ޞާދިރު ޢަލީދީދީ   5 އޭޕްރީލު 2023 - 11:15
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

.

އިސްލާމްދީނުގެ ނަބިއްޔާއަށް ތިން ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެތިންބޭފުޅުންވެސް ތުއްޕުޅުއިރު އަވާހަރަވީއެވެ. ހަތަރު ދަރިކަނބަލުން ލިބިވަޑައިގަތެވެ. އެހަތަރު ބޭފުޅުންވެސް ބޮޑުފުޅުވިއެވެ. އެ ހަތަރު ދަރިކަނބަލުންވެސް ލިބިވަޑައިގަތީ އުއްމުލް މޫމިނީން އައްސައްޔިދާ ޚަދީޖާ ރަޟިޔަ ﷲ އަންހާ ގެ ބަނޑުފުޅުންނެވެ. އައްސައްޔިދާ ފާޠިމާ ރަޟިޔަ ﷲ އަންހާ އަކީ މާތް ރަސޫލާގެ އެންމެ ހަނގު ދަރިކަނބަލުންނެވެ. އިތުރު އެކަލޭގެފާނު ފާޠިމަތުގެފާނު ދެކެ ނިހާޔަތަށް ލޯބިފުޅުވެވަޑައިގަނެއެވެ. ދަތުރުފުޅެއް ނިންމަވައިފައި އެނބުރި ވަޑައިގެންފިނަމަ މިސްކިތުގައި ދެރަކްޢަތް ނަމާދުފުޅެއް ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ވަޑައުގަންނަވާނީ ފާތިމަތުގެފާނުގެ ގަނޑުވަރަށެވެ. ވަޑައިގެން އެކަމަނާގެ އަތްތިލަފުޅާއި ނިތްކުރިފުޅުގައި ބޮސްދެއްވައެވެ. ޞަޙާބީންކުރެ جميع بن عمير رضي الله عنه، ام المؤمنين السيدة عائشة رضي الله عنها ގެ އަރިހުން ސުވާލު ކުރެއްވިއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެންމެ ލޯބިފުޅުވަނީ ކޮންބޭފުޅަކު ދެކެތޯއެވެ. عائشة ގެފާނު ޖަވާބު ދެއްވިއެވެ. " فاطمة ގެފާނު ދެކެއެވެ."

ނަމަވެސް އިސްލާމްދިނުގެ ނަބިއްޔާގެ މުޅި ޙަޔާތްޕުޅުވަނީ އާޚިރަތުގެ ތައްގަނޑަށް ފެތިފައެވެ. އެހެންކަމުން ބޭފުޅުންދެކެ ލޯބިފުޅުވަޑައިގަތުމުގައިވެސް އެކަލޭގެފާނު އެހެންމީހުންނާ ވަރަށް ތަފާތެވެ. "އައްނަސާއީ" ފިޔަވައި ޙަދީޘް ޢިލްމުގެ ޞައްޙަ ހުރިހާ ފޮތްތަކެއްގައި ރިވާވެފައިވާ ރިވާޔަތެއްގައި ވެއެވެ. علي مرتضى އެއްދުވަހަކު ابن عبد الواحد އަށް ވިދާޅުވިއެވެ. އަހުރެން ކަލެޔަށް فاطمة بنت رسول الله ވާހަކައެއް ކިޔައިދެންހެންޔެވެ. އެކަމަނާއަކީ މާތް ރަސޫލާގެ އަހްލުބައިތުންކުރެ އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ފަރާތެވެ. އިބްނު ޢަބްދުލްވާޙިދު ދެންނެވިއެވެ. އާދޭހެވެ.

علي رضي الله عنه ވިދާޅުވިއެވެ. فاطمة ގެފާނުގެ ޙާލުކޮޅަކީ އުޑިން ފުށްމުގުރުއްވުމުގެ ސަބަބުން އަތްތިލަފުޅުގައި ކުރަލައެވެ. ފެންހަދު އުފުލެއްވުމުގެ ސަބަބުން ކޮނޑުފުޅުމަތީގައި ނޫފައިގެންފައި ހުރެއެވެ. ކުނި ކައްސަވައި ތަންތަން ފޮޅުއްވައި ސާފުކުރެއްވުމުގެ ސަބަބުން ހެދުންކޮޅު ކިލާވެއެވެ. އެދުވަސްވަރު މާތް ނަބިއްޔާގެ އަރިހަށް އަޅުންތަކެއް ގެނެވުނެވެ. އަހުރެން فاطمةގެފާނުގެ އަރިހުގައި ދެންނެވީމެވެ. "ކަމަނާގެ ބައްޕާފުޅުއަރިހަށް ވަޑައިގަންނަވާށެވެ. ކަމަނާއަށް ޚާދިމާއަކު ދެއްވާތޯ ވިދާޅުވާށެވެ."

فاطمةގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް މީހުންތައް ގިނަކަމުން ބައްދަލެއް ނުކުރެވުނެވެ. ސަލާމާއިޞަލަވާތް ލެއްވި ނަބިއްޔާ ވިދިގެންއައި ދުވަހު އަހުރެމެންގެ ގެއަށް ވަޑައިގެންނެވިއެވެ. ކުރީދުވަހު فاطمةގެފާނު ރަސޫލާގެ އަރިހަށް ވަޑައިގެންނެވީ ކޮންކަމަކާތޯ ސުވާލުކުރެެއްވިއެވެ. فاطمةގެފާނު ޖަވާބެއް ނުދެއްވިއެވެ. އަހުރެން އެކަންވީގޮތުގެ ވާހަކަ ދަންނަވައިފީމެވެ. އަދި ޚާދިމެއް ހޯއްދަވަން ވަޑައިގަންނަވާށޭ ދަންނަވައިފައި އަހުރެން އެކަމަނާ ފޮނުވީ ކަމުގައިވެސް ދެންނެވީމެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ އަހުރެންގެ ވާހަކަ އައްސަވާފައި ޙަދީޘް ކުރެެއްވިއެވެ.

"އޭޭ فاطمة އެވެ. ކަމަނާ ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ކަމަނާގެ ވެރިރަސްކަލާނގެ ފަރްޟުކުރެއްވި ކަންތައްތައް ބަރާބަރަށް އަދާކުރައްވާށެވެ. އަދި ކަމަނާގެ ގޭގެ މީހުންގެ މަސައްކަތް ކުރައްވާށެވެ. އަދި ކަމަނާ އޮށޯވެވަޑައިގަންނަވާހިނދު "سبحان الله" 33 ފަހަރު، الحمد لله 33 ފަހަރު

الله اكبر 34 ފަހަރު ވިދާޅުވާށެވެ. މިތަޞްބީޙައާއި ޙަމްދާއި ތަކްބީރުގެ ޢަދަދަކީ 100 ފަހަރެވެ. މިތަކެތި މިގޮތަށް ވިދާޅުވުމުން ޚާދިމާއަކަށްވުރެން ކަމަނާއަށް މާ ހެޔޮކަން ބޮޑެވެ."

فاطمةގެފާނު އެވާހަކަފުޅު އަޑުއައްސަވާފައި ވިދާޅުވިއެވެ. "މާތް ﷲ އާއި އެކަލާނގެ ރަސޫލާ ދެއްވިދެއްވުމާމެދު އަޅުގަނޑު ރުހިއްޖެއީމެވެ."

ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ދެއްވީ ހަމައެކަނި އެޖަވާބެވެ. فاطمةގެފާނަށް ޚާދިމާއަކު ނުދެއްވިއެވެ.

އިސްލާމްދީނުގެ ނަބިއްޔާއަށް މާތް ﷲ ހާމަކޮށް ދެއްވައިފައިވާ ޙަޤީޤަތަކީ މިދުނިޔެއަކީ ކަލަކު ވޮޑިގެންނުވާ ދުނިޔެއް ނޫންކަމެވެ. މިދުނިޔޭގައި ކަލަކު ވޮޑިގެންވާކަމާއި އެކަލާނގެއީ އެއްކައުވަންތަ ކަލާނގެ ކަމެވެ. އެކަލާނގެއީ މިދުނިޔެ ހެއްދެވި އަދި މިދުނިޔޭގެ ވެރި ރަސްކަލާނގެ ކަމެވެ. އެންމެހައި އިންސާނުންނަކީ އެކަލާނގެ އަޅުންކަމެވެ. އާޚިރަތް ދުވަހު އެކަލާނގެ ޙަޟްރަތުގައި ޖަވާބުދޭން ޖެހޭނެ ބައެއްކަމެވެ. މަރުވުމަށްފަހުވެސް އިންސާނާ ފަނާވެގެން ނުދާކަމެވެ. އަދި ކީއްތޯއެވެ؟ މަރުވުމަކީ އެހެން ދުނިޔެއްގައި މުސްތަޤިއްލު ޙަޔާތެއް ފެށުމަށްޓަކައި އެދުނިޔެއަށް ވަނުންކަމެވެ. ހެޔޮލަފާ މީހުންމަށް އެދުނިޔޭގައި ހުރީ ސުވަރުގޭގެ އަރާމާއި އުފާކަމެވެ. ނުބައިމީހުންނަށް ހުރީ ނަރަކައިގެ އަނދައަނދާހުރި އަލިފާންކަމެވެ.

އަރަހުށި މާތް ﷲ އިތުރު އެކަލޭގެފާނަށް މިންދެންނެވި ޙަޤީޤަތް ހާމަކޮށްދެއްވުމަށްފަހު އެކަލޭގެފާނަށް އަންގަވައިފައިވަނީ އެހެނިހެން އިންސާނުންނަށް އެ ޙަޤީޤަތް އޮޅުންފިލުއްވައި ދެއްވުމަށެވެ.

މައްކާގައި "ޞަފާ" އެވެ. ކިޔުނު ފަރުބަދައެއް ހުރެއެވެ.ވ އެއީ އެޒަމާނުގައި މައްކާގެ ޢާއްމު އިޖްތިމާޢީ އެއްވުންތަކުގައި ޤުދްރަތީ ސްޓޭޖެއްގެ ގޮތުގައި ބޭނުންކުރެވުނު ފަރުބަދައެކެވެ. އިތުރު އެކަލޭގެފާނު ޞަފާއަށް އަރައިވަޑައިގެން މައްކާގެ އަހްލުވެރީންނަށް ގޮވައިލެއްވިއެވެ. މީސްތަކުން އެއްވުމުން އެބައިމީހުންގެ ކުރިމަތީގައި ތަޤްރީރެއް ދެއްވިއެވެ. މާތް ﷲ ގެ މަތިވެރިވަންތަކަން ބަޔާން ކުރެއްވުމަށްފަހު ޙަދީޘް ކުރެއްވިއެވެ.

" ﷲ ގަންދީ ހުވައިކުރަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ނިދާފަދައިން ތިޔަބައިމީހުން މަރުވާނެކަން ޔަޤީނެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ނިދީންހޭލާފަދައިން ތިޔަބައިމީހުން ޤިޔާމަތަށް ފޮނުއްވުމަށްޓަކައި ދިރުއްވޭނެކަން ޔަޤީނެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކުރާ ޢަމަލުތަކާމެދު ހިސާބު ބެއްލެވޭނެކަން ޔަޤީނެވެ. އަދި ހަމަކަށަވަރުން ހެޔޮޢަމަލުކުރާ މީހުންނަށް ހެޔޮޖަޒާ ލިބޭނެކަން ޔަޤީނެވެ. އަދި ނުބައި ޢަމަލުކުރި މީހުންނަށް ނުބައި ޖަޒާ (ޢަޛާބު) ލިބޭނެކަން ޔަޤީނެވެ. އަދި ހަމަކަށަވަރުން އޭގެފަހަށް އޮތީ އަބަދުގެ އަބަދަށް ސުވަރުގޭގެ ނިޢުމަތެވެ. ނުވަތަ އަބަދުގެ އަބަދަށް ނަރަކައިގެ ވޭންދެނިވި ޢަޛާބެވެ" (ޖަމްޙަރާ ޚަޠީބުލް ޢަރަބް)

އެޒަމާނެއްގައި އެހެންމީހުން އުޅެމުންގެންދާ ގޮތާ ޚިލާފަށް މީހަކު އަމިއްލައަށް އާގޮތެއް އިޚްތިޔާރު ކޮށްފިނަމަ އެމީހަކު އަޅާ ކޮންމެ ފިޔަވަޅަކަށްމެ ކުރިމަތިވަމުންދާނީ އުނދަގޫތަކެވެ. ނަމަވެސް އެއުނދަގޫތައް އޭނާއާ ދެކޮޅަށް ބާރުގެ ބޭނުން ކުރެވުން ކަމަކަށެއް ނުހިމެނޭނެއެވެ. އެއުނދަގޫތައް އޭނާގެ ޖަޒްބާތަށް އަސަރުކުރުވާ ކަމަކަށްވިޔަސް އޭނާގެ ހަށިގަނޑު ޒަޚަމް ކުރަމުންނެއް ނުގެންދާނެއެވެ. އެންމެ ބޮޑުވަރަކަށްވެސް އެކަންތައްވާނީ އެމީހެއްގެ ހަނުހުރުމާއި ކެތްތެތިކަމުގެ އިމްތިޙާނެއް ކަމުގައެވެ.

ނަމަވެސް މީހަކު ޒަމާނާ ދެކޮޅަށް ވަކިކަމަކަށް ގޮވައިލާ މީހަކަށްވެގެން ތެދުވެއްޖެނަމަ އެހެން މީހުންގެ ގާތުގައި މިވެނިކަމެއް ނުކުރާށޭ އެވެނިކަމެއް ކުރާށޭ ބުނާން ފަށައިފިނަމަ ކަންތައްތައް ވަމުންދާނީ އިސްވެ ދެންނެވިގޮތާ މުޅީން ތަފާތު ގޮތަކަށެވެ. އިސްލާމްދީނުގެ ނަބިއްޔާއަކީ މާތް ﷲ ގެ މުއުމިން އަޅެއްކަމުގައި ހިމެނިވަޑައިގަތުމުގެ އިތުރަށް މާތް ﷲ ގެ އެންގެވުންތައް އެހެން މީހުންނަށް ރައްދުކޮށް ދެއްވުމުގެ މަސައްކަތްޕުޅުވެސް އެކަލޭގެފާނާ ވަނީ މަތިކުރެވިފައެވެ. އެކަލޭގެފާނުގެ މިދެންނެވި ޙައިޘިއްޔަތުގެ ސަބަބުން ޢަރަބި ޤައުމު އެކަށް އެކަލޭގެފާނާ ދެކޮޅުވިއެވެ. ބަނޑުހައިފުޅުކަމުގެ އުނދަގޫފުޅުން ފެށިގެން ހަނގުރާމައާދޭތެރޭގެ ހުރިހާ އުނދަގޫފުޅުތަކެއް އެބައިމީހުންގެފުށުން އެކަލޭފާނަށް ކުރިމަތި ކުރެވުނެވެ. ނަމަވެސް ފުރިހަމަ ތޭވީސް އަހަރު އެކަލޭގެފާނު ދެމިހުންނެވީ އިންސާފާއި ތަޤްވާވެރިކަމުގެ މަތީގައެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި އިންސާނީ ވަންތަކަމާއި އިންސާނީ ޖަޒްބާތު ނުހުންނާތީއެއް ނޫނެވެ. އަދި ކީއްތޯއެވެ. މާތް ﷲ އާމެދު އެކަލެގެފާނުގެ ހިތްޕުޅުގައިވާ ބިރުފުޅު އެކަލޭގެފާނު ވަކި ދާއިރާއެއްގެ ތެރޭގައި ވަކި އުސޫލުތަކެއްގެމަތީގައި ހުންނަވާނެގޮތް މެދުވެރިކޮށްފައި ވަނީއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން