ޞާދިރު ޢަލީދީދީ   23 މާރިޗު 2023 - 10:29
މުއުމިނުންނަކީ ކުށެއްކުރެވުމުން އަވަހަށް އެކުށުން އެނބުރި ރުޖޫޢަވާ މީހުންނެވެ.
މުއުމިނުންނަކީ ކުށެއްކުރެވުމުން އަވަހަށް އެކުށުން އެނބުރި ރުޖޫޢަވާ މީހުންނެވެ.
ދަތުރުވެރިޔަކު ބޭނުންވީ ކަލްކަތާއަށް ދިއުމަށެވެ. އޭނާ ރޭލަކަށް އެރިއެވެ. ނަމަވެސް ރޭލު ފުރިފަހުން އޭނާއަށް އެނގުނީ އޭނާ އިން ރޭލުދަނީ ކަލްކަތާއަކަށް ނޫންކަމެވެ. އެއީ އަމަރަތުސަރަށްދާ ރޭލުކަމެވެ. އެފަދަ ދަތުރުވެރިއެއްގެ ކަންތައް ނުންނާނީ ކިހިނަކުންތޯއެވެ. އޭނާއަށް ކުރެވުނު ކުށާމެދު އޭނާ ހާސްވެ ކަންބޮޑުވާނެއެވެ. އެހައިތަނަށް އޭނާ ހަމަޖެހިލައިގެން އިށީނދެއިން ގޮނޑީން އޭނާގެ ގަޔަށް "ކަށިހެރޭހެން" ހިވާނެއެވެ. އޭނާ އިން ރޭލު އެންމެ އަވަހަށް މަޑުކުރާ ސްޓޭޝަނަކަށް ފައިބައި އޭނާ ދާންއުޅޭ ރަށްކަމުގައިވާ ކަލްކަތާއަށްދާ ރޭލު ވީހާވެސް އަވަހަކަށް ފެނޭތޯބަލާނެއެވެ.

ރޭލުން ދަތުރުކުރި ދަތުރުވެރިޔާ އޭނާއަށް ކުރެވުނު ކުށް ގަބޫލުކޮށް އެކަން ރަނގަޅުކުރުމަށް އަވަސްވެގަތްފަދައިން މުއުމިނާވެސް އާޚިރަތާބެހޭ މުޢާމަލާތަކުގައި ޢަމަލުކުރާނެއެވެ. އާޚިރަތުގެ މިޞްރާބުނޫން އެހެން މިޞްރާބަކަށް އޭނާ އަނބުރައިލާފަދަ ކުށެއް ކުރެވިއްޖެނަމަ ނުވަތަ އަންނާން އޮތް އުޚުރަވީ ޙަޔާތުގައި އޭނާއަށް ގެއްލުމަކަށް ވާކަހަލަ ކަމެއް ކުރެވިއްޖެނަމަ އޭނާ ނިހާޔަތަށް ލަދުވެތިވާނެއެވެ. އޭނާ އޭނާގެ ކުށް ގަބޫލުކޮށް ތައުބާވުމުގައި ލަހެއްފަހެއް ނުކުރާނެއެވެ. ނުބައި މިޞްރާބުން މޫނު އަނބުރައިލައި ރަނގަޅު މިޞްރާބަށް އަވަހަށް ކުރިމަތިލާނެއެވެ.

މުއުމިނުންނަކީ ކުށެއްކުރެވުމުން އަވަހަށް އެކުށުން އެނބުރި ރުޖޫޢަވާ މީހުންނެވެ. ރުޅިއައުމުން މާފްކުރާ މީހުންނެވެ. ތިމާ ވާންޖެހޭ އިޢުތިރާފަކީ ތިމާގެ ޢިއްޒަތަށް ހުތުރުވާފަދަ އިޢުތިރާފެއް ކަމަށްވިޔަސް އެކަމަށް ފަސްނުޖެހޭ މީހުންނެވެ.

މިއާޚިލާފަށް ތާއަބަދު ފާފައިގައި މެކިގެންއުޅޭ، އެއްފަހަރުވެސް ހިތް ކިލަނބުވެއްޖެނަމަ ދުވަހަކުވެސް އެކަން ހަނދާންނައްތައިލައި މާފުނުކުރާ، ކޮންމެފަދަގޮތެއް ދިމާވިޔަސް ތިމާގެފުށުން ވެވުނު ދެރަކަމަކަށް ނުވަތަ ފާފަޔަކަށް އިޢުތިރާފުނުވާ މީހާއަކީ މާތް ﷲ ގެ ޙަޟްރަތުގައި މުއުމިނެއް ނޫނެވެ. އެފަދަ މީހާ އަމިއްލައަށް ތިމާއަކީ ކިތަންމެ ވަރުގަދަ މުސްލިމަކުކަމުގައި ދަޢުވާކުރިޔަސްވެހެވެ. އީމާންކަމާއި އިސްލާމުކަމުގެ ކިތަންމެގިނަ މެޑެލްތަކެއް ތިމާގެ މޭމަތީގައި ހަރުކޮށްގެން އުޅުނުކަމުގައިވިޔަސްވެހެވެ.

ޝައްކެއްނެތެވެ. މިއަދު ދުނިޔޭގައި ތިމާގެ ކުށް ގަބޫލުކުރަން ބޭނުންނުވާ ކޮންމެ މީހަކަށްވެސް އެމީހެއްގެ ކުށުގެ ތައުވީލެއްގެ ގޮތުން ކިތަންމެހާވެސް ގިނަ ލަފުޒުތަކެއް ލިބިދާނެއެވެ. ބައެއްމީހުންގެ ދުނިޔަވީ ޖާހާއި ދަރަޖަ އެބައިމީހުންގެ ކުށްތައް ފަރުދާކޮށްދޭނެއެވެ. ނަމަވެސް އާޚިރަތްދުވަހަކީ މިފަދަ އެއްވެސް އެއްޗެއްގެ ކުޑަވެސް ބޭނުމެއް ހިފޭނެ ދުވަހެއް ނޫނެވެ. އެދުނިޔޭގައި ޙަޤީޤަތްތައް ހާމަކުރެވުފައިވާނީ ލޮލުގެ އަލިކަމެއްނެތް މީހަކަށްވިޔަސް ސާފުކޮށް ފެންނަފަދަ ގޮތެއްގައެވެ.

********

* މިލިޔުމަކީ އަލްޢުސްތާޛް އަބްދު ﷲ ފާރޫޤު ހަސަން ލިޔުއްވާފައިވާ "ސީދާވެގެންވާ ތެދުމަގު" ފޮތުން ނަގާފައިވާ ލިޔުމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން