ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މިކަމާބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫޤެވެ.

994 މީހުންގެ އާބާދީއެއް ދިރިއުޅޭ ކ. ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ރަށެއްކަމުގައި ވީނަމަވެސް ރީތި ތުނޑިޔަކާއި ހިތްގައިމު މޫދެއް ލިބިފައިވާ ރަށެކެވެ.

މި ރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި އާމްދަނީ ހޯދަނީ ގެސްޓްހައުސް ވިޔަފާރި ކޮށްގެނާއި ކައިރީގައި އޮންނަ އެކިއެކި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ. މީގެ އިތުރުން އޮޑިދޯނިފަހަރު މަރާމާތުކުރާ ޔާޑެއް މި ރަށުގައި އޮންނައިރު ކަންނެއްޔަށާއި ކަނޑުމަހުގެ މަސްވެރިކަން ކުރާ 5 އޮޑިވެސް މިރަށުގައި އޮވެއެވެ.

އަތޮޅުގެ އެހެން ރަށްތަކޭ އެއްފަދައިން މި ރަށުގައިވެސް އަންނަނީ ފަތުރުވެރިކަން ފުޅާވަމުންނެވެ. އެގޮތުން މިހާރުވެސް ރަނގަޅު ފެންވަރުގައި ހިންގާ 12 ގެސްޓްހައުސްއެއް ރަށުގައި ހުރިއިރު، ގެސްޓް ހައުސްތަކުގައި ހުރި އެނދުގެ އަދަދު ޖުމްލަ 100 އަށް އަރައެވެ.

ގުޅީގެ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބިމުގެ ދަތިކަމެވެ. 19.9 ހެކްޓަރުގެ މި ރަށް އެއްކޮށް ފުރިފައިވާއިރު އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީވެސް 1996-1998 އާއި ދެމެދުގެ ހިސާބެއްގައި ކަމަށް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ސަބަބުން ކ. ގުޅީގެ ރައްޔިތުންގެ ޒަމާންވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބި، އިޤްތިޞާދީ އަދި ސިނާޢީ އެކިއެކި މަސައްކަތް ކުރެވޭނެ ބިން ރަށަށް އިތުރުވެގެން ދާނެއެވެ. އެހެންކަމުން މިއަދު ސޮއެކުރެވިގެން މިދިޔަ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ސަބަބުން ކ. ގުޅީގެ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެހި، ގުޅީގެ ރައްޔިތުންނަށް ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.



ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، 15.10 ހެކްޓަރުގެ ބިންހިއްކުމާއި، 940 މީޓަރުގެ ހިލަ ރިވެޓްމެންޓްއެއް ޖެހުމާއި، 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓްއެއް ޖެހުމާއި، 88 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓެއް ހެދުމަށް ފަހުއެވެ. މި މަޝްރޫޢަކީ 99.82 މިލިއަން ރުފިޔާއަށް 450 ދުވަސް ތެރޭ ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.



ކިޔުންތެރިންގެ ހިޔާލު