ޞާދިރު ޢަލީދީދީ   3 އޭޕްރީލު 2023 - 13:29
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

.

އިސްލާމްދީނުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގައިވަނީ މަތިވެރި ކާމިޔާބުތަކެއް ލިބިވަޑައިގެންފައެވެ. ޢަރަބިކަރައިން ފެށިގެން ފަލަސްޠީނާ ދެމެދުގައިވާ ސަރަޙައްދުގެ ވެރިކަން އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. މީގެ އިތުރަށް އެކަލޭގެފާނަކީ މާތް ﷲ ގެ ރަސޫލާ ކަމުގައި ވުމާއެކު އެކަލޭގެފާނުގެ ބަސްފުޅަށް ލިބިފައިވަނީ ޤާނޫނުގެ ދަރަޖައެވެ. އެކަލޭގެފާނު ހުންނެވީ އެހާތަނަށް އެއްވެސް ބަޔަކު އިންސާނަކަށް ޤަދަރުކޮށް ކަމޭނުހިތާވަރަށް އެކަލޭގެފާނަށް ކަމޭހިތާ ބައެއްގެ ތެރޭގައެވެ. ޙުދައިބިއްޔާގައި މުޝްރިކުންނާ ދެމެދު ވާހަކަ ދެކެވެމުން ދިޔައިރު عروة بن مسعود ޤުރައިޝުންގެ ސަފީރެއްގެ ޙައިޘިއްޔަތުން މުސްލިމުންގެތެރެއަށް ވަޑައިގެން އުޅުއްވިއެވެ.

މާތް ރަސޫލާ ވުޟޫކުރައްވާއިރު ހަށިކޮޅުން އޮހޭ ފެން ބިމަށް ފޭބުމުގެ ކުރީގައި އެފެން އަތަށްއަޅައި ބަރަކާތްތެރި ކަމެއްގެ ގޮތުން ގައިގައި އުނގުޅާން މީހުންތައް އުޅުނުގޮތް ފެނިވަޑައިގެންފައި عروة ވަރަށް ބޮޑަށް ޙައިރާންފުޅުވިއެވެ.

أنس رضى الله عنه ވިދާޅުވިއެވެ. "އިންތިހާ ދަރަޖައަށް ލޯބިވުމާއެކުވެސް އަޅުގަނޑުމެންނަކަށް އެކަލޭގެފާނާ ދިމާޔަށް ރަނގަޅަށް ބަލައިލާކަށް ނުކެރެއެވެ." مغيرة رضى الله عنه ވިދާޅުވިއެވެ. "އެއްވެސް ޞަޙާބީއަކު އެކަލޭގެފާނުގެ ގެކޮޅުގެ ދޮރުކުގައި ޓަކިޖައްސަވަން ބޭނުންފުޅުވެ ވަޑައިގެންފިނަމަ ޓަކިޖައްސަވަނީ ނިޔަފަތިޕުޅުންނެވެ." މިފަދައިންނެވެ.

جابر بن سمرة رضى الله عنه ވިދާޅުވިއެވެ. "އެއްރެޔަކު މާތް ރަސޫލާ ރަތްކުލައިގެ ސާލުކޮޅެއް ތުރުކުރައްވައުގެން ހަނދުވަރުމަތީގައި އަވަހާރަފުޅަށް އޮންނެވިއެވެ. އަޅުގަނޑު އެއްފަހަރު ހަނދާދިމާޔަށް އަނެއްފަހަރު މާތް ރަސޫލާއާ ދިމާއަށް ބަލަން އިނީމެވެ. އެންމެފަހުން އަޅުގަނޑަށް ޤަބޫލު ކުރެވުނީ ހަނދަށްވުރެ އެކަލޭގެފާނު މާރީތިފުޅުކަމުގައެވެ."

ޙުނައިނު ހަނގުރާމަ ފެށުމާއެކު އެންމެ ފުރަތަމަ އިސްލާމީ ލަޝްކަރަށް ކުރިމަތިވީ ނާކާމިޔާބެވެ. ދުޝްމިނުންގެ ލަޝްކަރުން ރަސޫލާގެ ގައިކޮޅަށް ދުނީގެ ވާރޭ ވެއްސަން ފެށިއެވެ. އެވަގުތު އެކަލޭގެފާނުގެ އެކުވެރީން އެކަލޭގެފާނު ވަށައިލިއެވެ. ހުރިހާ ތީރުތައް އެބޭކަލުންގެ އަތްޕުޅުތަކުންނާއި ހަށިކޮޅުތަކުން މަތަކުރައްވަމުން ގެންދެވިއެވެ. އޭރު އެބޭކަލުންނަކީ ލަކުޑިތައް ކަހަލައެވެ. އިންސާނުން ނޫން ކަހަލައެވެ. އޭގެތެރެއިން ބައެއްބޭކަލުންގެ ހަށިކޮޅަށް ދުނިތައް ހެރިފައިހުރިވަރުން ހީވަނީ ހަށިކޮޅުން ކަށި ފަޅައިފައި ހުރިހެންނެވެ.

މިދަރަޖައަށް ބައެއްގެ ތެރޭގައި މަތީ ދަރަޖައާއި އިޙްތިރާމް ލިބުމީ މީހުންގެ މިޒާޖު ނުބައިވެ ތިމާއަށް ތިމާ އޮޅޭ ކަމެކެވެ. ތިމާއީ އަނެކުންނަވުރެ މަތިވެރި މީހެއްކަމަށް ހިތަށް ވަންނަ ކަމެކެވެ. ނަމަވެސް މާތް ރަސޫލާ މީސްތަކުންގެ ތެރޭގައި އުޅުއްވަމުން ގެންދެވީ އެހެންވެންވެސް އާއްމުއިންސާނުންނެކޭ އެއްފަދައިންނެވެ. އެކަލޭގެފާނާމެދު އަދަބުކުޑަ ގޮތެއްގައި ފާޑުކިޔުމަކުން ނުވަތަ ބޭއަދަބީ ކަމެއް ކުރުމަކުން ކޯފާއިހެއް ނުކުރައްވައެވެ. "ޞަޙީޙައިނި" ގައި أنس رضى الله عنه ރިވާކުރެއްވިއެވެ. އެއްދުވަހަކު ރަށްފުށުގެ މީހަކު އަތުވެއްޖެއެވެ. އޭނާ މާތް ރަސޫލާގެ ކޮނޑުފުމަތީގައި އޮތް ސާލުކޮޅު ދަމައިގަތްލެއް ބާރުކަމުން ކަނދުރާފުޅުން ވަރުނަގާ ގޮތްވިއެވެ.

ސާލުކޮޅު ދަމައިގެންފައި އޭނާ ދެންނެވިއެވެ. "އޭ މުޙަންމަދެވެ! އަޅުގަނޑުގެ މިއޮތް ދެޖަމަލަށް އެރުވޭވަރަށް އަޅުގަނޑަށް ތަކެތި ދެއްވާށެވެ! އެހެނީ ކަލޭގެފާނުގެ އަތްޕުޅު ތިޔަހަރަ މުދަލަކީ ކަލޭގެފާނުގެ މުދަލެއް ނޫނެވެ. އަދި ކަލޭފެފާނުގެ ބައްޕާފުޅުގެ މުދަލެއްވެސް ނުމެނޫންމެއެވެ."

މާތް ރަސޫލާ، މުޙައްމަދު اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެެއްވިއެވެ. "މުދަލަކީ މާތް ﷲ ގެ މުދަލެވެ. އަހުރެންނަކީ އެކަލާނގެ އަޅަކީމެވެ." ދެން އެރަށްފުށުމީހާއާ ސުވާލުކުރެވުނެވެ. "ކަލޭ އަހުރެންނާމެދު ކަންތައް ތިޔަކުރިގޮތާމެދު ބިރެއް ނުގަނޭހެއްޔެވެ؟ އޭނާ ދެންނެވިއެވެ. "އާދޭހެވެ." އިތުރު އެކަލޭގެފާނު އޭނާ އަނެއްކާވެސް ސުވާލުކުރެެއްވިއެވެ. "އެއީ ކީއްވެގެން ހެއްޔެވެ؟" އޭނާ ދެންނެވިއެވެ. "ކަލޭގެފާނަކީ ނުބައިކަމެއްގެ ބަދަލުގައި ނުބައިކަމެއް ކުރައްވާ ބޭކަލެއް ނޫންކަން އަޅުގަނޑު ދަންނަމެވެ." އިތުރު އެކަލޭގެފާނު އޭނާގެ ވާހަކަޔާމެދު ހިނިވަރުނަ ކުރެއްވިޔެވެ. އަދި އެ ރަށްފުށު މީހާއަށް ޖަމަލަކަށް އެރުވޭހާ ގޮދަނާއި ޖަމަލަކަށް އެރުވޭހާ ކަދުރުދިނުމަށް އަމުރުކުރެއްވިއެވެ.

އިތުރު އެކަލޭގެފާނު މާތް ﷲ އަށް ބިރުވެތިވެ ވަޑައިގަންނަވާވަރުން އެކަލޭގެފާނު އަބަދުވެސް ހިމެނިވަޑައިގެންފައިވަނީ އެކަލާނގެ ކިބަފުޅަށް އަޅުދާސްވެ ވަޑައިގަތުމާއި އަޅުވެތިވެ ވަޑައިގަތުމުގެ ތަޞްވީރެއް ކަމުގައެވެ. ވާހަކަފުޅު ދައްކަވަނީ ވަރަށް މަދުންނެވެ. ހިންގަވައި އުޅުއްވަނީ އިސްދަށަށް ޖައްސަވައިގެންނެވެ. އެކަލޭގެފާނަށް މީހަކު ފާޑުކިޔަސް އެކަމަކާ ކޯފާއިހެއް ނުކުރައްވައެވެ. ހެދުންކޮޅު ތުރުކުރައްވާނަމަ ޙަދީޘްކުރައްވައެވެ. "އަހުރެންނަކީ މާތް ﷲ ގެ އަޅަކީމެވެ. އަހުރެން ހެދުންލަނީ އަޅުން ހެދުންލާ ފަދައިންނެވެ." ފަރިއްކުޅުއްވާނަމަ ފަރީއްކުޅުއްވަނީ އަދަބުވެރިކަމާއެކު އިށީންދެވަޑައިގެން އިންނަވައެވެ. އަދި ޙަދީޘް ކުރަވައެވެ. "އަހުރެން ކަނީ އަޅުތަކުން ކާ ބީދައިންނެވެ."

މިކަމުގައި އަޅުވެތިވެވަޑައިގަތުމުގައި އެކަލޭގެފާނުގެ އިޙްސާސްތައް ހުންނަނީ ވަރަށް ނާޒުކު ގޮތެއްގައެވެ. އެއްފަހަރަކު ޞަޙާބީއަކު އެކަލޭގެފާނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. " މާތް ﷲ އެދި ވޮޑިގެންވާ ގޮތެވެ. އަދި ކަލޭގެފާނު އެދިވަޑައިގަންނަވާ ގޮތެވެ." އެއަޑުފުޅު އިވިވަޑައިގަތުމާއެކު ކޯފާއިސްވެ މޫނުފުޅުގެ ކުލަކޮޅު ބަދަލުވެއްޖެއެވެ. ކޯފާގެ ރާގުގައި ޙަދީޘް ކުރެއްވިއެވެ. "ކަލޭގެ މާތް ﷲ އާއި އަހުރެންނާ އެއްވަރު ކުރީ ހެއްޔެވެ؟ ކަލޭގެ ބުނަންޖެހޭނީ "އަރަހުށި އެއްކައުވަންތަ މާތް ﷲ ރުހިވޮޑިގެންވާ ގޮތެވެ." މިހެންނެވެ.

ހަމައެފަދައިން އެއްފަހަރަކު ޞަޙާބީންކުރެން ބޭކަލަކު ތަޤްރީރެއް ކުރައްވަމުން ވިދާޅުވިއެވެ. " ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަން ވެއްޖެމީހާ ތެދުމަގު ލިބިގެންފިއެވެ. އެދެފަރާތަށް ނުކިޔަމަންތެރިވެ ވެއްޖެމިހާ މަގުފުރެދިއްޖެއެވެ."

މިއަޑު އައްސަވާފައި އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "ކަލެއަކީ ޤައުމުގެ އެންމެ ނުބައި ވާހަކަ ދެއްކުންތެރިޔާއެވެ." ވާހަކަ ދެއްކެވި ޞަޙާބީ މާތް ﷲ އާއި އިތުރު އެކަލޭގެފާނު އެއްލަފުޒެއްގައި ޖަމާކުރައްވައި "އެދެފަރާތަށޭ" ވިދާޅުވުމުން އިތުރު އެކަލޭގެފާނު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތީއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން