ޞާދިރު ޢަލީދީދީ   7 އޭޕްރީލު 2023 - 13:11
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

.

ހިޖްރައިގެ ތިންވަނަ އަހަރު މައްކާގެ ދެކޮޅުވެރީން މަދީނާއަށް ޙަމަލަދޭން އައެވެ. ނަތީޖާއެއްގެ ގޮތުން ތާރީޚުގައި އުޙުދު ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ ހަނހުރާމަ ހިނގިއެވެ. އެހަނގުރާމާއިގެ ކުރީކޮޅުގައި މުސްލިމުންނަށް ފަތަޙަލިބުނެވެ. ނަމަވެސް މާތް ރަސޫލާގެ ބައެއް އެކުވެރީންނަށް ހެއްދެވުނު ގޯހެއްގެ ސަބަބުން ދުޝްމިނުންނަށް ފުރުޞަތު ލިބި މުސްލިމުންގެ ފަހަތުން ޙަމަލާދީ ހަނގުރާމައިގެ ޗާޓް ބަދަލުކޮށްލިއެވެ. އެއީ ވަރަށް ބިރުވެރި މަންޒަރެކެވެ. މާތް ރަސޫލާގެ އެކުވެރީންކުރެ ވަރަށް ގިނަ ބޭކަލުން މައިދާން ދޫކޮށްލައްވައި ދުވެވަޑައިގަތެވެ. ނަތީޖާއެއްގެ ގޮތުން ހަތިޔާރުއެޅި ދުޝްމިނުންގެ ގޮންޏެއްގެ ތެރޭގައި މާތް ރަސޫލާ ގިނިކަންޏާވެ ވަޑައިގަތެވެ.

ދެކޮޅުވެރީންތައް ބަނޑުހައިވެފައި ތިބި ސީންގާތަކެއް ފަދައިން އެކަލޭގެފާނާ ދިމާކުރަމުން ގެންދިޔައެވެ. މާތް ރަސޫލާ ވިދާޅުވަމުން ގެންދެވިއެވެ. "އަހުރެން ގާތަށް އަންނާށެވެ! އަހުރެންނަށްޓަކައި އެމީހެއްގެ ފުރާނަ ޤުރްބާންކޮށްލާނެ މީހަކު އެބަހުރި ހެއްޔެވެ؟ މިތިބަ އަނިޔާވެރީންތައް އަހުރެންނާ ދުރުކޮށްދޭނީ ކާކުހެއްޔެވެ؟ އެމީހަކު ސުވަރުގޭގައި އަހުރެންގެ މިތުރަކު ކަމުގައި ވާހުއްޓެވެ." (މުސްލިމް)

މާތް ﷲ ގެ ރަސޫލާގެ ދޫފުޅުން މިފަދަ ބަސްފުޅުތަކެއް ވިދާޅުވާނެ ވަގުތެއް ހިމެނޭނީ ކިހާ ނުރައްކާތެރި ވަގުތަކަށް ހެއްޔެވެ؟ މާތް ރަސޫލާގެ ފިދާއީންގެ ތެރެއިން ބައެއް ބޭކަލުން އެކަލޭގެފާނުގެ ގޮވާލެއްވުމަށް އިޖާބަ ދެއްވަމުން ގެންދެވިއެވެ. ނަމަވެސް އެދަނޑިވަޅުގެ ނާޒުކުކަމާއި ހަލަބޮލިކަމުން އެބޭކަލުންނަށް މާތް ރަސޫލާ ފުރިހަމަޔަށް ދިފާޢެއް ނުކުރެއްވެއެވެ. ޢުތުބާ ބިން އަބީ ވައްޤާސް އެކަލޭގެފާނުގެ މޫނުފުޅުމަތީގައި ހިލައަކުން ޖެހިލެއް ބާރުކަމުން ތުންފަތްޕުޅުފެޅި ތިރީ ދަތްޕިލާފުޅުގެ މެދު ދެ ދަތްޕުޅު ޝަހީދުވިއެވެ. ޢަބްދު ﷲ ބިން ޤުމްއަތަކީ ޤުރައިޝުންގެ މަޝްހޫރު ފަހުލަވާނެކެވެ. އޭނާ މާތް ރަސޫލާއަށް ވަރަށް ވަރުގަދަ ޙަމަލާއެއް ދިނެވެ. އޭނާ ޖެހި އެތިފަހަރެއްގެ ސަބަބުން ދަގަނޑު ތާކިހާކޮޅުގެ ދެއުޅަށް ކޯތާފަތްޕުޅަށް ހެރުނެވެ. އެދެއުޅަށް ހެރިފައި ހުރިލެއް ފުންކަމީ أبو عبيدة رضي الله عنه އެއުޅައް ނެންގެވުމަށް އެކަލޭގެފާނުގެ ދަތްޕުޅުން ހިއްޕަވައި ދަންމަވައި ގެންނެވުމުން އެކަލޭގެފާނުގެ ދެދަތްޕުޅު މުގުރުނެވެ. ޢަބްދު ﷲ ބިން ޝިހާބުއްޒުހުރީ އެވެ ކިޔުނު މީހަކު ހިލަޔަކުން ޖެހުމުގެ ސަބަބުން ނިތްކުރިފުޅު ފެޅުނެވެ. މެދުކެނޑުމެއްނެތި ލޭފޮދު އޮހޮރުމުގެ ސަބަބުން ވަރަށް ބޮޑަށް ވަރުފުޅު ދެރަވިއެވެ. ހަމައެއާއެކު މައިދާނުގައި މީހަކު ކޮނެފައި ހުރި ވަޅަކަށް ވެއްޓިވަޑައިގަތެވެ. މައިދާނުން އެކަލޭގެފާނު ނުފެނި ގިނައިރުވާން ފެށުމުން އެކަލޭގެފާނު ޝަހީދުވެއްޖެކަމަށް ޚަބަރު ފެތުރުނެވެ. އެފަދަ ވަގުތެއްގައި އެކަލޭގެފާނުގެ ޞަޙާބީއަކަށް އެކަލޭގެފާނު ފެނިވަޑައިގަތުމުން އުފާފުޅުން ވިދާޅުވެވުނެވެ. "رَسُولُ اللَّهِ ގެފާނު މިހުންނެވީ މިތާނގައެވެ." އެހިނދު މާތް ރަސޫލާ އަތުގެ އިނގިލިފުޅުން އިޝާރާތް ކުރައްވައި އެކަން މަނާ ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. "ކަލޭގެފާނު ހިމޭނުން ހުންނަވާށެވެ. ދުޝްމިނުންނަށް އަހުރެން މިތާހުރިކަން އެނގުނަ ނުދެއްވާށެވެ."

އެފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި މާތް ރަސޫލާގެ ދޫފުޅުން ޤުރައިޝުންގެ ބައެއް ބޮޑުންނަށް ބަދު ދުޢާފުޅު ކުރެއްވުނެވެ. އެކަލޭގެފާނަށް ވިދާޅުވެވުނެވެ. "އެބައެއްގެ ނަބިއްޔާގެ މޫނުން ލޭއޮހޮރުވައިފި ބަޔަކު ދިންނަވާހުށީ ކޮންފަދަޔަކުން ހެއްޔެވެ؟" އެކަލޭގެފާނުގެ ދޫފުޅުން އެހާވަރުގެ ބަސްފުޅެއް ވިދާޅުވެވުމުން އެކަމާވެސް މާތް ﷲ ރުހިވޮޑިއެއް ނުގެންނެވިއެވެ. ހަމަ އެވަގުތު ޖިބްރީލުލް އަމީން މާތް ﷲ ގެ ޙަޟުރަތުން ވަޙީއާއިގެން ވަޑައިގެންފިއެވެ.

"އެބައިމީހުންގެ ކަންތަކުގެ ތެރެއިން އެއްވެސް ކަމެއް ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެއެވެ. އެކަން އޮތީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ އިރާދަކުރައްވާނަމަ އެބައިމީހުންގެ މައްޗަށް ތައުބާ ލައްވައިފާނެއެވެ. ނުވަތަ އެބައިމީހުންނަށް ޢަޛާބު ދެއްވައިފާނެއެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނީ އަނިޔާވެރީންނެވެ." (އާލުޢިމްރާން: 128)

މާތް ﷲ ގެ ޙަޟުރަތުން އެފަދަ ހަނދުމަފުޅުކޮށް އެރުވުމެއް ލިބިވަޑައިގަތުމުންވެސް ކުއްލިއަކަށް އިތުރު އެކަލޭގެފާނުގެ ކޯފާ މަޑުވެއްޖެއެވެ. އެކަލޭގެފާނު ހުންނެވީ ޒަޚަމްވެވަޑައިގަތުމުގެ ސަބަބުން ޙާލުކޮޅެއް ނެތިފައެވެ. ނަމަވެސް އަނިޔާވެރީންނަށް ތެދުމަގު ދެއްކެވުން އެދިވަޑައިގެން ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ޞަޙާބީއެއް ކަމުގައިވާ عبد الله بن مسعود رضي الله عنه ވިދާޅުވިއެވެ. "ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު އެވަގުތު ހުންނެވީ އަހުރެންގެ ކުރިމަތީގައި ކަހަލަ ގޮތަކަށެވެ. އެކަލޭގެފާނުގެ ނިތްކުރިފުޅުން ލޭފޮދު ފޮއްސަވަމުން ދުޢާފުޅު ކުރައްވަމުން ގެންދެވިއެވެ. "ހައްދަވައި ބޮޑުކުރެއްވި ކަލާކޯއެވެ! މިއަޅާގެ ޤައުމުގެ މީހުންގެ ފާފަފުއްސަވާނދޭވެ! އެބައިމީހުންނަށް ހަމަ ނޭނގެނީއެވެ!" (މުސްލިމް ޣަޒްވާ އުޙުދު، ޖިލްދު: 2، ސަފްޙާ: 108)

މަތީގައި ނަކަލުކޮށްފައިވާ ޙާދިޘާތަކަކީ ކީރިތި ރަސޫލާގެ ޙަދީޘާއި ސީރަތުގެ ފޮތްތައް ފުރިފައިވާ މިބާވަތުގެ ހިސާބެއް ނެތްހާ ގިނަ ޙާދިޘާތަކުގެ ތެރެއިން ދާދި މަދު ޙާދިޘާތަކެކެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ޙަޔާތްޕުޅަކީ އިންސާނީ ޙަޔާތުގެ ކޮންފަދަ މަތިވެރި އަދި ލާމަޘީލު ނަމޫނާއެއްކަން މިޙާދިޘާތަކުން ސާބިތުވެއެވެ. މިޙާދިޘާތައް ޢަމަލުގެ ބަހުރުވައިން ދޭ ފިލާވަޅަކީ އިންސާނާއަކީ މާތް ﷲ ގެ އަޅެއްކަމެވެ. އިންސާނާ ކޮންމެ ޙާލަތެއްގައިވެސް ހުންނާންޖެހޭނީ މާތް ﷲ ގެ އަޅެއްގެ ގޮތުގައި ކަމެވެ. މާތް ﷲ އާއި އެކަލާނގެ އަޅާއާ ދެމެދު ގުޅުން ބާރުއަޅަނީ އަޅާގެ ހިތުގައި އަބަދުމެ މާތް ﷲ އާއި އާޚިރަތުގެ ހަނދާން ފުރިހަމަޔަށް އުފެދިފައިވުމަށްކަމެވެ. މުޅިކާއިނާތަކީ އޭނާއަށްޓަކައި މާތް ﷲ ހަނދުމަ އާކޮށްދޭ ވަސީލަތަކަށްވުމެވެ. އޭނާ ކޮންމެ ޙާދިޘާއެއްމެ އީމާންކަމުގެ ނަޒަރުން ދުށުމެވެ. ކޮންމެ އެއްޗަކުންމެ ކަލާނގެ ވޮޑިގެންވާކަމުގެ ނިޝާން ލިބިގަތުމެވެ. ދުނިޔޭގައި ކޮންމެ ކަމެއް ކުރާއިރުވެސް އެންމެފަހުން ހުރިހާކަމެއްގެ އިޚްތިޔާރާއި ބާރު ﷲ ގެ ޔަދުޤުދްރަތްޕުޅަށް ރައްދުވާނެކަން ހަނދާން ނައްތައިނުލުމެވެ. ނަރަކަޔާމެދު ގަންނަ ބިރު އިންސާނުންނާމެދު ތަވާޟުޢުވެރިވުން މަޖްބޫރު ކުރުވުމެވެ. ސުވަރުގޭގެ އެދުން އޭނާގެ ކުރިމަތީގައި ދުނިޔެއަކީ އަގެއްނެތް ތަނަކަށް ހެދުމެވެ. މާތް ﷲ ގެ މަތިވެރިވަންތަކަމާއި ކިބްރިޔާވަންތަކަމުގެ ހަނދާން އޭނާގެ ހިތުގައި އަށަގަތުމެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ މަތިވެރިކަމާއި ބޮޑުކަމުގެ ޚިޔާލެއް ކިތަންމެ ކުޑަކޮށްވެސް ހިތަށް ވެއްދުމަކީ ހެއްވާކަމެއް ކަމުގައި އޭނާ ދެކޭގޮތްވުމެވެ. އެއްވެސް ފާޑުކިޔުމަކުން އޭނާ ރުޅިއަންނަގޮތް ނުވުމެވެ. އެއްވެސް ތަޢުރީފަކުން އޭނާގެ ސިކުނޑިޔަށް ބޮޑާކަން ނުވަނުމެވެ.

މާތް ﷲ ގެ ރަސޫލާ އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން އަޅުގަނޑުމެންނަށް ދެއްކެވި އިންސާނީ ފުރިހަމަ ޝަޚްޞިއްޔަތުގެ ނަމޫނާއަކީ މިއީއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން