އޭނާއަކީ ހުރިހާ ޕާޓީއަކަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނުކުމެވަޑައިގަންނަވާ ރައްޔިތުންގެ "އެޖެންޓެއް" ކަމަށް އެމްޑީޕީގެ ޓިކެޓްގައި ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަށްވާ އިބްރާހިމް ޝާޒް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިރޭ ކ.ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަށްވާ އިބްރާހިމް ޝާޒް ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މަޖިލީހުގައި ގޮނޑި ހޫނުކުރަން އިންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އޭގެ ބަދަލުގައި އޭނާ ވެވަޑައިގަންނަވާނީ ހުރިހާ ޕާޓީއަކަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނުކުމެވަޑައިގަންނަވާ ރައްޔިތުންގެ "އެޖެންޓަކަށް" ކަމަށް ޝާޒް ވިދާޅުވިއެވެ. ޝާޒް ވިދާޅުވީ އެދާއިރާގައި ހިމެނޭ ގުރައިދޫ، ގުޅި އަދި މާފުށްޓަށް ބޭނުންވާ ކަންކަން އޭނާއަށް ވަރަށް ސާފު ކަމަށެެވެ. އަދި އެ ދާއިރާގެ ތަރައްގީއަށް އޭނާއަށް ވަކި ޕާޓީއެެއް ނޯންނާނެ ކަމަށް ޝާޒް ވިދާޅުވިއެވެ.

ޝާޒް ވިދާޅުވީ އެދާއިރާގެ ރަށްތައް އޮތީ މާލެ ކައިރީގައި ކަމަށާއި، ނަމަވެސް މި ރަށްތަަކަށް އަންނަ ކުރިއެރުން ކުރިން އޮތީ އޮބަހައްޓައި، ހިފަހައްޓާފައިކަމަށެެވެ. އެހެން ނަމަވެސް އެމްޑީޕީ ސިޔާސަތަށް ގެނައި ބަދަލާއެކު އެ ރަށްތައް ދުއްވައިގަތް ގޮތް ކައިރިން ފެނިވަޑައިގެންފައިވާކަމަށް ޝާޒް ވިދާޅުވިއެވެ.

އެމްޑީޕީއަކީ އެއީ ކަމަށާއި، އެ ޕާޓީގެ ޓިކެޓުގައި އޭނާ ވާދަކުރައްވަނީ އެމްޑީޕީގެ ތަސައްވަރު ރައްޔިތުންނާ ވީހާވެސް ގާތުން ބޭއްވެވުމަށް ކަމަށް ޝާޒް ވިދާޅުވިއެވެ. އަދި އެދާއިރާގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ލާބަ ރައްޔިތުންނަށް ހޯދައިދެވޭނީ އޭނާއަށްކަމަށް ޝާޒް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މި ވަންނަނީ އެތަނުގައި ގޮނޑިއެެއް ހޫނުކުރުމުގެ ނިޔަތަކުގައެެއް ނޫން، މުޅި ގުރައިދޫ އަދި މާފުށީގެ ކުރިއެރުމަށްޓަކައި ދެފައި އެއްތާ ނުޖަހާނެ މީހަކު އެބަ ބޭނުންވޭ، އެމީހާ އަކީ އަޅުގަނޑު،" ޝާޒް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު