ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސެކިއުރިޓީ ފޫ އަޅުވާލައި، އެމަނިކުފާނުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އެޅި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމެޓީން ބަލަން ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅާފައިވަނީ 241 ކޮމިޓީގެ މުޤައްރިރު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.

އަސްލަމް ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ކޮމެޓީއަށް ހުށައަޅާފައިވާކަމަށާއި އަދި މިމައްސަލަ ކޮމެޓީން ކުރިއަށް ގެންދާނެ ގޮތެއް މިއަދު ނިންމާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފުލުހުންނާއި ސިފައިންނަށް ފާޑު ކިޔަމުންނެވެ. އަދި އެއީ ފުލުހުންނާއި ސިފައިންގެ ފެއިލްވުމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު އެނބުރި ގެކޮޅަށް ވަޑައިގެންނެވި މަގުމަތީގައެވެ. ނަމަވެސް އެ ހަމަނުޖެހުމުގައި އެއްވެސް ބަޔަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު