ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން މިރޭ ހުރަސްއެޅުމުން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް އޮފީސް ދޮރުމަތީގައި މިރޭ މުޒާހަރާ ކުރިއަށް ގެންދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ ބޮޑުތަކުރުފާނު މަގުން ޕީޕީއެމް އޮފީސް ދޮރުމަތިން ދަތުރު ކުރަށްވަމުން ގެންދަވަނިކޮށެވެ. ރައީސް ދަތުރުފުޅު ކުރެެއްވި މޮޓޯކޭޑް ބޮޑުތަކުރުފާނު މަގުން ދަތުރުކުރެެއްވީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

މިރޭގެ މުޒާހަރާގެ ތެރެއިން ރައީސްގެ މޮޓޯކޭޑަށް މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.



އެގޮތުން ވީޑިއޯއިން ފެންނަގޮތުގައި ރައީސް ޔާމީންގެ ގެކޮޅު ހިމެނޭ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކޭޑް ކުރިއަށް ދިޔަ ނުދީ ހުރަސް އަޅާފައެވެ.

މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވާއިރު އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީންނާއި ހަތިޔާރު އެޅި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

ޕީޕީއެމުން ބުނީ މިރޭގެ މުޒާހަރާއިން 20 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕީޕިއެމްްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް ހިމެނިވަޑައިގަންނަވައެވެ.

ޝިޔާމް ހައްޔަރުކުރުމުގެ ކުރިން ހައްޔަރު ކުރުމަށް ގާނޫނީ އިންޒާރު ދިން ފުލުހަކު ޝިޔާމާ ވާހަކަ ދައްކަމުން ބުނެފައިވަނީ، އޭނާ ހައްޔަރަށް ގެންދެވެނީ މެންބަރު ޝިޔާމް ލީޑްކުރި މުޒާހަރާގެ ބައިވެރިން މިރޭ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން އަންނަނީ ކޮންމެ ރެއަކު ވެސް މުޒާހަރާކުރަމުންނެެވެ. އެ މުޒާހަރާތަކުން ހައްޔަރުކުރާ ގިނަ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލައެވެ.



ކިޔުންތެރިންގެ ހިޔާލު