މަރިޔަމް ލަމްޙާ ރަޝީދު   11 އޭޕްރީލު 2023 - 15:17
ޗީޒީ ޗިކަން ބަން
ޗީޒީ ޗިކަން ބަން
ރޯދަމަހަކީ ގޭގައި އުޅޭ އަންހެންވެރިން ކެއްކުމުގައި ތަފާތު އައު ބާވަތްތައް ތައްޔާރުކޮށް އައުރަހަތައް ތަޖުރިބާކުރާ މަހެކެވެ. އެކި އެކި ރެސިޕީތައް ނަގައިގެން ދިވެހިންގެ ރަހައާއި ގުޅޭގޮތަށް އެވެރިން އެރެސިޕީތައް ބަދަލުކޮށްލައިގެން މީރު ބާވަތްތަކެއް ތައްޔާރުކޮށްލައެވެ. މިފަހަރު ގެނެސްދެނީ ޝާއިޤާ މުހައްމަދުގެ ޚާއްސަ ރެސިޕީއެއް ކަމަށްވާ ޗީޒީ ޗިކަން ބަންއެވެ. މިއީ ވަރަށް މީރު ބަނަހެކެވެ. މިގޮތަށް ބަނަސް ފިހުމަށް ޗިކަންގެ ބަދަލުގައި ބީފްއާއި ރޯމަސް އަދި މަސްދަޅު ބޭނުންކޮށްގެންވެސް ތައްޔާރު ކޮށްލެވިދާނެއެވެ.

ބޭނުންވާ ތަކެތި:

2 ފިޔާ

1 މިރުސް (ކުޅިރަހަލައްވަން ބޭނުންވާވަރަށް)

1 ތަނޑި ހިކަނދިފަތް ކޮށާފައި

1 ކެޕްސިކަމް (ކިއުބްކޮށް ކޮށާފައި)

1 ރޯޓޮމާޓޯ (ކުޑަ) (ކިއުބްކޮށް ކޮށާފައި)

1 ބްރެސްޓް ބޯންލެސް ޗިކަން (ކިއުބް ކޮށް ކޮށާފައި)

2 މޭޒުމަތީ ސަމްސާ އޮއިސްޓަރ ސޯސް

1 ސައިސަމްސާ ޖިންޖާ ގާލިކް ޕޭސްޓް

½ ސައިސަމްސާ ކޮތަނބިރި (މުގުރާފައި)

އަޖިނަމޮޓޯ (ރަހަލާވަރަށް)

ކުޑަ ލޮނު ކޮޅެއް (ރަހަލާވަރަށް)

3 ސައިސަމްސާ ތެޔޮ

4 ފޮތި ޗީޒް (2 ފަޅި ކޮށްފައި)

2 މޭޒުމަތީ ސަމްސާ ޗިލީ ސޯސް

ފުށްގަނޑު ހެދުމަށް:

2 ލާހި ފުށް

½ ސައިސަމްސާ ލޮނު

3 މޭޒުމަތީ ސަމްސާ މާޖިރިން

1 ސައިސަމްސާ ހަކުރު

2 މޭޒުމަތީ ސަމްސާ އީސްޓް

3 ބިސް (މޮޑުމަށް 2 ބިސް)

ބޭނުންވާ ވަރަށް އާދައިގެ ފެން

ތައްޔާރުކުރާނެ ގޮތް:

ކައްކަން ބޭނުންވާ ތެއްޔަށް ތެޔޮ އެޅުމަށްފަހު ޗީޒްއާއި ސޯސް ފިޔަވައި ބޭނުންވާ ތަކެތި އަޅާށެވެ. ދެން މަޑު ގިނީގައި ހުރިހާ އެއްޗެއް ރޯފިލާވަރަށް ހަލުވަމުން ކައްކާށެވެ. ނިމުމުން މަސްގަނޑު އެއްފަރާތުގައި ބަހައްޓާށެވެ.

ފުށްގަނޑު މޮޑުމަށް ބޭނުންވާ ތަކެތި ފުށްމޮޑޭ ތައްޓަކަށް އަޅައި އެއްކޮށްލައި ރަނގަޅަށް މޮޑޭށެވެ. ދެން މަތި ގަނޑެއް އަޅައި 30 މިނެޓު ވަންދެން ނުވަތަ ފުށްގަނޑު ރަނގަޅަށް ފުފެންދެން ބަހައްޓާށެވެ. ރަނގަޅަށް ފުފުމުން ފުށްގަނޑުން ދެ ބަންއަށް ވާވަރަށް ބޮޑުކޮށް ގުޅަ ކަނޑާށެވެ. ދެން ރޮށި ދަމާހެން ބޮޑުކޮށް ފުށްގަނޑު ވަށްކޮށް ދަމާށެވެ. އަދި އޭގެ މަތީގައި ސޯސްކޮޅެއް ހާކާލާށެވެ.

ދެން ފުށްގަނޑުގެ މެދުގައި ދިގަށް މަސްކޮޅު ކޮންމެ ބަންއަކަށް ތައްޔާރުކުރި ރޮށިކޮޅުގައި އަތުރާށެވެ. އަދި މަސްކޮޅު މަތީގައި ޗީސްފޮތި ކޮންމެ ބަންއަކަށް 2 ފޮތި ޗީޒް ވާވަރަށް ބާއްވާށެވެ. އެއަށްފަހު މަސްކޮޅުގެ ދެފަރާތުން ފުށްގަނޑު ގެނެސް މަސްކޮޅު ފޮރުވާލާށެވެ. އަދި ފުށްގަނޑުގެ ދެކޮޅު ފިއްތާލައި ބައްދާލާށެވެ. ދެން މަހުގައި ޅިޔަ އަޅާހެން މަޑުމަޑުން ވަޅިން ހުރަހަށް (އެއްކޮށް މަސްގަނޑު ތެރެއަށް ވަޅި ނުދާވަރަށް) ރޮނގު އަޅާށެވެ. ދެން ބިސް ތައްޓަކަށް ގިރާފައި ފިއްސަކުން އޭގައި ބިސް ހާކާލާށެވެ.

މިބަނަސް ފިހުމަށްތަކައި 30 މިނެޓު 200 ޑިގްރީއަށް ޕްރީ ހީޓް ކުރުމަށްފަހު ޓްރޭގައި ތެޔޮ ކޮޅެއް ހޭކުމަށްފަހު އަވަނަށް ލާށެވެ. ދެން ބަނަސް ފިހެވި އެއަށް ރަން މުށި ކުލައެއް އެރުމުން ނަގާށެވެ. އޭރުން ޗިކަން އެންޑް ޗީޒީ ބަން ތައްޔާރުވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން