އަދުލުވެރި އަމާން ވެރިކަމެއް އެކި ގޮންޖެހުންތަކާއެކު ކުރެއްވި ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙުގެ އާ ކޯލިޝަން މަޝްވަރާއަަށް މުލީއާގޭގައި ރައީސާ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް ވިދާޅުވީ އެންމެ އަދުލުވެރި އަމާން ވެރިކަމެއް އެކި ގޮންޖެހުންތަކާއެކު ކުރެއްވި ބޭފުޅަކީ ރައީސް ޞާލިޙު ކަމަށެވެ. އަދި މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި އޭނާއަށް ފެނިވަޑައިގަތް ވެރިކަންތަކުގެ ތެރެއިން އެންމެ އަދުލުވެރި ވެރިކަން ކަމަށް ސިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރުންކަން ވެސް ކުރަށްވަމުން ގެންދަވާ ސިޔާމް ވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ފާހަގަކުރާ ރަނގަޅު މިސާލެއްގެ ގޮތުގައި ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ރައީސް ޞާލިހުގެ މި ސަރުކާރުން ނަމޫނާ ދެއްކިކަން ވެސް ފާހަގަކުރަށްވާފައެވެ.

"އެހެންވީމާ ރައީސް އަކީ އެ ފަދަ ހިތްތިރި، ރަނގަޅަށް ރާއްވަވައިގެން މަސައްކަތްކުރެއްވި ރައީސެއް." ރައީސް ސޯލިހާއިއެކު މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ރިޔާސީ އިންތިޚާބު ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް އެއްބުރުން ކާމިޔާބުކޮށްދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށެެވެ. ރައީސް ޞާލިހަށް ތާއީދުކޮށް އެމްޑީޕީއާއެކު ހަދާ ކޯލިޝަން ކާމިޔާބުވެދާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު