ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވެފައިވާ މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންކަން ޔަގީންނުވާ ބޭފުޅުން އެބަތިބިކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިން ފެށުމަށް ކ. ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވަނީ ޕާޓީގެ ތެރެއިން ހިނގާ ބައެއް ކަންކަމުގެ ސަބަބުން ޕާޓީއަށް ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީ ފަދަ ބިޔަ ޕާޓީއަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޕާޓީގެ ޕްރައިމަރީތަކުން ބަލިވާ ކެންޑިޑޭޓުން ކާމިޔާބު ހޯދާ ކެނޑިޑޭޓްގެ ފަހަތަށް ނޭރުންކަމަށެވެ. އަދި މީގެކުރިން ބޭއްވި އިންތިހާބުތަކުގައި މަޖިލީހުގެ މެޖޯރިޓީ ނުލިބުނީވެސް އެ ސަބަބާއި ހުރެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވި ކެންޑިޑޭޓަށްވެސް ގޮވާލާނީ ފަހަތަށް އަރައިވަޑައިގަންނަވާށޭ. ޕާޓީ ޕާޓީގެ ގޮތުގައި ހިފަހައްޓައިދެއްވުމަށް މަސައްކަތް ކުރައްވާށޭ.ސިޔާސީގޮތުން މީހުން ހަރު މީހުންކަމަށް ބަލާ މީހުންވެސް އެކަން އަމަލުން ދައްކަވާށޭ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަދު މަޖިލީހުގެ ތެރެއިން ސަރުކާރާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ބައެއް މެމްބަރުން ބައިވެރިވާކަމަށެވެ. އަދި އެއީ ހަގީގަތުގައިވެސް އެމްޑިޕީގެ މެމްބަރުންތޯ އަސްލަމް ސުވާލު ކުރެއްވިއެވެ.

"މިހާރު މަޖިލީހުގެ އެމްޑީޕީ 60 އަށްވުރެ ގިނަ މެމްބަރުން ތިއްބެވިއިރު އޭގެތެރެގައި އެމްޑީޕީގެ މެމްބަރުންކަން ޔަގީންނުވާ. އަދި ޕީޕީއެމްގެ މެމްބަރުންނަށްވުރެވެސް އެމްޑިޕީގެ ސިޔާސަތުތައް ކަމުނުދާ ބޭފުޅުން. މެމްބަރެއްގެ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް އެބަހުރި. މިއީ އެންމެ ބާރުވެރި މުއައްސަސާ. އެއީ ރައްޔިތުންގެ މަންދޫބުން.ދޮގާއި ފިތުނަފަސާދައަށް ޖާގަ ދޭ މެމްބަރުންނަށް ވެގެން ނުވާނެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސިޔާސީ ބައެއް މީހުން ދެކޭ ގޮތުގައި އެ ބޭފުޅުންގެ ވެރިކަން ނިމުނީމަ ވެސް ވެރިކަން އޮންނަންޖެހޭނީ އެ އާއިލާގެ ތެރޭގައެވެ. ނަމަވެސް އެއީ މިހާރު ދުނިޔެ ގަބޫލުކުރާ އުސޫލެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

"ކޮއްކޮއެއް ނުވަތަ ބޭބެއެއް. ކޮއްކޮވެސް ވެރިކަމަށް ލީމަ ވެރިކަންކުރި ގޮތް ބޭބެއަށް އެނގޭނެ. ކޮއްކޮ ކަމުނުދިޔައީމަ ދެން ދަރިއެއް. މިކަހަލަ ގޮތަކަށް ކުރާ ވެރިކަންވެސް ހުރޭ. އެއީ މިފަދަ ޕާޓީ ނިޒާމުތަކުގައި ވެރިކަން ހިނގާ ގޮތެއް ނޫން. ދުނިޔޭގެ ބައެއް ތަންތަނުގައި އެގޮތަށް ކުރޭ. ރާއްޖޭގައިވެސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ އާއިލާއެއްގެ ވެރިކަމޭ އޮންނަންޖެހޭނީ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ވެރިކަން އޮންނަންޖެހޭނީ އާއިލާއެއްގެ އަތުގައި ނޫންކަމަށާއި ވެރިކަން އޮންނަންޖެހޭނީ ރައްޔިތުންގެ އަތުގައިކަމަށެވެ. އަދި އެއީ ރައްޔިތުން ނިންމާ ނިންމުމެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު