ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ބަޔަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯއިން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިހަފްލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ޓްރެއިނިންގ އަކީ ވަރަށް މުހިއްމު ޓްރެއިނިންގއެއް ކަމަށާއި، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ސަބަބަކީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ފަދައިން، މީހުން ބިނާ ކުރުމަކީ މުހިންމުކަމެއް. އަޅުގަނޑުމެންނަށް ލިބިފައިވާ މީހުންނަކީ، އެންމެ ބޮޑު އެއް ރައުސުލްމާލު، އަދި މީހުން ބިނާކޮށްގެން މެނުވީ، އަޅުގަނޑުމެން ކުރިއަކަށް ނުދާނެ. އެހެންވީމަ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން، އަޅުގަނޑުމެން ކުންފުންޏަށް ކޮންމެވެސް ވަރެއްގެ ހިއްސާއެއް، މިފަދަ ޓްރެއިނިންގތައް ހިންގައިގެން މި އަދާ ކުރެވެނީ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ލީޑާރޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި މިފަދަ ޓެރެއިނިންގ ތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި، ލޯ ހުޅުވާލަދީ، ކަންކަމަށް މަގުފަހިކޮށް އަދި، ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށްދިނުމަށް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މީގެއިތުރުން ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ބަޔަކަށް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ. އަދި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމުގައި ވެސް ޝަރީފު ވިދާޅުވިއެވެ.

މީހުން ބިނާކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުންފުނީގެ ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮންނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން ހިންގުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މި އަހަރުގެ ތެރޭގައިވެސް އިތުރު ޓްރެއިނިންތަކެއް ހިންގުމަށް ރާވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު