މޮޓޯކޭޑަށް ރޭ ބަޔަކު ހުރަސް އަޅައި ސެކިއުރިޓީ ބްރީޗްވި ގޮތާ ބެހޭ ގޮތުގެ ފުލުހުންގެ ރިޕޯޓެއް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ރޭ ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. އެމަނިކުފާނުގެ މޮޓޯކޭޑަށް ހުރަސްއަޅާފައިވަނީ އެސަރަހައްދުގައި މުޒާހަރާކުރަމުންދިޔަ ފަރާތްތަކުންނެެވެ.

ރައީސްގެ ކާރުކޮޅަށް ހުއްޓުވައި އެމަނިކުފާނަށް ހުރަސް އެޅުމުން މޮޓޯކޭޑު ފަހަތަށް އަނބުރާލައި، ފަހުން ދަތުރުކުރީ އެހެން މަގަކުންނެވެ. އެކަމާ ގުޅިގެން މީޑިޔާނއަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެކަން ހިނގައިދިޔަ ގޮތުގެ ރިޕޯޓެއް ފުލުހުން މިއަދު އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. އަދި އެމައްސަލައިގައި އެމްއެންޑީއެފްގެ ރިޕޯޓް މާދަމާ ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހާދިސާ ހިނގި ގޮތް އެމަނިކުފާނު ބައްލަވާނެ ކަމަށެވެ.

މޮޓޯކޭޑް ހުއްޓުވި މައްސަލަ އެމްއެންޑީއެފުން ބަލަން ފަށާފައިވާއިރު އެމައްސަލައިގައި ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އަބްދުﷲ އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތުން މިހާރު ވަނީ ދުރުކޮށްފަ އެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލަ ބެލުމަށް އެކަމަށް ހާއްސަ ކޮމިޓީއެއް ވެސް އެމްއެންޑީއެފުން ވަނީ އެކުލަވާލާފައެވެ. އެމައްސަލަ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ، 241 ކޮމެޓީން ވެސް އަންނަނީ ބަލަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު