މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއެކު އެ ޕާޓީގެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައްދަލުކުރަށްވައިފި އެވެެ.

ރައީސް ސާލިޙު މިއަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކާއި ބަައްދަލުކުރެއްވީ މުލިއާގޭގައެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވެރިކަަމަށް ގެނައުމަށް އެޕާޓީއާއެކު މިހާތަނަށް ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި މަޝްހޫރު ވިޔަފާވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭ އިންނެެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެޕާޓީގެ ޕީޖީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ބައިވެރިވެވަޑަަައިގެންފައެވެ.

މިބައްދަލްވުމުގެ އެއްވެސް ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މިއީ އެމްޑީޕީއާއެކު އަދާލަތާއި އެމްޑީއޭއިން ކޯލިޝަން ހެދިފަހުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުންކަން ފާހަގަކޮށްލެވެއެވެ.

ރައީސް ސާލިޙު ވަނީ އެމްޑީޕީއާއެެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމަށް ވެސް ފޮނުވާފައެވެ. ޖުމުހޫރީ ޕާޓީން ވަނީ އެ ދައުވަތު ގަބޫލު ނުކޮށް ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައެވެ. އެހެން ނަމަވެސް ރައީސްގެ ދައުވަތާއި ގުޅޭގޮތުން އެމްއާރުއެމުން އަދި ވަކިގޮތެއް ނުނިންމައެވެ.



ކިޔުންތެރިންގެ ހިޔާލު