ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.

ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކޮށްފައިވަނީ އިއްޔެއެވެ. އަންހެނުން މީހާއަށް އަނިޔާކޮށްފައި ވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާކަމަށް އެނގިފައި ވެއެވެ.

އަންހެން މީހައަށް އަނިޔާ ކުރި މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އައީ މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައެވެ.

ފުލުހުން ބުނީ މައްސަލައިގައި އިއްޔެ 34 އަހަރުގެ ފިިރިހެން މީހާ ހައްޔަރު ކޮށްފައިވާއިރު، އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެރަށު ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އަނިޔާ ލިބުނު އަންހެން މީހާއަށް ގާނޫނުގެ ދަށުން ދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ފިރިހެން މީހާ އަނިޔާކުރި މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު