މަސްޖިދުލް އަޤްސާ
މަސްޖިދުލް އަޤްސާ
ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ބައެއް އަޞްޙާބު ބޭކަލުން ރަސޫލާއަށް ޓަކައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެކަން ފާޅުކުރެއްވުމަށްޓަކާ ބައެއްފަހަރު ރަސޫލާއަށް ވެދުން އަރުއްވައި އުޅުއްވަތެވެ. ކީރިތި ރަސޫލާ މިފަދަ ހަދިޔާ ޤަބޫލުފުޅު ކުރައްވަތެވެ.

އެއްދުވަހަކު މަތިވެތި ޞަޙާބީއެއް ކަމުގައިވާ ޢަބްދު ﷲ ބުނު ޙުޛައިފާ އެކަލޭގެފާނަށް ވެދުމެއްގެ ގޮތުގައި ވަރަށް ރީތި ހެދުންކޮޅެއް އެރުވިއެވެ. މިހެދުންކޮޅަކީ ތަފާތު މަންޒަރާއި ކުރެހުންއަޅައި ޒީނަތްތެރިކޮށްފައިވާ ހެދުންކޮޅެކެވެ. ލޮބުވެތި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް މިހެދުންކޮޅު ޤަބޫލުފުޅު ކުރައްވައި ތުރުކުރެއްވިއެވެ. އަދި އެދުވަހު ނަމާދަށް ވަޑައިގަތީވެސް މިހެދުންކޮޅު ތުރުކުރައްވައިގެންނެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ނަމާދުން ނިމިވަޑައިގެން އަޞްޙާބު ބޭކަލަކަށް އެންގެވީ އެހެދުންކޮޅު ހިއްޕަވައިގެން ޢަބްދު ﷲ ގެ އަރިހަށް ވަޑައިގެން އެހެދުންކޮޅު އަނބުރާ ދެއްވުމަށެވެ. އެކަލޭގެފާނަށްޓަކާ މަންޒަރާއި ކުރެހުން ނުލާ ހެދުންކޮޅެއް ބައްލަވައިގަތުމަށެވެ. އެހިނދު އެކަލޭގެފާނު މިކަމުގެ ސަބަބުވެސް ހާމަކުރެއްވިއެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރެއްވިއެވެ. "މިހެދުންކޮޅުގައި ހުރި ކުރެހުންތަކަށް ތިމަން ރަސޫލާ އަށް ބެއްލެވެނީއެވެ. ނަމާދުގައި ހުންނަވައިގެން ތިމަންރަސޫލާ ނަމާދުން ޣާފިލުވެ ވަޑައިގަންނަވާފާނެ ކަމަކާ މަޝްޣޫލު ވެވިދާނެތީ ތިމަންކަލޭގެފާނު ޖެހިލުންވެ ވަޑައިގަންނަވަނީއެވެ. (ބުޚާރީ)

އިރުޝާދު:

1. ތިމާގެ ޚުޝޫޢުވެރިކަން ގެއްލިދާފަދަ ކުރެހުންތައް ހުރި ހެދުމެއް ލައިގެން ނަމާދުކުރުން ހުއްދަ ވެގެންވެއެވެ. ނަމަވެސް މޮޅުގޮތަކީ އެފަދަ ހެދުމެއް ލައިގެން ނަމާދަށް ނައުމެވެ.

2. ދޫންޏެއް، ނުވަތަ ޖަނަވާރެއްފަދަ ފުރާނަލީ އެއްޗެއްގެ ފޮޓޯހުރި ހެދުމެއް ލައިގެންހުރެ ނަމާދު ކުރުމީ މަކްރޫހަކަމެއް ކަމުގައި ޢިލްމުވެރީން ވިދާޅުވެފައިވެއެވެ. އަދި ނަމާދު ކުރާތަނުގައިވެސް މިފަދަ ކުރެހުންތަކާއި ތަސްވީރުތައް ބެހެއްޓުން މަކްރޫހަ ވެގެންވެއެވެ.

*********

* މިލިޔުމަކީ، ލޮބުވެތި ރަސޫލާގެ ޙަދީޘްފުޅުގެ ޢަލީގައި ނަމާދާއިގުޅޭގޮތުން އައްޝައިޚް ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން