އަހުމަދު މަސްނޫމް   21 މާރިޗު 2023 - 12:36
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ރޭ ހުރަސް އެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ފުލުހުންނާއި ސިފައިން ހާޒިރުކުރަން ނިންމައިފިއެވެ.

ރައީސް ސާލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ހުށަހެޅީ 241 ކޮމިޓީގެ މުޤައްރިރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ހުށަހެޅި މައްސަލައާ ގުޅިގެން މިއަދު ވަނީ ކޮމިޓީ ބައްދަލުވުން ބާއްވާ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ މިމައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރުމަށް ނިންމާފައެވެ. އެގޮތުން މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ބައެއް މެމްބަރުން ވަނީ މަދު ބަޔަކު ކުރި މުޒާހަރާއަކާއި ގުޅިގެން މިފަދަ ބޮޑުކަމެއް ހިނގަން މެދުވެރިވި ސަބަބުވެސް ބަލަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ޕޮލިހާއި ސިފައިންގެ އިންސިޑެންޓް ރިޕޯޓެއް ހޯދައި، ސިފައިންނާއި ފުލުހުން ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްވެސް މެމްބަރުން ހުށަހެޅުއްވިއެވެ.

މެމްބަރުންގެ ހުށަހެޅުންތަކަށްފަހު ކޮމިޓީން ނިންމީ މިކަން ހިނގައިދިޔަ ގޮތުގެ މައުލޫމާތުތައް ސަލާމަތީ ބާރުތަކުން ހޯދުމަށްފަހު ކޮމެޓީގެ ބައްދަލުވުމެއް ވީހާވެސް އަވަހަށް ބޭއްވުމަށެވެ. އަދި އެ މައުލޫމާތުތައް ހޯދުމަށްފަހު ދެ މުއައްސަސާއާ ވަކިން ބައްދަލުކުރުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު