ކުދި އާބާދީތައް ތަރައްޤީން މަހްރޫމްކޮށްފައި އޮތްއޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތާއެކު ނިމުމަކަށް ގެނެސްފައިވާކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ މިހެން ވިދާޅުވީ އަންނަމަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕެއިންގައި ގުޅީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ގުޅީގައި ހިންގަމުންދާ ތަރައްގީގެ މަސައްކަތްތަކާއެކު ކުޑަ ރަށަކަށްވުމުން ގުޅިއަކީވެސް ބާކީވެފައި އޮންނާނެ ރަށެއް ނޫންކަން މި ސަރުކާރުން ސާބިތުކޮށްދެއްވަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކުރުމުގެ ސިޔާސަތުގެ ތެރެއިން ގުޅީގައިވެސް ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިންގާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ،

ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްތައް ހުރިހާ ރަށެއްގައި ދަނީ ޤާއިމްކުރެވެމުންކަށް ވެސް އަހުމަދު އަބްދުﷲ ފާހަގަ ކުރެއްވި. މީގެއިތުރުން ޒުވާނުންނާއި ދަރިވަރުންގެ ކުރިއެެރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އަހުމަދު ފާހަގަކުރެއްވިއެވެ. މިއީ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ތަރައްޤީކުރުމުގެ މިސާލެއް ދައްކަމުންދާ ސަރުކާރެއްކަމަށް އަހުމަދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ސާފު. ކުދި ކުދި އާބާދީތައް އޮތް ރަށްރަށަކީ ބާކީކޮށް، އެކަހެރިކޮށް ތަރައްގީން މަހްރޫމްވެފައިވާ ރަށްރަށުގެ ގޮތުގައި ބޭއްވި ޒަމާން 2018 ވަނަ އަހަރުގައި ރައީސް ސާލިހު ހުވާކުރެއްވުމާއެކު މާޒީވެގެން ހިނގައްޖެ، މިހާރު ހިނގަމުންމިދަނީ ތަރައްޤީގެ މުޅިން އައު ސަފްހާތަކެއް." މެމްބަރު އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އެމްޑީޕީއާއެކު ރައްޔިތުން ކުރިއަށްދާން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ބައި އިލެކްޝަންގައި ގުރައިދޫ ދާއިރާގައި ހިމެނޭ 3 ރަށުގެ އަޣުލަބިއްޔަތު އެމްޑީޕީޢަށް ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަަށެވެ. އަދި މި އިންތިހާބު އެމްޑީޕީން ބޮޑު ތަނުން ކާމިޔާބުކުރާނެކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު