ނަމާދުގައި އިމާމާއަށް ކުށެއް ކުރެވިއްޖެނަމަ، ފިރިހެނުންނަށް އޮންނަނީ "سبحان الله" ކިޔުމެވެ. އަންހެނުންނަށް އޮންނަނީ އަތްޖެހުމެވެ.
ނަމާދުގައި އިމާމާއަށް ކުށެއް ކުރެވިއްޖެނަމަ، ފިރިހެނުންނަށް އޮންނަނީ "سبحان الله" ކިޔުމެވެ. އަންހެނުންނަށް އޮންނަނީ އަތްޖެހުމެވެ.
އެއްފަހަރެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް މީސްތަކުންގެ މެދުގައި އުފެދުނު މައްސަލައެއްގައި އެބައިމީހުން ޞުލްޙަވެރި ކުރެއްވުމަށްޓަކައި ވަޑައިގެން އުޅުއްވިއެވެ. މިކަމާހުރެ ނަމާދު ވަގުތު ޖެހުނުއިރުވެސް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމްއަށް މިސްކިތަށް ވަޑައެއް ނުގަނެވުނެވެ.

ނަމާދުގެ އައުލާ ވަގުތު ފާއިތުވަމުންދާތީ ބިލާލުގެފާނު ވަޑައިގެން އަބޫބަކުރުއްޞިއްދީޤު ރަޟިޔަ ﷲ ޢަންހައަށް އިމާމުވެ ނަމާދު ކުރެއްވުމަށް ދަންނަވައިފިއެވެ. އަބޫބަކުރުގެފާނު އެކަމާ އެއްބަސްވެ ވަޑައިގަތުމުން ބިލާލުގެފާނު ޤަމަތް ދެއްވަން ފައްޓަވައިފިއެވެ. އަދި މީސްތަކުން ސަފުހަދަން ފެށުމުން އަބޫބަކުރުގެފާނު ކުރިއަށް ޖެހިވަޑައިގެންފިއެވެ.

ކުޑައިރުކޮޅެއް ފަހުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލިމް ވަޑައިގެން ސަފުގައި ހުއްޓިވަޑައިގަތެވެ. ރަސޫލާ ހުއްޓިވަޑައިގެންނެވިތަން ފެނުމުން އަބޫބަކުރުގެފާނަށް އެކަން އެންގުމަށްޓަކައި ބައެއްމީހުން އެއްއަތުން އަނެއްއަތުގައި ޖަހަން ފެށިއެވެ. އަދި އަބޫބަކުރުގެފާނަށް ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލިމް ވަޑައިގަތްކަން އެނގިވަޑައިގެން ފަހަތަށް ޖެހިވަޑައިގެން ސަފުގައި ހުއްޓިވަޑައިގަތެވެ. ނަމަވެސް ރަސޫލާގެ އަތްޕުޅުން އިޝާރާތްކުރައްވައި ނަމާދު ފުރިހަމަ ކުރެއްވުމަށް އަބޫބަކުރުގެފާނަށް އެންގެވިއެވެ. ނަމަވެސް އަބޫބަކުރުގެފާނު ޖެހިލުންވެވަޑައިގެން އެކަމާ ދެކޮޅުހެއްދަވައި

ކުރިއަށް ވަޑައިނުގަތެވެ. ދެން އިތުރު ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލިމް ކުރިއަށް ޖެހިވަޑައިގެން އިސްވެވަޑައިގެންފައި ނަމާދު ފުރިހަމަ ކުރައްވަން ފެއްޓެވީއެވެ.

ނަމާދުން ނިމިވަޑައިގެން އިތުރު އެކަލޭގެފާނު މީސްތަކުންނާ މުޚާޠަބުކުރައްވައި ޙަދީޘް ކުރެއްވިއެވެ. "އޭމީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ނަމާދުގައި ކަމެއް ދިމާވުމުން އަތުގައި ޖަހައި ހަދަނީހެއްޔެވެ. ހަމަކަށަވަރުން އަތުގައި ޖެހުން އޮންނަނީ އަންހެނުންނަށެވެ. ވީމާ ނަމާދުގައި ކަމެއް މެދުވެރިވެއްޖެނަމަ، އެކަން އިމާމާއަށް އެނގުމަށްޓަކައި ފިރިހެނުން "سبحان الله" މިފަދައިން ކިޔާށެވެ. މިހެނީ سبحان الله ހަރުއަޑުން ކިޔުމުން ކޮންމެ މީހަކުވެސް ސަމާލުކަން ދޭނެއެވެ."

އެއަށްފަހު ކައުއިތުރު ރަސޫލާ އަބޫބަކުރުގެފާނާ ވީފަރާތަށް އެނބުރި ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އޭ އަބޫބަކުރުއެވެ. ކަލޭގެފާނު މީސްތަކުންގެ ނަމާދު ފުރިހަމަ ކޮށްދެއްވުމަށް ތިމަން ރަސޫލާ އެންގެވުމުން އެކަމުން އެއްކިބާވެ ވަޑައިގަތީ ކޮންކަމަކާތޯ؟" އެހިނދު އަބޫބަކުރުގެފާނު ވަރަށް އަދަބުވެރިކަމާއެކު ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މާތް ﷲ ގެރަސޫލާގެ ޙާޟިރުގައި އިސްވެ ނަމާދު ކުރުމަކީ އަބޫޤުޙާފާގެ ދަރިޔަކާ އެކަށޭނެ، އަރަފޯދޭނެ ކަމެއް ނޫނެވެ. (ބުޚާރީ)

އިރުޝާދު:

1. ރަސޫލު ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލިމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރީންނަށް ހަތް އަހަރުގައި ނަމާދުކުރަން ދަސްކޮށްދޭށެވެ. އަދި އެކުދީންނަށް 10 އަހަރުވުމުން އަދަބުދީގެންކަމުގަވިޔަސް ނަމާދު ކުރުވާށެވެ. އަދި އެކުދީންގެ ނިދާތަން ވަކިކުރާށެވެ. ( އަޙްމަދު- އަބޫދާއޫދު)

2. ނަމާދުގައި އިމާމާއަށް ކުށެއް ކުރެވިއްޖެނަމަ އެކަން އިމާމާއަށް އެންގުމަށްޓަކައި ފިރިހެނުންނަށް އޮންނަނީ "سبحان الله" މިފަދައިން ކިޔުމެވެ. އަންހެނުންނަށް އޮންނަނީ އަތްޖެހުމެވެ. މަނާއަކީ ކަނާއަތުގެ އަތްތިލައިން ވާތު އަތްތިލައިގައި ޖަހައިލުމެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން