މުސްލިމުންގެ ބަޔަކު މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރަނީ: ނަމާދުގައި ސަފުތައް ސީދާކުރަންވާނީ އެކެއް އަނެކެއްގެ ކޮނޑާއި ކޮނޑު ފައިތިލައާއި ފައިތިލަ ޖައްސައިގެންނެވެ.
މުސްލިމުންގެ ބަޔަކު މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރަނީ: ނަމާދުގައި ސަފުތައް ސީދާކުރަންވާނީ އެކެއް އަނެކެއްގެ ކޮނޑާއި ކޮނޑު ފައިތިލައާއި ފައިތިލަ ޖައްސައިގެންނެވެ.
ޢަބްދު ﷲ ބުނި އުއްމު މަކްޠޫމު ކިޔުނު ޞަޙާބީ ބޭކަލެކެވެ. މި ޞަޙާބީއަށް ޢަމްރު ބުނި ޤައިސް އޭވެސް ކިޔެއެވެ. މިއީ ލޯފަން ބޭކަލެކެވެ. އެއްފަހަރެއްގައި މިކަލޭގެފާނު، ލޮބުވެތި ރަސޫލާ، މުޙަންމަދު ޞައްލަ ﷲ ޢަލައިވަސައްލަމްގެ އަރިއަހަށް ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. މަދީނާއަކީ ކަށިލާ ސޫފިތަކާއި މިނިކާ ޖަނަވާރު ގިނަ ތަނެކެވެ. އަދި އަޅުގަނޑު ގޮވައިގެން މިސްކިތަށް އަންނާނެ މީހަކުވެސް ނެތެވެ. އަޅުގަނޑަށް ގޭގައި (ފަރްޟު) ނަމާދު ކޮށްލުމަށް އިޒުނަފުޅު ދެއްވަފާނަންތޯއެވެ.

ޢަބްދު ﷲ ގެފާނުގެ މިވާހަކަތައް އައްސަވާފައި ކީރިތި ރަސޫލާ، މުޙަންމަދު ޞައްލަ ﷲ ޢަލައިވަސައްލަމް އިރުކޮޅެއްފަހުން ޢަބްދު ﷲ ގެފާނަށް ގޮވާލައްވައި އެކަލޭގެފާނުގެ އަރިހަށް ވަޑައިގަތުމަށް އެންގެވިއެވެ. އަދި ޢަބްދު ﷲ ގެފާނުގެ އަރިހުން ގޭގައި ހުންނަވާއިރު ބަންގީގެ އަޑު އިވޭތޯ އެއްސެވިއެވެ. ޢަބްދު ﷲ އާދޭހޭ ދެންނެވުމުން ރަސޫލު ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްކުރެއްވިއެވެ. އެހެން ކަމަށްވާނަމަ، ބަނގިއަށް އިޖާބަދީގެން މިސްކިތަށް އަންނާށެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. "މަލާއިކަތުން ﷲ ގެ ޙަޟްރަތުގައި ސަފުހައްދަވާ ފަދައިން ތިޔަބައިމީހުން ނަމާދުގައި ސަފުހަދާށެވެ." ޢަޞްޙާބު ބޭކަލުން ދެންނެވިއެވެ. މަލާއިކަތް ބޭކަލުން ސަފުހައްދަވަނީ ކިހިނަކުންތޯއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. "އެބޭކަލުން ކުރީ ސަފު ފުރިހަމަ ކުރައްވަތެވެ. ދެން އަނެއް ސަފު ހައްދަވަތެވެ. އަދި ކޮންމެ ސަފެއްވެސް ސީދާކުރައްވައި ގާތްގާތުގައި ތިއްބަވަތެވެ." (މުސްލިމް)

މާތް ﷲ ރުއްސުންލެއްވެވި އަބޫ ސަޢީދުލް ޚުދުރީގެ ކިބައިން އިމާމް މުސްލިމްގެ ރިވާއެއްގައި ވެއެވެ. އެއްފަހަރެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އަށް ބައެއް އަޞްޙާބު ބޭކަލުން ފަހަތުގައި ތިއްބެވިތަން ފެނިވަޑައިގަތެވެ. އެވަގުތު ފުރަތަމަ ސަފު އޮތީ ފުރިހަމަ ނުކުރެވިއެވެ. އެހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރިއަށް ޖެހޭށެވެ. ފަހެ ތިމަންކަލޭގެފާނާއި ގާތު ސަފު، އެބަހީ ފުރަތަމަ ސަފު ފުރިހަމަކުރާށެވެ. އެއަށް ފަހު އެއްސަފަށްފަހު އަނެއް ސަފެެއް ފުރިހަމަ ކުރަމުންދާށެވެ. މީސްތަކުން ފަހަތަށް ޖެހުމުން ދާވަރަކަށް މާތް ﷲ އެބައިމީހުން ފަހަތަށް ޖައްސަވާނެއެވެ. އެބަހީ އެކަލާނގެ ރަހްމަތުން ދުރުކުރައްވާނެތެވެ."

ޙަޟްރަތު އަނަސް ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ސަފުތައް ސީދާކުރާށެވެ. ކައިރިކައިރީގައި ތިބޭށެވެ. ހުސްތަންތަން ފުރާށެވެ. ތިމަންކަލޭގެފާނަށް ފަހަށްޕުޅުން ތިޔަބައިމީހުން ފެނިވަޑައި ގަންނަވައެވެ." އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. ސަފު ހެދުމުގައި ތިމަންމެން އެކަކު އަނެކެއްގެ ކޮނޑާއި ކޮނޑު ފައިތިލައާއި ފައިތިލަ ޖައްސާލައިގެން ސަފު ސީދާ ކުރަމެވެ. (ބުޚާރީ، އަބޫދާއޫދު)

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އަދިވެސް އިތުރަށް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ސަފުތައް ގުޚުވާށެވެ. އަދި އެސަފުތައް ކައިރިކުރާށެވެ. ކޮނޑުތައް އެއްވަރުކޮށް ހަމަހަމަކުރާށެވެ." (މާލިކް، އަޙްމަދު، ނަސާއީ، އާބޫދާއޫދު)

އިރުޝާދު:

1. ލޮބުވެތި ރަސޫލާ، މުޙަންމަދު ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "ކަޅު އަނދިރީގައި މިސްކިތަށް ހިނގާފައި އަންނަމީހުންނަށް ޤިޔާމަތް ދުވަހުގައި ހުރި އަލިގަދަ ނޫރުގެ އުފާވެރިކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ހުއްޓެވެ. (އަބޫ ދާއޫދު- ތިރްމިޛީ)

2. ރަސޫލާ، މުޙަންމަދު ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އެކަހެރިވެ ކުރާނަމާދަށްވުރެން ޖަމާޢަތުގައި ކުރެވޭ ނަމާދުގެ ސަވާބު ހަތާވީސް ގުނަ އިތުރުވެގެން ވެއެވެ. (ބުޚާރީ - މުސްލިމް)

3. ނަމާދަށް ކޮޅަށްހުރުން ފަދަ ފަޜްޟެއް އެޅުން ހުއްދަވެގެންވަނީ ޢުޒުރެއް ދިމާވެއްޖެ މީހަކަށެވެ. އެފަދަ މީހަކަށް ކޮޅަށް ހުރުމުގެ ބަދަލުގައި އިށީނދެ އިނުމަކުން ސަވާބުގެގޮތުން އުންޏެއް ނުވާނެއެވެ. ކޮޅަށް ހުރި މީހާއެކޭ އެއްފަދައިން އިށީނދެ އިން މީހާއަށްވެސް ސަވާބު ލިބޭނެއެވެ.

4. ޢުޒުރަކާނުލައިވެސް ސުއްނަތް ނަމާދު އިނށީދެ އިނދެކުރުމަކީ ހުއްދަކަމެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ގެ އަރިހުންވެސް މިކަން މިގޮތަށް ސާބިތުވެފައިއެވެ.

5. ކޮޅަށް ހުރުމަށް ކުޅަދާނަ ވެގެންވާ މީހާ، އިނށީނދެ އިނދެ ސުއްނަތް ނަމާދު ކުރާނަމަ ސަވާބުގެ ގޮތުން އޭނާ އަށް ހުރީ ކޮޅަށް ހުރެ ކުރާ ނަމާދުގެ ދެބައިކުޅަ އެއްބައެވެ.

6. ޢުޒުރަކާއި ނުލައި ނަމާދު އެޅުމަކީ ބޮޑުފާފައިގެ ތެރޭގައި ހިމެނޭކަމެކެވެ. ނަމާދު އަޅައިފުމަށް އޮންނަނީ ދެޢުޒުރެކެވެ. އެއީ ނިދުމާއި ހަނދާންނެތި ވުމެވެ. މިގޮތުން ނަމާދު އެޅުމުގައި ހޭނުލެވުމާއި ހަނދާން ނެތިވުމަކީ ދީނުގައި ޤަބޫލުކުރެވޭ ދެޢުޒުރެވެ. އެކަމުގައި ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް އިރުއަރަންދެން ހޭނުލައި އޮތުމަކީ ނުވަތަ އެކަމަށް އާދަކުރުމަކީ ޢުޒުރެއް ނޫނެވެ. މިހެން ދިމާވާންޖެހެނީ ޝައިޠާނާ އޭނާގެ މައްޗަށް ވެރިވެގަންނާތީއެވެ.

އެއްފަހަރެއްގައި މީހަކު ރޭގަނޑު ނިދާފައި އޮތްވާ (ހޭނުލެވި) ހެނދުނުވީ ވާހަކަ ދެންނެވުމުން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކަންފަތަށް ޝައިޠާނާ ކުޑަހާޖަތް ކުރީއެވެ." (ބުޚާރީ - މުސްލިމް)

******

* މިލިޔުމަކީ އައްޝައިހް ހުސައިން ރަޝީދު އަހުމަދު ނެރުއްވާފައިވާ "ނަމާދުގެ ވާހަކަތައް" މިފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން