ޞާދިރު ޢަލީދީދީ   9 އޭޕްރީލު 2023 - 13:28
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

ރީތި ޚުލުޤުފުޅު

ކީރިތި ޤުރްއާނުގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާބެހޭގޮތުން ވަޙީކުރައްވާފައިވަނީ "ކަލޭގެފާނަކީ މަތިވެރި އަޚްލާޤެއްގެ ވެރި ބޭކަލަކީމުއެވެ." މިފަދައިންނެވެ. އިމާމް ޢަޠިޔާ، ޚުލުޤު ޢަޠީމް (މަތިވެރި އަޚްލާޤު) ތަފްސީރު ކުރައްވާފައިވަނީ "މަތިވެރި އަދަބު" ކަމުގައެވެ. (ތަފްސީރު އިބުނު ކަޘީރު) އެމަތިވެރި އަދަބަކީ، އަދި ރީތި އުޅުއްވުމަކީ ކޮބައިތޯއެވެ. އޭގެ ތަފްޞީލު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ބައެއް ބަސްފުޅުތަކުން އެނގި ހަމަވާން އެބަހުއްޓެވެ.

ޙުޛައިފާގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ގުނބޯތަކަކަށް ނުވާށެވެ. ތިޔަބައިމީހުން ބުނާނެއެވެ. އެބައިމީހުން ރަނގަޅަށް ކަންތައް ކުރާނަމަ އަހަރެމެންވެސް ރަނގަޅަށް ކަންތައް ކުރާނޫއެވެ. އެބައިމީހުން ނުބައިކޮށް ކަންތައް ކުރާނަމަ އަހަރެމެންވެސް ކަންތައްކުރާނީ ނުބައިކޮންނެވެ. އަދި ކީއްހެއްޔެވެ؟ ތިޔަބައިމީހުންގެ ނަފްސުތައް ހާނުވާންވީ ރަނގަޅަށް ކަންތައްކުރާ މީހުންނަށް ރަނގަޅަށް ކަންތައް ކޮށްދިނުމަށާއި ނުބައިކޮށް ކަންތައްކުރާ މީހުންނަށް ގޯނާކުރުން ދުރުހެލިވުމަށެވެ." (އަލްމިޝްކާތު: ބާބުއްޡުލްމު)

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. "ކަލެއާ ގުޅުން ކަނޑާފައިވާ މީހާއަށް ހެޔޮކަން ފޯރުކޮށްދޭށެވެ. ކަލެއާމެދު ބޭއިންސާފުން ކަންތައް ކޮށްފައިވާ މީހާއަށް މާފުދޭށެވެ. ކަލެއަށް ނުބައިކޮށް ކަންތައް ކޮށްފައިވާ މީހާއަށް ހެޔޮކޮށް ކަންތައް ކުރާށެވެ."

އިސްވެދިޔަ ޙަދީޘްގައި ބަޔާންކުރެވިފައިވާ ރީތި އަޚްލާޤުގެ އެންމެ ފުރިހަމަ ނަމޫނާއަކީ އޭގެ އެންމެ މަތީ ދަރަޖައިގައިވާ އިތުރު އެކަލޭގެފާނެވެ. އާދެ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެވެ. ޢާއްމު މުސްލިމުންނަށް ނިޞްބަތް ކުރާއިރު މިއީ ނިހާޔަތުގެ ދަރަޖައަށް އެދެވޭ އަޚްލާޤީ މިންގަނޑެވެ. ނަމަވެސް، މާތް ﷲ ރަސޫލާގެ ޒާތުފުޅަށް ބަލާއިރު މިއީ ކޮންމެހެން ހުންނަންޖެހޭ އަޚްލާޤީ ސިފަތަކެކެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އަހުރެންނަށް އަހުރެންގެ ވެރިރަސްކަލާނގެ އަމުރުކުރެއްވީ އަހުރެންނާ ގުޅުން ކަނޑާފައިވާ މީހުންނާ ގުޅުން އުފެއްދުމަށެވެ. އަހުރެން މަޙްރޫމްކުރާ މީހުންނަށް ދިނުމަށެވެ. އަހުރެންނަށް މީހަކު އަނިޔާކޮށްފިނަމަ އެމީހަކަށް މާފުކުރުމަށެވެ."

އަޚްލާޤުގެ ވަނީ ދެފެންވަރެކެވެ. އެއީ އާދައިގެފެންވަރާއި މަތީފެންވަރެވެ. އާދައިގެ ފެންވަރުގެ އަޚްލާޤަކީ މީހާގެ އަޚްލާޤަކީ ޖަވާބީ އަޚްލާޤަކަށްވުމެވެ. "ގޮނަކަށް ގޮނެއް" ދޭގޮތަށް އެމީހަކު ހުރުމެވެ. އާދެ ތިމާއާމެދު އަނެކާ ޢަމަކުކުރާގޮތަކަށް ތިމާ އެމީހަކާމެދު ޢަމަލުކުރުމެވެ. މިއީ އެމީހެއްގެ ގޮތް ކަމުގައި ބަލާމީހާ ކަންތައްކުރާނެ ގޮތަކީ، އަނެކަކު ތިމާއާ ގުޅުން ކަނޑައިފިނަމަ ތިމާވެސް އެމީހަކާ ގުޅުން ކަނޑައިލުމެވެ. މީހަކު ތިމާއަށް އަނިޔާކުރަން ފަށައިފިނަމަ ތިމާވެސް އެމީހަކަށް އަނިޔާކުރަން ފެށުމެވެ. ތިމާއާމެދު ނުބައިކޮށް ކަންތައް ކުރާ މީހާއާމެދު ތިމާވެސް ނުބައިކޮށް ކަންތައްކުރަން ފެށުމެވެ.

އާދެ، މިއީ އަޚްލާޤުގެ ޢާއްމުފެންވަރެވެ. މިއާޚިލާފަށް އަޚްލާޤުގެ މަތީ ފެންވަރަކީ އަނެކުން ތިމާޔާމެދު ޢަމަލުކުރާ ގޮތަކާމެދު ވިސްނުމެއްނެތި ތިމާ ރަނގަޅުގޮތުގައި ކަންތައްތައް ކުރުމެވެ. ތިމާގެ އަޚްލާޤަކީ ޖަވާބީ އަޚްލާޤަކަށް ނުވުމެވެ. އަޚްލާޤަކީ ތިމާގެ ޢާއްމު އުސޫލުކަމުގައިވުމެވެ. ކޮންމެ ހިނދެއްގައިވެސް އަދި ކޮންމެ ކަމެއްގައިވެސް ތިމާގެ އަޚްލާޤް އެގޮތުގައި ބެހެެއްޓުމަށެވެ. އެކުވެރިޔަކާ މުޢާމަލާކުރާން ޖެހުނުކަމުގައިވިޔަސް، ނުވަތަ ދެކޮޅުވެރިޔަކާ ކުރިމަތިލާން ޖެހުނު ކަމުގައިވިޔަސްމެއެވެ. ތިމާއާ ގުޅުންކަނޑާ މީހުންނާވެސް ގުޅުން ބަހައްޓާ މީހެއްކަމުގައި ވުމެވެ. ތިމާއަށް ނުބައިކޮށް ހިތާ މީހާއަށްވެސް ހެޔޮކޮށްހިތާ މީހަކަށްވުމެވެ. ތިމާއަށް އަނިޔާކުރާ މީހާގެ އަނިޔާތަކަށް ދާންދެން ތިމާއާމެދު ކުރެވޭ އިހާނެތި ކަންތައް ހަނދާން ނައްތައިލާ މީހަކަށްވުމެވެ.

ފަރަންސޭސި ވިލާތުގެ މަޝްހޫރު ފިލޯސަފަރ ވޯލްޓަރ (1778-1694) ވިދާޅުވެފައި ވެއެވެ. އެއްވެސް މީހަކު އެމީހެއްގެ ގާތްމީހުންގެތެރޭގައި ހީރޯއަކަށް (ބަޠަލަކަށް) ނުވާނެއެވެ.

އެހެނީ ގާތްމީހުންގެ ކުރިމަތީގައި މީހާގެ ގޭތެރޭގެ ދިރިއުޅުމާއި މީހާގެ އެތެރެފުށްވެސް އޮންނާނީ ހާމަވެފައެވެ. ގޭތެރޭގެ ދިރިއުޅުމުގައި ފުރިހަމަ މީހެކޭ ބުނެވޭފަދަ މީހުންނެއް ނުތިބެއެވެ. އެހެންކަމުން ދުރުތިބީން މީހަކު ރަނގަޅުކަމުގައި ދެކޭވަރަކަށް ގާތްމީހުން އޭނާ ރަނގަޅު ކަމަކަށެއް ނުދެކޭނެއެވެ. ގާތްމީހުންގެ ހިތުގައި އޭނާއަކީ ބަޠަލެއްކަމުގެ އިޙްސާސެއް ނުއުފެދޭނެއެވެ.

ނަމަވެސް ސޫރަންސްމިތު ބަޔާންކުރައްވާ ގޮތުގައި އިސްވެދެންނެވި ވާހަކަތަކަކީ އިސްލާމްދީނުގެ ނަބިއްޔާ، މުޙައްމަދު رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އާ ނިސްބަތް ކުރާއިރު ތެދު ވާހަކަތަކެއް ނޫނެވެ. އެހެނީ ތާރީޚުން ސާބިތުވާގޮތުގައި މީހަކު މާތް ރަސޫލާއާ ގުޅުން ބޮޑުވީވަރަކަށް އެމީހަކު އިތުރު އެކަލޭގެފާނުގެ ރަނގަޅު ޚުލުޤުފުޅުތަކަށް އިޢުތިރާފްވެއެވެ. އެކަލޭގެފާނުގެ މައްޗަށް ޤުރުބާންވާ މީހަކު ކަމުގައިވެއެވެ.

زيد بن حارثة އަކީ ކުލަބުވަންހައިގެ حارثة بن شرحبيل ގެ ދަރިކަލެކެވެ. އެކަލޭގެފާނުގެ މައިކަނބަލަކީ سعدي بنت ثعلبة އެވެ. އެކަމަނާއަކީ ޠައްޔުވަންހައިގެ ގޮތްޕެއް ކަމުގައިވާ ބަނީމަޢުނާ އާގުޅޭ ބޭކަނބަލެކެވެ. زيد ގެފާނުގެ އުމުރުފުޅުން އަށްއަހަރުފުޅުގައި އެކަލޭގެފާނުގެ މައިކަނބަލުން އެކަލޭގެފާނު ގޮވައިގެން އެކަމަނާގެ ތިމާގެފުޅު މީހުންގެ ގާތަށް ވަޑައިގަތެވެ. ދަތުރުފުޅުމަތީގައި ބަނީޤައިންބިން ޖިސްރުގެ މީހުން އެބޭފުޅުންގެ ގާފިލާއަށް ޙަމަލަދިނެވެ. ގާފިލާއިން އެބައިމީހުން ފޭރިގެން ގެންދިޔަ މީހުންގެ ތެރޭގައި زيد ގެފާނުވެސް ހިމެނިވަޑައިގަތެވެ. އެބައިމީހުން زيد ގެފާނު ޢުކާޡުގެ ބާޒާރަށް ގެންގޮސް ވިއްކައިލީއެވެ. އެތަނުން އެކަލެގެފާނު ބައްލަވައިގަތީ ޤުރައިޝުވަންހައިގެ ބޮޑެއް ކަމުގައިވާ ޙަކީމް ބިން ޙުޒާމެވެ. އެއީ ام المؤمنين السيدة خديجة ގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އޭނާ زيد ގެފާނު މައްކާއަށް ގެންދަވައި އޭނާގެ ބޮޑުދައިތާފުޅު خديجة ގެފާނަށް ދެއްވީއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ خديجة ގެފާނާ ކައިވެނި ބެއްލެވުމުން خديجة ގެފާނު މާތް ރަސުލާއަށް زيد ގެފާނު ވެދުންކުރެއްވިއެވެ. އޭރު زيد ގެފާނުގެ ޢުމުރުފުޅަކީ ފަނަރަ އަހަރުފުޅެވެ.

ދުވަސްކޮޅެއްފަހުން زيد ގެފާނުގެ ބައްޕާފުޅާއި ބޮޑުބޭބޭފުޅަށް زيد ގެފާނުގެ ޚަބަރު ލިބިވަޑައިގެން އެކަލޭގެފާނު ބައްލަވައި މައްކާއަށް ވަޑައިގެންނެވިއެވެ. ދަރިކަލުން މިނިވަން ކުރައްވައިގެން އަރިހުގައި ގެންދެވުމުގެ ބޭނުންފުޅުގައެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَއާ އެބޭފުޅުން ބައްދަލުކުރެއްވިއެވެ. އެބޭފުޅުން ވިދާޅުވިއެވެ. "ކަލޭގެފާނު ވިދާޅުވި ފިދްޔައެއް އަރުވަން އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. ކަލޭގެފަނު އަޅުގަނޑުމެންގެ ދަރިފުޅު އަޅުގަނޑުމެންނަށް ދެއްވާށެވެ."

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ކޮންމެ ދުވަހުކު ގެނެސްދެމުން އަންނާނެ ސިލްސިލާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން