އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް އެ ޕާޓީގެ ތެރޭގައި ވަކި ފެކްޝަނެއް ނުހިންގެވޭނެކަމަށް އެ ޕާޓީގެ އިސްލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދަން އެއްބަސްވެފައިވާ ޕާޓީތަކާއެކު މިއަދު ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެެއްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ވާދަކުރަށްވައި ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ނަޝީދު ގެންދަވަނީ "ފިކުރެެއްގެ ދިރުން" މިނަމުގައި އެޕާޓީގައި ވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތް ކުރަށްވަމުންނެެވެ. ނަޝީދު ވަނީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކުރަށްވާނެކަން އިއުލާންކުރަށްވާފައެވެ.

މުލީއާގޭ ބޭރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ އެމްޑީޕީގައި ވަކި އަސާސްތަކަކާއި އުސޫލުތަކަކާ ގަވާއިދުތަކަކާއި ހަމަތަކެއް އެބަހުރި ކަމަށެވެ. އަދި އެ ޕާޓީ ތެރޭގައި ކަންކަން ހިނގާނީ އެ އުސޫލުތަކާ ހަމަތަކުގެ ތެރެއިން ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނާއެކު ކޯލިޝަން ހަދަން މަޝްވަރާ ކުރައްވާނެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް ސޯލިހް ވިދާޅުވީ އެއީ އެމްޑީޕީގެ ބައެއް ކަމަށާއި ކޯލިޝަން ހަދަން މަޝްވަރާކުރަން ނުޖެހޭ ކަމަށެވެ.

"އެމްޑީޕީގައި މިހާރު މި އޮތީ ރިޔާސީ ކެންޑިޑޭޓެއް އިންތިޚާބުކޮށްފައި. ޕާޓީ އޮންނަންވާނީ އެ ނިންމުމާއި އެކީގައި، އެގޮތަކަށް (ވަކި ފެކްޝަން ހަދައިގެން) ނުނިންމޭނެ ޕާޓީގައި އެބައޮތޭ ނިންމުމެއް،" އެމްޑީޕީގަައި ވަކި ފެކްޝަނެއް ހަދައިގެން ނަޝީދު ކުރަށްވާ މަސައްކަތަށް އިޝާރަތް ކުރަށްވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން މުލީއާގޭގައި މިއަދު ބޭއްވި އާ ކޯލިޝަންގެ ބައްދަލުވުމާއި ގުޅިގެން ރައީސް ސާލިޙު ވިދާޅުވީ، ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އަދާލަތާއި އެމްޑީއޭއާއެކު ރިޔާސީ ކެމްޕެއިން ފެށުމާއި މެނިފެސްޓޯ އެކުލަވައިލުމުގެ މަސައްކަތް ފަށަން މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރަައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު