ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު، އާދިއްތަ ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ކަދުރު ބެހުން ކުރިއަށްދާނީ އާދިއްތަ ދުވަހުން ފެށިގެން 06 އޭޕްރިލް 2023ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން މާލޭގައި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، 1443 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށެވެ.

“ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރެވެ.” އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުން ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ.



ކިޔުންތެރިންގެ ހިޔާލު