ޞާދިރު ޢަލީދީދީ   1 އޭޕްރީލު 2023 - 16:36
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ
(ކުރީގެ އަދާދާގުޅޭ)

.

މާތް ރަސޫލާގެ ދަރިކަލުން ابراهيم ގެފާނު އަވަހާރަވީ ދުވަހު އިއްތިފާޤުން އިރުކޭތަ ހިފިއެވެ. އިހުޒަމާނުގެ މީހުން ޤަބޫލުކުރާ ގޮތުގައި ހިރުކޭތައާއި ހަނދުކޭތަ ހިފަނީ ކޮންމެވެސް ބޮޑު މީހަކު މަރުވުމުންނެވެ. މިގޮތުން އެދުވަހު އިރުކޭތަ ހިފީ މާތް ރަސޫލާގެ ދަރިކަލުން އަވަހާރަވުމުގެ ސަބަބުން ކަމަށް މަދީނާގެ މުސްލިމުން ވާހަކަ ދައްކަން ފެށިއެވެ. މާތް ރަސޫލާ ވަރަށް ބޮޑަށް އެކަމާ ހިތްޕުޅާ ނުވާގޮތްވިއެވެ. އިންސާނުންގެ ނުކުޅެދޭ ޙައިޘިއްޔަތާ ޚިލާފުކަމަކަށް އެކަންތައް ވާތީއެވެ. އެހެންކަމުން މާތް ރަސޫލާ މުސްލިމުން އެއްކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

"ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން އެއްވެސް މީހަކު މަރުވުމުގެ ސަބަބަކުން އިރާއި ހަނދަކު ކޭތައެއް ނުހިފައެވެ. އަދި ކީއްހެއްޔެވެ؟ އިރާއި ހަނދަކީ ﷲ ގެ އެއްކައުވަންތަކަމަށް ހެކިދޭ އާޔަތްތަކުގެ ތެރެއިންވާ ދެ އާޔަތެވެ. ފަހެ އިރާއި ހަނދުގައި ކޭތަހިފާތަން ފެނިއްޖެނަމަ ތިޔަބައިމީހުން ކޭތަ ނަމާދު ކުރާށެވެ.

މާތް ރަސޫލާގެ ޙަޔާތްޕުޅާބެހޭ ޙާދިޘާއެއް ތާރީޚުގައި އަންނަނިވި ފަދައިން ބަޔާންކުރެވިފައިވެއެވެ.

އެއް ރިވާޔަތެއްގައިވެއެވެ. ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ދަތުރުފުޅެއްގައި، އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ބަކަރިއެއް ކަތިލައި ކެއްކުމަށް އަމުރު ކުރެެއްވިއެވެ. ދެންފަހެ އެއްބޭކަލަކު ވިދާޅުވިއެވެ. އޭ ﷲ ގެރަސޫލާއެވެ. ތިމަންނާ އެބަކަރި ކަތިލާނަމެވެ. އަނެއް ބޭކަލަކު ވިދާޅުވިއެވެ. ތިމަންނާ އެއެތި ނޮޅާނަމެވެ. އަނެއް ބޭކަލަކު ވިދާޅުވިއެވެ. ތިމަންނާ އޭތި ކައްކާނަމެވެ. ފަހެ ރަސޫލާ ވިދާޅުވިއެވެ. ތިމަންނާއަށް އޮތީ ދަރުހޮވުމެވެ. ދެންފަހެ އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނާއި ނުޖައްސައި ތިމަންމެން ހުރިހާކަމެއް ކުރާނޫއެވެ. އިތުރު އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. އަހުރެންނާ ނުޖައްސައި ހުރިހާ ކަމެއް ތިޔަބޭކަލުން ކުރައްވާނޭކަން، އަހުރެން ދެނަހުރީމެވެ. ނަމަވެސް ތިޔަބޭކަލުންގެ މައްޗަށް، ވަކި އިމްތިޔާޒެއް މިމަޤާމުގައި ލިބިގަނެގެން ހުރުމަކީ އަހުރެެން ރުހޭކަމެއް ނޫނެވެ. އެހެނީ ހަމަކަށަވަރުން ހުސްޠާހިރުވަންތަ މާތް ﷲ އެކަލާނގެ އަޅާ، އޭނާގެ އެކުވެރީންގެ މެދުގައި ވަކި އިމްތިޔާޒެއް ލިބި ބޮޑާވެގެން ހުރުމަކަށް ރުހިވޮޑިއެއްނުގަންނަވައެވެ."

އެކަލޭގެފާނު މާތް ﷲ އަށް އަޅުވެތިވެ ވަޑައިގަންނަވާ މިންވަރު އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުންވެސް ސާބިތުވެއެވެ.

ﷲ ގަންދީ ހުވައިކުރަމެވެ. އަހަންނަކަށް ނޭނގެއެވެ. (ނަމަވެސް) އަހަންނަކީ ﷲ ގެ ރަސޫލާއެވެ. (މިހެން މިކަންތައް އޮތުމާއެކުވެސް) އަހުރެންނާމެދު ކަންތައްވާނީ ކިހިނެއްހެއްޔެވެ؟ (އެނގިވަޑައެއް ނުގަންނަވައެވެ.) އަދި ތިޔަބޭކަލުންނާމެދު ކަންތައްތައްވާނެ ގޮތެއްވެސް ނޭނގެއެވެ. (ބުޚާރީ)

أبوذر الغفاري رضى الله عنه ވިދާޅުވިއެވެ. އެއްދުވަހަކު އަހުރެން މުސްލިމު ޞަޙާބީއެއްގެ އަރިހުގައި އިށީންދެއިނީމެވެ. އެއީ ކަޅުނަޞްލުގެ ބޭކަލެކެވެ. ކޮންމެވެސް ކަމަކު އަހުރެން އެބޭކަލާއާ މުޚާޠަބުކުރިއިރު އަހުރެންނަށް އޭ ކަޅުމީހާގެ ދަރިޔާއޭ ބުނެވިއްޖެއެވެ. މާތް ރަސޫލާއަށް އެއަޑު އިވިވަޑައިގަތުމުން އެކަމާ ވަރަށް ބޮޑަށް ނުރުހުންވެވަޑައިގަތެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ނާޅި މިނާއެތި ރަނގަޅަށް ފުރާށެވެ. ނާޅި މިނާއެތި ރަނގަޅަށް ފުރާށެވެ." އާދެ، އެންމެންނަށް އެއްނާޅިއަކުން މިނެދޭށެވެ. އެކަކަށް ރީތިބަހުން މުޚާޠަބުކޮށްފައި އަނެކަކާ ހުތުރުބަހުން މުޚާޠަބު ނުކުރާށެވެ. އެއްއިންސާނަކާއި އަނެއް އިންސާނަކާ ތަފާތު ނުކުރާށެވެ. އޭގެފަހުގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެއްވެސް ދޮންމީހަކަށް ކަޅުމީހެއްގެ މައްޗަށް މާތްކަމެއް ލިބިގެންނެއް ނުވެއެވެ."

މާތް ރަސޫލާގެ މިބަސްފުޅުން أبوذر ގެފާނަށް ކުއްލިއަކަށް އެކަލޭގެފާނަށް ކުރެއްވުނު ކުށް އިޙްސާސް ކުރެވިއްޖެއެވެ. އެވަގުތު އެކަލޭގެފާނު ބިރުފުޅުގެންނެވިލެއް ބޮޑުކަމުން ބިންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ. އަދި އެއްކަލަ ޞަޙާބީ މީހާއަށް ވިދާޅުވިއެވެ. "ތެދުވެވަޑައިގެން އަޅުގަނޑުގެ މޫނުމައްޗަށް ފައިންޕުޅު އަރުއްވައި ޗިސްކޮށްލައްވާށެވެ."

އެފަދަ އެހެން ޙާދިޘާއެކެވެ. މާތް ރަސޫލާއަށް މުއްސަނދި މުސްލިމަކު އޭނާގެ ގާތުގައި އިން ފަޤީރު މުސްލިމެއްގެ ކިބައިން ސަލާމަތްވާން އުޅޭތަން އެއްދުވަހަކު ފެނިވަޑައިގަތެވެ. މުއްސަނދި މީހާ އޭނާގެ ފޭރާންވެސް ގަޔާ ކައިރިއަށް ބޮނޑިކުރަމުން ގެންދިޔައެވެ. އެވަގުތު މާތް ރަސޫލާ އެ މުއްސަނދި މީހާއާ މުޚާޠަބުކުރައްވައި ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ފަޤީރުކަން ކަލޭގެ ގަޔަށް އަރާފާނެތީ ބިރުގަތީ ހެއްޔެވެ؟ "

މަދީނާގައި ޤަވާޢިދުން އިސްލާމީ ދަޢުލަތެއް ޤާއިމުވިފަހުން ހިނގައިފައިވާ ޙާދިޘާއެކެވެ. މާތް ރަސޫލާއަކީ އެދަޢުލަތުގެ އެންމެ އިސް މަސްޢޫލުވެރިޔާއެވެ. އެދުވަސްވަރު އެއްފަހަރަކު އެކަލޭގެފާނަށް ޔަހޫދީއެއްގެ އަތުން ދަރަންޏަށް އެއްޗެއް ހޯއްދަވަން ޖެހިވަޑައިގަތެވެ. އެދަރަނި އަދާކުރެއްވުމަށް އެއްބަސްވެވިފައިވާ ދުވަހުގެ ތިން ދުވަސް ކުރީން އޭނާ ދަރަނި ލިބިގަތުމަށް ހިނގައްޖެއެވެ. އޭނާ ގޮސް މާތް ރަސޫލާގެ ކޮނޑުފުޅުމަތީގައި ރިދާކޮޅު ނެގުމަށްފަހު ގަމީސްކުގައި ހިފަހައްޓައިގެން ވަރަށް ބާރަށް ބުންޏެވެ. "އަހުރެންގެ ދަރަނި އަދާކުރާށެވެ." މިހެން ބުނެފައި އަނެއްކާވެސް ބުންޏެވެ.

"عبدالمطلب ގެ ދަރީންނަކީ ދަރަންޏަށް އެއްޗެއް ނަގައިފިނަމަ އެ އަދާކުރާ ބައެއްނޫނެވެ." މިޙާދިޘާ ހިނގައިދިޔަ ވަގުތު ލޮބުވެތި ރަސޫލާގެ އަރިހުގައި عمر رضى الله عنه އިންނެވިއެވެ. ޔަހޫދީ ކަލޭގެ ގޮތްކުޑަކަމާމެދު عمر ގެފާނު ވަރަށް ބޮޑަށް ކޯފާއިސްވިއެވެ. އެކަލޭގެއަށް ވަރަށް ބޮޑަށް އެއްޗެހި ވިދާޅުވިއެވެ. އަދި އޭނާގެ ގައިގައި ތަޅުއްވައިގެންފާނެހެން ހީވާ ހިސާބަށް ދިޔައެވެ. ނަމަވެސް رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހިނިފުޅުވަޑުވައިލެއްވީއެވެ. ޔަހޫދީ ކަލޭގެއަށް ވިދާޅުވީ އެންމެ ބަސްފުޅެކެވެ. "އެއްބަސްވެފައިވާ މުއްދަތު ހަމަވާން އަދި ތިންދުވަސް އެބައޮތެވެ." އެއަށްފަހު عمرގެފާނަށް ރަސޫލާ ވިދާޅުވިއެވެ.

"އޭ عمرގެފާނެވެ! އަހުރެންނާއި މިޔަހޫދީ ކެލޭގެއާ މިތިބީ ކަލޭގެފާނުގެ ފަރާތްޕުޅުން، މިނޫން އެހެންކަމަކަށް މާބޮޑަށް ބޭނުންވެފައެވެ. ކަލޭގެފާނު، އަހުރެންނަށް އެ ދަރަނި ރަނގަޅު ގޮތުގައި އަވަހަށް އަދާކުރުމަށް ވިދާޅުވާނީއެވެ. އަދި މިޔަހޫދީ ކަލޭގެއަށް، ރީތި ގޮތުގައި އެދަރަނި ހޯދަން މަސައްކަތް ކުރާން ވިދާޅުވާނީއެވެ." (ރަވާހު އަލްބައިހަޤީ)

އެއަށްފަހު އަނެއްކާވެސް عمرގެފާނަށް ކީރިތި ރަސޫލާ ޙަދިޘްކުރެއްވިއެވެ. "ވަޑައިގަންނަވާށެވެ. އެވެނި މީހެއްގެ އަތުން ކަދުރު ހޯއްދަވައިގެން މީނާގެ ދަރަނި އަދާކުރައްވާށެވެ. ވިހި ޞާޢު (ގާތްގަޑަނކަށް 40 ކިލޯ) އިތުރަށް ދެއްވާށެވެ. އެހެނީ ކަލޭގެފާނު އޭނާ ރުޅިއަރުވާލައްވައިފީމުއެވެ." މިފަދައިންނެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން