ސުންނަތްކަން ގަދަވެގެންވާ 10 ރަކްޢަތުގެތެރެއިން ރަކްޢަތެއް އެޅިއްޖެނަމަ ޤަޟާކުރުމީ ސުންނަތްވެގެންވޭ
ސުންނަތްކަން ގަދަވެގެންވާ 10 ރަކްޢަތުގެތެރެއިން ރަކްޢަތެއް އެޅިއްޖެނަމަ ޤަޟާކުރުމީ ސުންނަތްވެގެންވޭ
އެއްފަހަރެއްގައި މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުނު ޢަބާސްގެފާނާއި ބައެއް ޠާބިޢިއްޔަ ބޭކަލުންނާ ދެމެދު މައްސަކައެއްގައި ކުޑަ ޚިޔާލު ތަފާތުވުމެއް ހިނގިއެވެ. ޢަބްދު ﷲ ގެފާނު ވިދާޅުވަނީ ވަކިކަހަލަ ނަމާދުތަކެއް ޢަޞްރުނަމާދަށް ފަހު ކުރެވިދާނެ ކަމަށެވެ. ޠާބިޢީބޭކަލުން ވިދާޅުވަނީ ނުކުރެވޭނެ ކަމަށެވެ. (މިއީ ޙަދީޘްގައި މިގޮތަށް އައިސްފައިވާތީއެވެ.)

މިމައްސަލައާގުޅޭގޮތުން ކަން އޮތްގޮތް އޮޅުންފިލުވުމުގެ ގޮތުން، ام المؤمنين السيدة عائشة رضي الله عنها ގެ އަރިހަށް މީހަކު ފޮނުއްވިއެވެ. އެކަމަނާ ވިދާޅުވީ އުއްމު ސަލަމަތުގެފާނުގެ އަރިހުން އެހުމަށެވެ.

މިމީހާ އުއްމުލް މުއުމިނީނާ ސިއްތުނާ އުއްމު ސަލަމަތުގެފާނުގެ އަރިހަށް ދިޔައެވެ. އެކަމަނާ ވިދާޅުވީ ލޮބުވެތި ރަސޫލާ،ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހިވަސައްލިމްވަނީ ޢަޞްރުނަމާދު ފަހުން ނަމާދުކުރުން މަނާކުރައްވާފައިކަމަށެވެ. އެކަމަކު އެއްފަހަރެއްގައި އިތުރު ރަސޫލާ، ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހިވަސައްލިމް ޢަޞްރުނަމާދުފަހުން ނަމާދު ކުރެއްވިތަން ތިމަންކަމަނާ ދެކެވަޑައިގަތީމެވެ. އެހިނދު އެކަލޭގެފާނު ނަމާދަށް ހުންނަވަނިކޮށް ތިމަންކަމަނާ އެކަލޭގެފާނުންގެ އަރިހަށް ކުއްޖަކު ފޮނުވީމެވެ. އަދި އެކުއްޖާ ކައިރީގައި ބުނީމެވެ. ގޮސް ރަސޫލާގެ އަރިހުގައި ކޮއްޅަށް ހުރެ ދަންނަވާށެވެ. އޭ ﷲ ގެ ރަސޫލާއެވެ. އުއްމު ސަލަމާ އެބަދަންނަވައެވެ. ކަލޭގެފާނު ވަނީ ޢަޞްރު ނަމާދު ފަހުން ނަމާދު ކުރުން މަނާ ކުރައްވާފައި ނުންތޯއެވެ؟ ކަލޭގެފާނު ތިޔަކުރައްވަނީ ކޮންނަމާދެއްތޯއެވެ؟ މިހެން ދެންނެވުމުން އެކަލޭގެފާނު އިޝާރާތެއް ކުރައްވައިފިނަމަ އަރިހުން ދުރަށް ޖެހިލާށެވެ.

އެކުއްޖާ ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހިވަސައްލިމް އަރިހަށް ގޮސް ތިމަންކަމަނާ އެބުނި ގޮތަށް ކަންތައް ކުރިއެވެ. ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހިވަސައްލިމް އެކުއްޖާއަށް އެނބުރި ދިޔުމަށް އިޝާރާތް ކުރެއްވުމުން އެކުއްޖާ އަތުވެއްޖެއެވެ.

ދެންފަހެ ލޮބުވެތި ރަސޫލާ ނަމާދުން ނިމިވަޑައިގެން ތިމަންކަމަނާގެ އަރިހަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ.

"އޭ އުއްމު ސަލަމާއެވެ. ޢަޞްރު ނަމާދަށްފަހު ތިމަންކަލޭގެފާނު ކުރެއްވި ދެރަކްޢަތާ ބެހޭގޮތުން ކަމަނާ ސުވާލުކުރެއްވީމު ނުންތޯއެވެ؟ ތިމަން ކަލޭގެފާނުންގެ އަރިހަށް ޢަބްދުލްޤައިސުގެ ދަރިކޮޅުގެ ބޭފުޅުންތަކެއް ވަޑައިގަތުމުން އެބޭފުޅުންގެ ކަންތަކުގައި ތިމަންކަލޭގެފާނު އުޅުއްވަން ހައްދަވައިގެން މެންދުރު ނަމާދުގެ ފަހު ސުންނަތުގެ ދެރަކްޢަތް ނުކުރައްވާ ހުއްޓާ ޢަޞްރުވަގުތު ޖެހުނީއެވެ. މިކުރެއްވީ އެ ދެރަކްޢަތެވެ." (ބުޚާރީ - މުސްލިމް)

އިރުޝާދު:

1. ފަރްޟު ފަސްނަމާދުގެ ކުރީގައްޔާއި އެނަމާދުތަކުގެ ފަހުގައި ކުރުން ސުންނަތް ވެގެންވާ ނަމާދު ތަކެއް ވެއެވެ. އެއަށް ކުޔަނީ ރަވާތިބު ސުންނަތެވެ.

2. ރަވާތިބު ސުންނަތުގައި ވަނީ 22 ރަކްޢަތެވެ. އެއީ ފަތިސްނަމާދުގެ ކުރީގައި ދެރަކްޢަތެވެ. މެންދުރު ނަމާދުގެ ކުރީގައި ހަތަރުރަކްޢަތާއި ފަހުގައި ހަތަރުރަކްޢަތެވެ. ޢަޞްރުނަމާދުގެ ކުރީގައި ހަތަރުރަކްޢަތެވެ. މަޣުރިބުނަމާދުގެ ކުރީގައި ދެރަކްޢަތާއި ފަހުގައި ދެރަކްޢަތެވެ. ޢިޝާނަމާދުގެ ކުރީގައި ދެރަކްޢަތާއި ފަހުގައި ދެރަކްޢަތެވެ.

3. ރަވާތިބު ސުންނަތް 22 ރަކްޢަތުގެ ތެރެއިން ސުންނަތްކަން ގަދަވެގެންވާ ދިހަ ރަކްޢަތް ވާކަމުގައި އިމާމު ޝާފީޢީ ގެފާނާއި އަދި އެނޫންވެސް ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. އެއީ ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހިވަސައްލިމް މިރަކްޢަތައް އެއްގޮތަކަށްވެސް ދޫކުރައްވާފައި ނުވާތީއެވެ.

4. ޢަބްދު ﷲ ބުނު ޢުމަރުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހިވަސައްލިމްގެ އަރިހުން ތިމަންކަލޭގެފާނު ދަސްފުޅުކުރެއްވި 10 ރަކްޢަތެއް ވެއެވެ. އެއީ ފަތިސްނަމާދުގެ ކުރީ 2 ރަކްޢަތާއި، މެންދުރު ނަމާދުގެ ކުރީގެ 2 ރަކްޢަތާއި އެނަމާދުގެ ފަހުގެ 2 ރަކްޢަތާއި، މަޣްރިބުނަމާދުގެ ފަހުގެ 2 ރަކްޢަތެވެ. އަދި ޢިޝާނަމާދުގެ ފަހުގެ 2 ރަކްޢަތެވެ. (ބުޚާރީ - މުސްކިމް)

5. ރަވާތިބު ސުންނަތުގެ ތެރެއިން، މިބުނެވުނު ސުންނަތްކަން ގަދަވެގެންވާ 10 ރަކްޢަތުގެތެރެއިން ރަކްޢަތެއް އެޅިއްޖެނަމަ ޤަޟާކުރުމީ ސުންނަތް ވެގެންވާ ކަމެކެވެ. އެއީ ކީރިތި ރަސޫލާގެ އަރިހުން މިކަން މިގޮތަށް ސާބިތުވާތީއެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން