެރީންނަށް އަދާކުއަރެއްވުމަށް ﷲ ތިޔަބައިމިހުންނަށް އަމުރު ކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދްލަށް ޙުކުމް ކުރުމަށްވެސް އަމުރުކުރައްވައެވެ. ހަމަކަށަވަރުން ﷲ އެކަމާމެދު، ތިޔަބައިމީހުންނަށް ވަޢުޘު އިއްވަވާ ކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން ﷲ އީ މޮޅަށް އައްސަވައި ވޮޑިގެންވާ، މޮޅަށް ބައްލަވައި ވޮޑިގެންވާކަލަކުކަމުގައިވެއެވެ. މިފަދައިންނެވެ.

އެވަގުތު އެކަލޭގެފާނުގެ ދެބެންގެދެދަރި ކޮއްކޯފުޅު އަދި ދަނބިދަރިކަލުން علي بن ابي طالب رضي الله عنه ތެދުއެވަޑައިގެން ވިދާޅުވިއެވެ. " މާތް ﷲ ކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ. އަޅުގަނޑުމެން ހާޝިމްވަންހައިގެ ބޭފުޅުންނަށް ކުރީއްސުރެވަނީ ގެފުޅަށް ޒިޔާރަތްކުރާ މީހުންނަށް ފެންދިނުމުގެ ވެރިކަން ލިބިފައެވެ. އެހެންވީއިރު އަޅުގަނޑުމެންނަށް ގެފުޅުގެ ތަޅުދަނޑިފުޅުގެ ވެރިކަން (ގެފުޅުގެ ބަނޑޭރިކަން) ވެސް ދެއްވުން ކީއްތޯއެވެ؟"

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، عليގެފާނުގެ ވާހަކަފުޅަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. " عثمان بن طلحة ކޮބައިހެއްޔެވެ؟ އޭނާ ޙާޟިރު ކުރެވުނުހިނދު އޭނާގެ އަތްޕުޅަށް ތަޅުދަނޑިފުޅު ދެއްވަމުން ޙަދީޘް ކުރެއްވިއެވެ. "عثمان އެވެ! މިއޮތީ ކަލޭގެ ތަޅުދަނޑިއެވެ. މިއަދަކީ ގެޔޮކޮށް ހިތުމާއި ވަފާތެރިކަމުގެ ދުވަހެވެ. އަބަދުގެ އަބަދަށް ދަރިފަސްކޮޅަށް ވާރުތަވާގޮތަށް މިތަޅުދަނޑި ގެންދާށެވެ. އަނިޔާވެރިޔަކު މެނުވީ މިތަޅުދަނޑި ތިޔަބައިމީހުންގެ އަތަކުން ނާތުލާނެއެވެ."

ޙައްޤުތައް އަދާކުރުމާއި އަމާނާތްތައް ރައްދުކުރުމުގައި މުސްލިމުން ފަރުވާތެރިވާންވީ ކިހާބޮޑެއްކޮށްކަން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އިސްވެދެންނެވި ސުންނަތުން އަޅުގަނޑުމެންނަށް އެނގެއެވެ. ޙައްޤުގެވެރިޔާގެ ފުށުން ތިމާ ހިތްނޭދޭ ގޮތަކަށް ކަންތައްވެފައި އޮތްކަމުގައިވިޔަސް އެމީހެއްގެ ޙައްޤެއްކަމުގައި ވާނަމަ އެމީހަކަށް އެންމެ ފުރިހަމަގޮތުގައި އަދާކޮށްދިނުމެވެ. އަނެކެއްގެ ޙައްޤެއް އަދާކޮށްދިނުމުން އެއްވެސް ޙާލެއްގައި އެއްކިބާވެ ނުގަތުމެވެ. ތިމާގެ ޠަބީޢަތާ ކިތަންމެ ޚިލާފުކަމެއް ކަމުގައިވިޔަސްވެހެވެ.

"ދުނިޔެއަށް އަޅުކަންކުރާ" މީހުންގެ ގޮތަކީ އެބައިމީހުންނަށް އެއްވެސް ބާވަތެއްގެ ވެރިކަމެއް ނުވަތަ ބާރެއް ލިބިއްޖެނަމަ އެބައިމީހުންގެ އެންމެ ފުރަތަމަ މަސައްކަތަކަށް ހަދާނީ ތިމާގެ ކުރީގެ ދެކޮޅުވެރީންނަށް އަދަބުދިނުމެވެ. އެބައިމީހުން މަޤާމުތަކުން ދުރުކޮށް ތިމާއަށް ތާރީފުކުރާ މީހުންނަށް އެމަޤާމުތައް ދިނުމެވެ. ވެރިކަމާއި ބާރުލިބިިފައިވާ ކޮންމެ މީހަކުވެސް ވިސްނީ ތިމާއާ "އެއްކޮޅު" މީހުންނާއި "ދެކޮޅު" މީހުންގެ އިޞްޠިލާޙުންނެވެ. އެއްކޮޅު މީހުން މައްޗަށް ނެގުމާއި ދެކޮޅުމީހުން ދުއްވައިލުމަކީ އެބައިމީހުންގެ ޕޮލިސީގެ އެންމެ މުޙިއްމު ބައެވެ.

ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށް ޢަރަބިކަރައިގެ ބާރު ލިބިވަޑައިގަތުމުން އިތުރު އެކަލޭގެފާނު ކަންތައްކުރެއްވީ އޭގެ ދިމާ އިދިކޮޅަށެވެ. އެކަލޭގެފާނު މީހުންނާމެދު ބެއްލެވީ އެއްކޮޅުމީހުންނާއި ދެކޮޅުމީހުންގެ ގޮތަކުން ނޫނެވެ. އަދި ކީއްތޯއެވެ؟ އެކަލޭގެފާނު ބެއްލެވީ ޙައްޤަށް ލޯބިކުރެއްވުމާއި އަމާނަތްތެރިވެވަޑައިގަތުމުގެ ނަޒަރުންނެވެ. ހުރިހާ ޝަކުވާތަކެއް ހަނދުމުމަފުޅު ނައްތަވައިލައްވައި ހަމަ ކޮންމެ މީހަކާމެދުވެސް މުޢާމަލާ ކުރެއްވީ ރަޚްމަތާއި ޢަދުލުވެރިކަން ނިޔާކުރާގޮތަށެވެ.

ނުނިމޭ (ކުރިއަށް އޮތް ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން