ސްޓެލްކޯގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވާފައިވަނީ، ކުންފުނީގެ ބޯޑުގެ ޗެއާރމަން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީއާއި، ބޯޑު މެމްބަރު އަހުމަދު ލަތީފްގެ އިތުރުން ބޯޑު މެމްބަރު މޭޖާރ ރިޓަޔާޑް ތޮލްހަތު ހަސަން އެވެ.

އއ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވީ، މިފަދަ ޕްރޮގްރާމްތައް ރޭވިގެން ކުރިއަށް ދަނީ، އެމްޑީ ޝަރީފްގެ ދުރުވިސްނުމާއެކު، މުވައްޒަފުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުކަމާއި، ރައްޔިތުންނަށް ހިދުމަތް ކުރުމުގައި، ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިއްމުކަމާއި، އެކަމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ކަމަށެވެ.

މީގެއިތުރުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ، މި ޓްރެއިނިންގ އަކީ ވަރަށް މުހިއްމު ޓްރެއިނިންގއެއް ކަމަށާއި، ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަމެއްދީ، ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްގައި އަތޮޅުތަކުގެ އިންޖީނުގެތައް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ 31 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު