އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް މިދިޔަ އަހަރު ހުށަހެޅި 434 މައްސަލައިގެ ތެރެއިން ކޮރަޕްޝަން ހިމެނޭކަމަށް ނިންމާފައިވަނީ އެންމެ 5 މައްސަލައިގައިކަމަށް އެކޮމިޝަނުން ހާމަކޮށްފިއެވެ.

އޭސީސީން މިކަން ހާމަކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޭ.ސީ.ސީގެ އަހަރީ އާއްމު ރިޕޯޓުގައެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން އެކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް މައްސަލައަކާމެދު ކޮމިޝަނުން ގޮތް ނިންމާނީ ދެ މަރުހަލާއަކުންކަމަށެވެ. އެއީ އިވެލުއޭޝަން މަރުހަލާއާއި އިންވެސްޓިގޭޝަން މަރުހަލާއެެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު އެކޮމިޝަނުން 434 މައްސަލައެއް ބަލާ ނިންމާފައިވާކަމަށެވެ. އެއީ އިވެލުއޭޝަންގެ މަރުހަލާއިން ނިންމި 296 މައްސަލައަކާއި ތަހުގީގު މަރުހަލާއިން ނިންމި 138 މައްސަލައެކެވެ.

އޭސީސީން ބުނީ މި 434 މައްސަލައިގެ ތެރެއިން ކޮރަޕްޝަންގެ އަމަލު އެކުލެވިގެންވާކަމަށް ނިންމާފައިވަނީ އެންމެ 5 މައްސަލައިގައިކަމަށެވެ. އަދި 429 މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް އެކުލެވިގެންނުވާކަމަށް ނިންމާފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ 2022 ވަނަ އަހަރު ކޮމިޝަނުގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ސަބަބުން، ކޮމިޝަނުގެ މަސައްކަތުގެ ދުވެލި އަވަސްވެ، ތަހުގީޤު މަރުހަލާ ހަރުދަނާކުރުމަށް އިސްކަންދެވުނުކަމަށެވެ. އަދި މިދިޔަ އަހަރު ނިންމި ބައެއް މައްސަލަތަކަކީ ތަހުގީީގު މަރުހަލާގައި އެއް އަހަރަށްވުރެ ގިނަ އަހަރުވެފައިވާ މައްސަލަތައް ކަމަށްވެސް އޭސީސީން ފާހަގަކުރެއެވެ.

އޭސީސީން ތަހުގީގުކޮށް ނިންމި 138 މައްސަލައިގައި ހިމެނެނީ 151 ކުށެކެވެ. އަދި ކޮމިޝަނުން ނިންމާފައިވާ މައްސަލަތައް 21 އިދާރީ ދާއިރާއަކަށް ރައްދުވާއިރު، މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ރައްދުވަނީ މާލެ ސިޓީއަށެވެ. އެއީ 209 މައްސަަލައެވެ.

ތަހުގީގުކުރުމަށްފަހު ދައުވާ ކުރެވޭނެ އެކަށީގެންވާ ހެކި ހުރިކަމަށް ފެންނަ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިން އެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފުރިހަމަކުރާކަމަށް އޭސީސީން ބުނެއެވެ. އޭސީސީން ބުނީ 2022 ވަނަ އަހަރު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާއަށް ކޮމިޝަނުން 111 މީހުންނަށް ރައްދުވާ 96 ތުހުމަތު ހިމެނޭ 49 މައްސަލަ ހުށަހަޅާފައިވާކަމަށެވެ.

އޭސީސީން ބުނީ މިދިޔަ އަހަރު އެކޮމިޝަނުން ތަހުގީގުކޮށް ނިންމި މައްސަލަތަކުގެ ތެރެއިން 5 މައްސަލައެއް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލަތަކުގައި 22 ދައުވާއެއް ހިމެނޭއިރު ދައުވާތައް ރައްދުވަނީ 14 ފަރާތަކަށްކަމަށްވެސް އޭސީސީގެ ރިޕޯޓްގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު