ޑރ. މުޙައްމަދު އިޔާޒް   25 މާރިޗު 2023 - 17:31
ރޯދައިގެ އާޔަތުގައި ބަޔާންވެގެންވާ ފިދްޔާ ގެ މިންވަރަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

ރަމަޟާން މަސް އެމީހަކާ ބައްދަލުކޮށް، ޢުމުރުން ދުވަސްވެފައި ވުމުގެ ސަބަބުން، ނުވަތަ ފަސޭހަވާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ބައްޔެއްގެ ސަބަބުން ރަމަޟާން މަހު ރޯދަ ހިފުމަށް ނުކުޅެދިއްޖެ މީހާގެ މައްޗަށް ރޯދަ ހިފުން ވާޖިބު ވެގެންނެއް ނުވެއެވެ. އެފަދަ މީހުން ރޯދަ ދޫކޮށްލުމަށްފަހުގައި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. ސޫރަތުލް ބަގަރާގެ 183-184 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

(يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿١٨٣﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ ﴿١٨٤﴾) މާނައަކީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!). ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."

އިބްނު ގުދާމާ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. (އަލްމުޣްނީ 4-396). "މުސްކުޅިވެ ގައިބާރު ދެރަވެފައިވާ މީހުންނަށް ރޯދަ ހިފުން އުނދަގޫ ކަމަކަށް ވެއްޖެނަމަ، އަދި އެއީ ބޮޑު ތަކްލީފް އުފުއްލަން ޖެހޭ ކަމަކަށް ވެއްޖެނަމަ، ރޯދަ ހިފުމެއް ނެތެވެ. ހަމައެފަދައިން ފަސޭހަވާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ބަލިތަކުގެ އަހްލުވެރިންވެސް އެވެ. ސޫރަތުލް ބަގަރާގެ 286 ވަނަ އާޔަތުގައި މާތް ﷲ ވަޙި ކުރައްވާފައިވެއެވެ. (لَا يُكَلِّفُ اللَّـهُ نَفْسًا إِلَّا وُسْعَهَا) މާނައަކީ: "اللَّه، އެއްވެސް نفس އަކަށް، އެ نفس އަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ تكليف އެއް ނުޖައްސަވައެވެ." މިފަދަ މީހުން ރޯދަ ދޫކޮށްލުމަށް ފަހު ގައި ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِين) މާނައަކީ: "އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ."

ފަޟީލަތުއް ޝައިޚް މުޙައްމަދު ޞާލިޙުލް ޢުޘައިމީން އެކަލޭގެފާނުގެ ފަތާވާ އައްޞިޔާމްގެ ޞަފްޙާ ނަމްބަރ 111 ގައި ވިދާޅުވެފައިވެއެވެ. ބަލި މީހުން ދެބަޔަކަށް ބެހިގެންވެއެވެ. ފުރަތަމަ ބަޔަކީ: އެބައްޔަކުން ޝިފާ ލިބޭނެ ކަމުގެ އުއްމީދު އޮތް ބަލިތަކުގެ އަހްލުވެރިން، މިޘާލަކަށް ކުއްލި އަކަށް މެދުވެރިވާ ބަލިތައް، މިފަދަ މީހުންގެ ޙުކުމަކީ ރޯދަ ދޫކޮށްލުމަށް ފަހު ފަހުން އެހެން ދުވަހެއްގައި ގެއްލުނު ރޯދަ ގަޟާ ކުރުމެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ) މާނައަކީ: "ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ'"

މިފަދަ މީހުން ބަލި ފަސޭހަވަންދެން މަޑު ކުރާނީ އެވެ. ބަލި ފަސޭހަ ވުމުން ރޯދަ ގަޟާ ކުރާނީއެވެ. ބަލި ޙާލުގައި ގޮސް އެމީހަކު ދުނިޔެ ދޫކޮށްގޮސްފިނަމަ އެމީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. އަދި އެމީހެއްގެ ކިބައިން އެރޯދަ އެއް ގަޟާ ކުރުމެއްވެސް ނެތެވެ. ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް ވާޖިބު ކުރެއްވީ އެހެން ދުވަސްތަކެއްގައި ރޯދަ ގަޟާ ކުރުމަށެވެ. ރޯދަ ގަޟާ ކުރާނެ ވަގުތު ނުލިބެނީސް އޭނާ މަރުވީއެވެ. އެފަދަ މީހުން ގެ މިޘާލަކީ ރަމަޟާން މަސް އައުމުގެ ކުރިން ޝަޢްބާން މަހުގައި މަރުވާ މީހުންގެ މިޘާލެވެ. އެފަދަ މީހުންގެ މައްޗަށް ރޯދަ ވާޖިބު ވެގެންނެއެއް ނުވެއެވެ.

ދެވަނަ ބަޔަކީ: އިންސާނާގެ ހަށިގަނޑުގައި ލާޒިމްވެފައިވާ ބައްޔެވެ. ނުވަތަ ފަސޭހަވާނެ ކަމުގެ އުއްމީދު ގެއްލިފައިވާ ބައްޔެވެ. މިޘާލަކަށް ކެންސަރު ބަލި، ނުވަތަ ކިޑްނީ ފެއިލްވުން، ނުވަތަ ހަކުރު ބަލި ފަދަ ބަލިތަކެވެ.- އަލްޢިޔާޛު ބިﷲ-. މިފަދަ މީހުންގެ ޙުކުމަކީ މުސްކުޅި ގައިބާރު ދެރަވެފައިވާ މީހާ ފަދައިން ރޯދަ ދޫކޮށްލުމަށްފަހު، އެރޯދައިގެ ބަދަލުގައި ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. މިކަމުގެ ދަލީލަކީ ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِين) މާނައަކީ: "އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ."



ފިދްޔަ ދޭނެ ގޮތަކީ: ކޮންމެ ރޯދަ އަކަށް ބައި ޞޯޢު (ގާތްގަނޑަކަށް ދޮޅު ކިލޯ) ގެ ހަނޑޫ މިސްކީނަކަށް ހަދިޔާ ކުރާނީ އެވެ. ނޫންނަމަ ކައްކާފައި މިސްކީނުންނަށް ކާންދޭނީއެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން