ޞާދިރު ޢަލީދީދީ   23 މާރިޗު 2023 - 11:36
އެެމެރިކާގައި "އެއްސަތޭކަ" ކިޔުނު ފޮތެއް ޗާޕްވެފައި ވެއެވެ. އެފޮތުގައި މުޅިއިންސާނީ ތާރީޚުގެތެރެއިން ހޮވައިލެވުނު އެއްސަތޭކަ މީހުންގެ މައްޗަށް އަލިއަޅުވާލައިފައިވެއެވެ. އެސަތޭކަ މީހުންނަކީ އެފޮތް ލިޔުއްވި މުޞައްނިފުގެ ނަޒަރުގައި ތާރީޚުގެ މައްޗަށް އެންމެ ބޮޑަށް އަސަރުފޯރުވި މީހުންނެވެ.

ފޮތުގެ މުޞައްނިފަކީ ނަޞްލީގޮތުން ބަލާއިރު ކްރިސްޓިއަނެކެވެ. ތަޢުލީމީގޮތުން ބަލާއިރު ސައިންޓިސްޓެކެވެ. ނަމަވެސް އޭނާގެ ފިހްރިސްތުގައި އެއްވަނަ ދީފައިވަނީ ޢީސާޢަލައިހިއްސަލާމް އަކަށް ނޫނެވެ. ނުވަތަ ނިއުޓަންއަކަށްވެސް ނޫނެވެ. އޭނާގެ ގާތުގައި އެޝަޚްޞިއްޔަތެއްގެ އާދަޔާޚިލާފު މަސައްކަތްޕުޅުގެ ސަބަބުން އެއްވަނައަށް ހޮވޭ ޝަޚްޞިއްޔަތަކީ އިސްލާމްދީނުގެ ނަބީއްޔާ محمد صلى الله عليه وسلم އެވެ. މުސައްނިފު ބަޔާންކުރާ ގޮތުގައި އެކަލޭގެފާނު އިންސާނީ ތާރީޚަށް ފޯރުއްވަވައިފައިވާފަދަ އަސަރެއް އެހެން އެއްވެސް ޝަޚްޞިއްޔަތެއްގެ ފަރާތުން ފޯރައިފައެއް ނުވެއެވެ. ދީނީ ގޮތުންވެސް އަދި އެނޫން ގޮތަކުންވެސްމެއެވެ.

އިސްލާމުދީނުގެ މާތް ނަބިއްޔާގެ މަތިވެރިކަމަށް އިޢުތިރާފުވަމުން މުސައްނިފު ލިޔެފައިވެއެވެ.

He was the only man in history who was supremely successful on both the religious and secular levels: Dr. Michael H.Hart, (The 100, New York 1978)



ތާރީޚުގައި އިންތިހާ ދަރަޖައިގެ ކާމިޔާބީ ލިބިވަޑައިގެންނެވި ހަމައެކަނި ބޭކަލަކީ އެކަލޭގެފާނެވެ. ދީނީގޮތުންވެސް އަދި ދުނިޔެވީ ގޮތުންވެސް މެއެވެ.

އިނގިރޭސީންގެ ތާރީޚު ލިޔުންޔެރިއެއް ކަމުގައިވާ ތޯމަސް ކަރލައިލް މުސްލިމުންގެ ނަބިއްޔާއަކީ ނަބީބޭކަލުންގެ ހީރޯ ކަމުގައި ބަޔާންކުރައްވައިފައިވެއެވެ. އެމެރިކާގެ ރައްޔިތެއް ކަމުގައިވައިވާ މައިކަލް ހާޓް، އެކަލޭގެފާނަކީ މުޅި އިންސާނީ ތާރީޚުގެ އެންމެ އަރައިހުންނެވި އިންސާނާ ކަމުގައި ބަޔާންކޮށްފައިވެއެވެ. މުސްލިމުންގެ ނަބިއްޔާގެ މާތްކަން ކަނޑައެޅި ބަޔާންވެގެންވަނީ ހަމައެކަނި އެކަލޭގެފާނަށް ތަބަޢަވާ މީހުންގެ"ޢަޤީދާ"އެއްގެ ގޮތަކުން ނޫނެވެ. އަދި ކީއްތޯއެވެ. އެއީ، އެންމެން އެއްބަސްވާ ތާރީޚީ ޙާދިޘާއެކެވެ. ތާރީޚު ދަންނަ ކޮންމެ މީހަކަށް މަޖުބޫރުވެފައިވަނީ އެޙަޤީޤަތް ޤަބޫލުކުރުމަށެވެ.

މީހަކު މަތި ބަލައިލައިފިނަމަ އޭނާގެ ނަޡަރުފޯރާ ހުރިހާ ހިސާބެއްގައި އުޑު ފެތުރިފައި ވަނިކޮށް ފެންނަފަދައިން އިންސާނީ ޙަޔާތާމެދު ވިސްނައިލި ކޮންމެ ދިމާޔަކުން އިސްލާމުދީނުގެ ނަބިއްޔާގެ އަސަރުތައް ފާޅުކަން ބޮޑު ގޮތެއްގައި އޭގެ ދައުރު ފުރިހަމަކުރަމުން ގެންދާތަން ފެންނާނެއެވެ. މިއަދު އެކަންކަމަށް އަހަންމިއްޔަތު ދެވޭ ހުރިހާ ރަނގަޅު އަގުތަކަކާއި ހުރިހާ މަތިވެރި ކާމިޔާބީތަކަކީ އެކަލޭގެފާނު ދުނިޔެއަށް ގެންނެވި އިންޤިލާބުގެ ސީދާ ނުވަތަ ނުސީދާ ނަތީޖާއެވެ.

އާދޭހެވެ. ދީނީ އިދާރާތަކުގައި ޝަޚްޞިއްޔަތަށް އަޅުކަން ކުރުމުގެ ބަދަލުގައި ކަލާނގެ ކިބަފުޅަށް އަޅުކަން ކުރަންފެށީ ކާކުތޯއެވެ؟ ޢަޤީދާތަކަށް ވަހުމުތަކުގެ ބަދަލުގައި ޙައްޤުގެ ބިންގަލެއް ހޯދައިދިނީ ކާކުތޯއެވެ؟ ސައިންސްގެ ދުނިޔޭގައި ފިޠުރަތަށް އަޅުކަން ކުރުމުގެ ބަދަލުގައި ފިޠުރަތުގެ މައްޗަށް ފަތަޙަ ހޯދުމުގެ ފިލާވަޅު ދިނީ ކާކުތޯއެވެ؟ ސިޔާސަތުގެ މައިދާނުގައި ނަސްލީ ޝެހެންޝާހިއްޔަތުގެ ބަދަލުގައި ރައްޔިތުންގެ ސަރުކާރުތައް އުފެއްދުމުގެ މަގު ދެއްކީ ކާކުތޯއެވެ؟ ޢިލްމީ ދުނިޔޭގައި ހީގެ މައްޗަށް ބިނާކޮށް ޚިޔާލުތަކެއް ފާޅުކުރުމުގެ ބަދަލުގައި ޙަޤީޤަތް ބަޔާންކުރަންފެށީ ކާކުތޯއެވެ؟ މުޖުތަމަޢުތައް އިންތިޒާމުކުރުމަށް އަނިޔާގެ ބަދަލުގައި ޢަދުލުގެ ބިންގާތަކެއް ހޯދައިދިނީ ކާކުތޯއެވެ؟ ޖަވާބަކީ މިހުރިހާ ކަމެއް އިންސާނުންނަށް ލިބުނީ އިސްލާމްދީނުގެ ނަބިއްޔާގެ ފަރާތްޕުޅުން ކަމުގައި ބުނުމެވެ. އެކަލޭގެފާނު ފިޔަވައި މިމަސައްކަތްތައް އެފަރާތަކަށް ނިސްބަތް ކުރެވޭނެ އެއްވެސް ފަރާތެއްނެތެވެ. ދެންތިބި އެންމެނަކީވެސް އެކަލޭގެފާނު ގެންނެވި އިންޤިލާބުގެ ފައިދާ ލިބިގަތް މީހުންނެވެ. އެކަންތައް ވުޖޫދަށް ގެނައި މީހުންނެއް ނޫނެވެ.

الله سبحانه وتعالى އެކަލާނގެ ނަބިއްޔާ ތާރީޚުގެ އެންމެ މަތިމެރި އިންސާނާ ކަމުގައި ލެއްވިކަމީ އިންސާނީ ނަސްލަށް ބެހެއްޓެވި އެންމެބޮޑު އިޙްސާންވަންތަ ކަމެވެ. މިގޮތުން އެނގިގެންވާ ތާރީޚުގައި މަތިވެރި މުންނާރެއްވަނީ ލައްވައިފައެވެ. ކޮންމެ ފަރާތަކުން މީހަކު ބެލިކަމުގައިވިޔަސް އެމީހަކަށް އެކަލޭގެފާނު ފެންނާނެ ގޮތުންނެވެ. އޭނާ ތެދުމަގު ދައްކާނެ މީހަކު ހޯދާން ނުކުންނަހިނދު އޭނާގެ ނަޡަރު އެންމެ ފުރަތަމަވެސް އެކަލޭގެފާނުގެ މައްޗަށް ހުއްޓުމަށްޓަކައެވެ. އިންސާނާ ޙައްޤު ދީން އުނގެނޭން ބޭނުންވެއްޖެނަމަ އެކަލޭގެފާނުގެ މަތިވެރި ވުޖޫދު އެންމެ ފުރަތަމަވެސް އޭނާ އެކަލޭގެފާނާ ދިމާޔަށް ހުއްޓުވުމަށްޓަކައެވެ. އެކަލޭގެފާނަށް މުޅި އިންސާނިއްޔަތުގެ އެންމެ މަތިވެރި ހާދީގެ މަޤާމުވަނީ ލިބިވަޑައިގެންފައެވެ. އެހެންކަމުން އެެކަލޭގެފާނަށް ދެއްވައިފައިވަނީ ފެނުމުގެ ނަޞީބު ލިބިފައިވާ ކޮންމެ މީހަކު އެމީހެއްގެ އިސް އުފުލާލައިފިނަމަ އެމީހަކަށް އެކަލޭގެފާނު ނުފެނި ނުދާފަދަ މަތިވެރި ތާރީޚީ މަޤާމެކެވެ.



محمد صلى الله عليه وسلم އަކީ މާތް ﷲ މިއުއްމަތަށް ފުނުއްވި ނަބީބޭކަލެވެ. އެކަލާނގެ ފޮނުއްވި އެހެން ނަބީބޭކަލުން ފަދަ ނަބީބޭކަލެކެވެ. މާތް ﷲ ޤުރްއާނުގެ ޞަރީޙުބަސްފުޅުން އެނގޭގޮތުގައި އެކަލޭގެފާނުގެ މިޝަނާ އެހެނިހެން ނަބީބޭކަލުންގެ މިޝަނާ ދެމެދަކު އެއްވެސް އުޞޫލީ ތަފާތެއް ނެތެވެ. ނަމަވެސް އެކަލޭގެފާނަށް އިތުރު ޙައިޘިއްޔަތެއް ލިބިވަޑައިގެންފައިވެއެވެ. އެއީ އެކަލޭގެފާނަކީ خاتم الانبياء ކަމުގައި ވުމެވެ. އާދެ، އެހެނިހެން ބޭބޭކަކުންނަކީ ހަމައެކަނި ﷲ ގެ ރަސޫލުންނެވެ. ނަމަވެސް އެކަލޭގެފާނަކީ رَسُولُ اللَّهِ އެވެ. އަދި ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެެއްވި ސާހިބާއެވެ.

ދުނިޔެއަކީ އިމްތިޙާނުގެ ގޯއްޗެކެވެ. މިދުނިޔޭގައި ކޮންމެ މީހަކަށްވެސް ވާނީ ޢަމަލުތަކުގެ މިނިވަންކަން ދެއްވާފައެވެ. އެހެންކަމުން މިދުނިޔޭގައި އެހެން ގޮތަކަށް ބަދަލު ކުރެއްވުމުގެ މަސްއޫލިއްޔަތު ނަބީބޭކަކުންނާ ހަވާލު ކުރައްވާފައެއް ނުވެއެވެ. އެބޭކަލުންނާ ހަވާލުކުރައްވާފައިވާ މަސައްކަތްޕުޅަކީ މާތް ރަސްކަލާނގެ ޙަޟްރަތުން ލިބިވަޑައުގަންނަވާ މެސެޖްތައް މީސްތަކުންނާ ހަމައަށް ފުރިހަމައަށް ރައްދުކުރެއްވުމެވެ. (އައްނަޙްލު 35)

ނަމަވެސް ނަބީކަން ނިންމަވާ ސާހިބާއަށް ޢަމަލީ އިންޤިލާބެއް ގެންނަވައި، ބިމުގެ ބޮޑު ސަރަޙައްދެއްގައި އެކަލޭގެފާނުގެ އުންމަތެއް ޤާއިމުކުރައްވަން ޖެހިވަޑައިގަތެވެ. އެކަލޭގެފާނު ގެންނަވައިފައިވާ އުޑުގެ ވަޙީ (ބާވައި ލެއްވި ފޮތް) މުސްތަޤިއްލުގޮތެއްގައި ރައްކާތެރި ކުރުމުގެ އިންތިޒާމް ކުރެވޭނެ ގޮތުންނެވެ. މި ޢާލަމުލްއަސްބާބުގައި އެފޮތް ރައްކާތެރި ކުރެވޭންއޮތީ އެގޮތުންނެވެ. އިލާހީ ފޮތް ރައްކާތެރި ނުކުރެވިއްޖެނަމަ ނަބީބޭކަލުން ވަޑައިގަތުމެއް ނުހުއްޓޭނެއެވެ. އެހެނިހެން ނަބީބޭކަލުންނަކީ ހަމައެކަނި ދީނަށް ގޮވައިލައްވާ ބޭކަލުންނެވެ. އިސްލާމްގެ ނަބީއްޔާއަކީ ދީނަށް ގޮވައިލައްވާ ނަބީއްޔެކަމުގައި ހިމެނިވަޑައިގަތުމުގެ އިތުރަށް އެކަލޭގެފާނަކީ ދުނިޔެއަށް އިންޤިލާބެއް ގެންނަވައި ބަދަލު ކޮށްލެވުމުގެވެސް ނަބީއްޔާއެވެ.

އިންސާނާއަށް އޭނާގެ ޢަމަލުތަކުގެ މައްޗަށް ފުރިހަމަ އިޚްތިޔާރު ލިބިގެންވެއެވެ. ނަމަވެސް އެޢަމަލުތަކުގެ ނަތީޖާ ނުވަތަ ނިމުމާމެދު އެއްވެސް އިޙްތިޔާރެއް ލިބިގެނެއްް ނުވެއެވެ. މިއީ އިންސާނާއަށް މިދުނިޔޭގައި ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި ޙާލަތެކެވެ. އެހެންކަމުން އަރަހުށި މާތް ރަސްކަލާނގެ އިންސާނާއަށް މަގުދެެއްކެވުމަށް ނިހާޔަތުގެ ދަރަޖައަށް ފުރިހަމަ އިންތިޒާމުތަކެއް ކުރެއްްވިއެވެ. ދުނިޔޭގެ އިންސާފުގައިވެސް އެއްވެސް މީހަކަށް ދެއްކޭނެ އެއްވެސް ޢުޛުރެއް ނޯންނާނެގޮތް ހެއްދެވުމަށްޓަކައެވެ.

އެންމެ ފުރަތަމަ އިންސާނާ ހައްދަވައިފައިވަނީ ނުހަނު ފުރިހަމަ ގޮތެއްގައެވެ. އޭނާގެ ފިޠުރަތުގައި ހެވާއިނުބައި ވަކިކުރުމުގެ ބާރުލެއްވިއެވެ. އެއަށްފަހު އޭނާ ލެއްވީ އެންމެ ފުރިހަމަ ޢަދުލުގެ ބިންގަލުގެ މަތީގައި ޤާއިމުވެފައިވާ ދުނިޔެއެއްގައެވެ. އިންސާނާ ބަލައިލި ކޮންމެ ދިމާއަކުން ހިމޭން ދުލަކުން އޭނާއަށް އިލާހީ ގޮވައިލެއްވުން އިވެމުން ދިޔުމަށްޓަކައެވެ. ހަމައެއާއެކު އިތުރު ޚާއްޞަ އިންތިޒާމުތަކެއްވެސް ކުރައްވައިފައިވެއެވެ. މިގޮތުން ކޮންމެ ޒަމާނެއްްގައިވެސް ކޮންމެ ޤައުމަކަށްވެސް ރަސޫލުން ވަޑައިގަތެވެ. އެބޭކަލުން ހަމަ ކޮންމެ މީހަކަށްވެސް އެމީހަކަށް ފަހުމުވާފަދަ ބަހުރުވަޔަކުން އެމީހަކު ހައްދަވާފައިވާ މަޤްޞަދާއި، ދުނިޔޭގެ ޙަޤީޤަތް އަންގަވަމުން ގެންދެވިއެވެ.

އެންމެފަހުގެ ތަދްބީރެެއްގެ ގޮތުން الله سبحانه وتعالى ރޭވުމަކަށްވީ ޚުދު އިންސާނީ ޙަޔާތުގެ ސިފައިގައި ފުރިހަމަ މިސާލެއް ދެއްކެވުމެވެ. ހުރިހާ އިންސާނުންގެ ކުރިމަތީގައި ދިރިހުރި ނަމޫނާއެއްގެ ބޭނުން ހިފެމުން ދިއުމަށްޓަކައެވެ. ނަމަވެސް نوحގެފާނުގެ ޒަމާނުން ފެށިގެން عيسىގެފާނާ ހަމައަށް ނަބީބޭކަލުންނަށް މެދުވެރިވި ކަންތައްތަކުގެ ސަބަބުން މިދެންނެވި ފުރިހަމަ ނަމޫނާ ތާރީޚުގައި ޤާއިމްވެފައެއް ނުވެއެވެ.

ابراهيم عليه السلام ގެފުޅު ބިނާ ކުރެއްވިއިރު އެފަދަ ނަބިއްޔަކު ފޮނުއްވުން އެދިވަޑައިގެން ދުޢާފުޅުކުރެއްވިއެވެ. އެކަލޭގެފާނުގެ ދުޢާފުޅުގެ ދެހާސްފައްސަތޭކަ އަހަރުފަހުން، ފަހުޒަމާނުގެ ނަބިއްޔާ، محمد صلى الله عليه وسلم އިލާހީ ޙަޟްރަތުން ޚާއްޞަ ތާއީދާއެކު ފޮނުއްވިއެވެ. އިސްވެ ދެންނެވި މަޝްރޫޢު ފުރިހަމަ ކުރެއްވުމަށްޓަކައެވެ.

ދުނިޔެއަށް ބޭނުންވެފައިވާ އިންސާނީ ނަމޫނާ އެކަލޭގެފާނު ޤާއިމުކުރެއްވިއެވެ. ހަމައެކަނި ޝަޚްޞީ ދިރިއުޅުއްވުމަށް ބަލާއިރަކު ނޫނެވެ. އަދި ކީއްތޯއެވެ. މާތް ﷲ ގެ ރޭއްވެވުމާ އެއްގޮތަށް ހުރިހާ ބާވަތެއްގެ އިޖުތިމާޢީ ޙާލަތުތަކެއްވެސް އެކަލޭގެފާނާ ކުރިމަތިވިއެވެ. ކޮންމެ ޙާލަތެއްގައިވެސް އެކަލޭގެފާނު އިލާހީ ޤާނޫނުގެ މަތީގައި ސާބިތުވެ ހުންނެވުމުގެ މިސާލު ދެއްކެވިއެވެ. މިދުނިޔޭގެ ދިރިއުޅުމުގައި އިންސާނާ ތަބާވުމަށް ﷲ ރުހިވޮޑިގެންވާ ނަމޫނާ ދެއްކެވިއެވެ.

އެކަލޭގެފާނުގެ ސަބަބުން މިދުނިޔެގައި ހަމައެކަނި މާތް ﷲ ކިބަފުޅަށް އަޅުކަން ކުރުމުގެ އިންސާނީ ނަމޫނާއެއް ޤާއިމުވީކީނޫނެވެ. އަދި ކީއްތޯއެވެ. ހަމައެއާއެކު މާތް ﷲ ގެ ކިބަފުޅަށް ޙަޤީޤީ މާނައިގައި އަޅުކަން ކުރުމުގެ މަގު އިޚްތިޔާރު ކުރުމުން މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އެހީތެރިވެ ވޮޑިގަންނަވަނީ ކޮންފަދަޔަކުން ކަމުގެ ނަމޫނާވެސް ޤާއިމުވިއެވެ. އެކަލޭގެފާނު ހާމަކޮށްދެއްވީ ކަލާނގެ ކިބަފުޅަށް ބިރުވެތިވުމުން އެހެނިހެން ބިރުތަކުން އިންސާނާއަށް ސަލާމަތް ލިބިދެނީ ކޮންގޮތަކަށްކަމެވެ. ރުޅިވެރިކަން އުފެދޭ ވަގުތު ކަލާނގެ ރަސްކަންފުޅަށްޓަކައި ކެތްތެރިވުމުން ކާމިޔާބީގެ ހަރުފަތްތަކަށް ބަދަލުވެގެންދަނީ ކިހިނަކުންކަމެވެ. އާޚިރަތަށްޓަކައި ދުނިޔަވީ ފައިދާތައް ދޫކޮށްލުމުން އެންމެފަހުން އިންސާނާއަށް ދުނިޔެއާއި އާޚިރަތްވެސް ދެއްވަނީ ކޮންގޮތަކަށްކަމެވެ. ނަފްސީއްޔާތުގެ ނޭދެވޭ ގޮތްތަކުން އެއްކިބާވެހުރެ މަސައްކަތް ކުރުމުން ދުޝްމަނުންވެސް ތިމާއަށް ތާއީދުކުރާ ރަޙްމަތްތެރީން ކަމުގައިވުމުގެ ބަޔާންވެގެންވާ ފަތަޙަޔާ ހަމަޔަށް ވާޞިލުވަނީ ކިހިނަކުންކަމެވެ.

ފަހުޒަމާނުގެ ނަބިއްޔާގެ ކުރީން ދުނިޔެއަށް ވަޑައިގެންނެވި ނަބީބޭކަލުންގެ ޙަޔާތްޕުޅު، ލިޔެފައިވާ ތާރީޚުގެ ބައެއްކަމުގައި ހިމެނިފައެއް ނުވެއެވެ. އޭގެ ނަތީޖާއަކަށްވީ ކަނޑައެޅިގެން ޢިލްމީގޮތުން ނުވަތަ ތާރީޚީގޮތުން ބަލައިފިނަމަ އެބޭކަލުންގެ ނަބީކަމަކީ ސާބިތުވެފައިވާ ނަބީކަމެއްކަމުގައި ނުވުމެވެ. عيسىގެފާނަކީ ކުރީގެ ރަސޫލުންކުރެ އެންމެ ފަހުގެ ރަސޫލާއެވެ. ނަމަވެސް އެކަލޭގެފާނުގެ މައްސަލަވެސް ތާރީޚީގޮތުން ދިމާވެފައިވަނީ ހުޅަނގުގެ މުފައްކިރަކަށް އަންނަނިވި ޖުމްލަ ވިދާޅުވުމަށް ފުރުޞަތު ލިބޭގޮތަށެވެ.

Historically, it is quite doubtful whether Christ ever existed at all - B. Russell

ތާރީޚީގޮތުން ބަލާއިރު މަސީޙު އެއްވެސް އިރެއްގައި ދުނިޔޭގައި އުޅުއްވިކަމީވެސް ނުހަނު ބޮޑަށް ޝައްކު އުފެދޭ ކަމެކެވެ.

ނަމަވެސް ފަހުޒަމާނުގެ ނަބިއްޔާގެ މައްސަލަ އެއާ މުޅިން ތަފާތެވެ. އެކަލޭގެފާނުގެ މަޤާމު ތާރީޚީގޮތުން ޤަބޫލު ކުރެވިފައިވާވަރީ މުބައްޞިރަކު އެކަލޭގެފާނާމެދު ޤަލަމް އުފުލައިލައިފިނަމަ އެމީހަކަށް އަންނަނިވި ލަފްޒުތައް ލިޔަން މަޖުބޫރުވެދެއެވެ.

Mohammad was born within the full light of history - Hitti

محمد صلى الله عليه وسلم ދުނިޔެއަށް ވަޑައިގަތީ ތާރީޚުގެ ފުރިހަމަ އަލިކަމުގެ ތެރޭގައެވެ. ޒަމާނަށް ދެމިހުންނަނިވި ނަބީބޭކަލަކު ކަމުގައި އިތުރު އެކަލޭގެފާނު ހިމެނިވަޑައިގަތުމުގެ އަނެއް ސަބަބަކީ އެކަލޭގެފާނަށް ދެއްވި މުޢުޖިޒާއަކީ އަބަދަށް ދެމިހުންނަ މުޢުޖިޒާއެއް ކަމުގައިވުމެވެ. އެކަލޭގެފާނުގެ މުޢުޖިޒާއަކީ ކީރިތި ޤުރްއާނެވެ. ޢާއްމުކޮށް ނަބީބޭކަލުންނަށް ދެއްވިފަދަ މުޢުޖިޒާއެއް އެކަލޭގެފާނަށްވެސް ދެއްވިނަމަ އެކަލޭފާނު ސުވަރުގެ ވަޑައިގަތުމާއެކު އެ މުޢުޖިޒާއެއް ނިމިގެން ހިނގައްޖެއީހެވެ. އެކަލޭގެފާނުގެ ނަބީކަމާމެދު މާތް ﷲ ކަނޑައަޅުއްވާފައިވަނީ އެކަލޭފާނު ސުވަރުގެ ވަޑައިގަތުމަށްފަހުވެސް ދެމެހެއްޓެވުމަށެވެ. އެ ޚާއްޞަ މަޞްލަޙަތަށްޓަކައި އެކަލޭގެފާނުގެ މުޢުޖިޒާއެއް ކަމުގައި ލައްވައިފައިވަނީ އެކަލޭގެފާނު ގެންނެވި ފޮތެވެ.

މުޢުޖިޒާގެ މާނައަކީ އިންސާނަކަށް އެކަމެއް ކޮޕީ ކުރެވުން އެކަށީގެންނުވާ، ޙައިރާން ކުރުވަނިވި ޙާދިޘާއެކެވެ. ކީރިތި ޤުރްއާން ފަދަ ފޮތެއް އުފެއްދުމަކީ އެއްވެސް ފަރުދަކަށް ނުވަތަ ޖަމާޢަތަކަށްވިޔަސް ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ކީރިތި ޤުރްއާނަކީ އިލާހީ މުޢުޖިޒާއެއްކަން އެއިން ސާބިތުވެއެވެ.

ފަހުޒަމާނުގެ ނަބިއްޔާ محمد صلى الله عليه وسلم ލައްވައިފައިވަނީ މާތް ﷲ ގެ ދީން ފާޅުކުރެެއްވުމުގެ ޒަރީޢާއެއް ކަމުގައެވެ. ހަމައެފަދައިން އެކަލޭގެފާނުގެ އުންމަތްވެސް ލައްވައިފައިވަނީ އެކަމުގެ ވާސިޠާއެއް ކަމުގައެވެ. ދަނޑުހެއްދުމުގެ މެދުވެރިން ކަމުގައި ދަނޑުވެރީން ލައްވައިފައިވާ ފަދައިންނެވެ. ދަނޑުވެރީންނަކީ ދަނޑުހެއްދުމުގެ ޒަރީޢާއެކޭ ބުނެވޭ ބަހުގެ މާނައަކީ ދަނޑުވެރީން އެސަބަބުތަކެއް ފުރިހަމައަށް ބޭނުންކޮށްފިނަމަ ކޮންމެ ދަނޑުވެރިއަކަށްވެސް ފެހިކުލައިގެ ތާޒާ ދަނޑުތަކެއް ހެއްދޭނެފަދަ ސަބަބުތަކެއް ދެއްވައިފައިވުމެވެ. ހަމައެފަދައިން ފަހުޒަމާނުގެ ނަބީއްޔާއާއި އެކަލޭގެފާނުގެ އުންމަތް ދީންފާޅުކުއްރެވުމުގެ ނުވަތަ ދީނަށް ނަޞްރު ދެއްވުމުގެ ޒަރީޢާއެއް ކަމުގައިލެއްވުމުގެ މާނައަކީ އެކަލާނގެ ދީނަށް ގަދަކަން ހޯއްދެވުމަށް ޢާލަމުލްއަސްބާބުގައި ބޭނުންވާނެ ހުރިހާ ޙާލަތުތަކެއް ފުރިހަމައަށް މެދުވެރި ކޮށްދެއްވައިފައިވާކަމެވެ. އެސަބަބުތަކުގެ ބޭނުން ރަނގަޅުގޮތުގައި ކުރެވުނު ކޮންމެ ފަހަރަކު އޭގެ އެދެވޭ ނަތީޖާ ޔަޤީންކަމާއެކު ފެންނާނެގޮތް މެދުވެރިކުރައްވައިފައިވާކަމެވެ.

ابراهيمގެފާނުގެ ޒަމާނުންފެށިގެން ވޭތުވި ދެހާސްފައްސަތޭކަ އަހަރުގެ ތެރޭގައި رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށްޓަކައި ހުރިހާ އެކަށޭނެ ޙާލަތުތަކެއް ފުރިހަމަ ގޮތުގައި ޖަމާކުރެވުނެވެ. އެކަލޭގެފާނު އިލާހީ ޤާނޫނުތަކަށް ތަބާވެވަޑައިގެން ހުންނަވައި އެޙާލަތުތަކުގެ ބޭނުންފުޅު ހިއްޕެވިއެވެ. އޭގެ ނަތީޖާ ފެނިގެންދިޔައީ މަތިވެރި ކާމިޔާބީއެއްގެ ސިފައިގައެވެ.

ވޭތުވެދިޔަ ސާދަސަތޭކަ އަހަރުގެ ތަފާތު ތާރީޚީ ބަދަކުތަކާއި ޢިލްމީ ތަރައްޤީގެ ޒަރީޢާއިން މިހާރު ދެވަނަ ފަހަރަށްވަނީ އިސްލާމްދީން އަލުން ފެތުރުމަށް ބޭނުންވާ ހުރިހާ ޙާލަތުތަކެއް އަޅުގަނޑުމެންނަށްޓަކައި ޖަމާކޮށްދެއްވައިފައެވެ. ފަހުޒަމާނުގެ ނަބިއްޔާ ގެންނެވި ދީނަށް ނަޞްރުދީ އެދީން މަތިވެރި ކުރުމުގެ ފުރިހަމަ އެކަށޭނަކަން މިއަދުވެސް ވަނީ ލިބިފައެވެ. ނަމަވެސް އެކަންކުރެވޭނީ، އެކަމަށްޓަކައި ވަރަށް ފުރިހަމަޔަށް މަސައްކަތް ކުރެވިގެންނެވެ. އިލާހީ ޤާނޫނާ އެއްގޮތަށް ޙަޤީޤީ ނަތީޖާއެއް ފާޅުވުމަށްޓަކައި ބޭނުންވާ މަސައްކަތްތަކެވެ. މިއީ ފަހުޒަމާނުގެ ނަބިއްޔާގެ ކިބައިން ވަކިކުރެވުނު ޝަރުޠެއްނޫނެވެ. އަދި އެކަލޭގެފާނުގެ އުންމަތުގެ މީހުންގެ ކިބައިންވެސް ފަހަރެއްގައިވެސް ވަކިކުރެވޭނެ ޝަރުޠެއް ނުމެނޫންމެއެވެ.

ނުނިމޭ (މާދަމާގެ ބަޔަށް އިންތިޒާރުކޮށްލަވާ!)

********

މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުސްތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން މިރަމަޟާން މަހު ސިލްސިލާކޮށް ގެނެސްދެމުން އަންނަ

ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން